ޑުރަގުގެ މައްސަލައެއްގައި ތިން މަސް ކުރިން ހައްޔަރުކުރި މީހަކު، 3.5 ކިލޯގެ ޑުރަގާއެކު އަލުން ހައްޔަރުކޮށްފި

ފަތުޙު އާދަމް ޙަސަންފުޅު

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިން މަސް ކުރިން ހައްޔަރުކުރި މީހަކު، 3.5 ކިލޯގެ މަސްތުވާތަކެއްޗާއެކު އަލުން ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ނަންބަރު ދރ 071 / މާލެ، ފަތުޙު އާދަމް ޙަސަންފުޅު (44އ) އެވެ. އޭނާ ހައްޔަރުކޮށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށްވަނީ 15 ދުވަސް ޖަހައިފައެވެ.

ފަތުޙު އާދަމް ޙަސަންފުޅުގެ ބަންދު އަމުރުން އެނގޭ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެއަށް ދިޔަ ޓެކްސީއެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުޅުމާލެއަށް ގެންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތާ ގުޅިގެންނެވެ.

އޭނާ ޓެކްސީން ފޭބިތަނުން ހުއްޓުވައި ބެލި ބެލުމުން، އޭނާ ގެންދިޔަ ފޮށިގަނޑުން 3.5 ކިލޯގެ މަސްތުވާތަކެތި ފެނުނު ކަމަށް ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ. އަދި އޭނާގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮސިޓިވްކަންވެސް އަމުރުގައި ފާހަގަކޮށްފައިވެއެވެ.

ރެކޯޑްތަކުން ދައްކާ ގޮތުގައި މީގެ ތިން މަހެއްހާ ދުވަސް ކުރިންވެސް ފަތުޙު އާދަމް ޙަސަންފުޅު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވެއެވެ. އެ ފަހަރު އޭނާ ހައްޔަރުކޮށްފައިވަނީ، ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލައި ފާސްކުރުމަށް ފަހުއެވެ.

އެއީ އޭޕްރީލް، މަހުގެ އަށް ވަނަ ދުވަހުގެ ރޭ، ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

comment ކޮމެންޓް