އެމެރިކާގެ ބްލޫ ބެލް ކްރީމެރީސްގެ އައިސް ކްރީމް އާއި އެ ކުންފުނީގެ ގަނޑުކޮށްފައިވާ ކާބޯތަކެތީގެ ބައެއް ބާވަތްތަކުގައި "ލިސްޓީރިއާ މޮނޯޒައިޓިޖީންސް" އެކުލެވިފައި ހުރުމުގެ ސަބަބުން އެތަކެތި އެމެރިކާއާއި ދުނިޔޭގެ ބާޒާރުތަކުން ނަގަން ފަށައިފިއެވެ.
އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އާއި ޔޫއެސް ސެންޓަރ ފޯ ޑިސީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އަދި އެ ގައުމުގެ ކަމާ ގުޅުން ހުރި މުއައްސަސާ ތަކުން ވަނީ އެތަކެތީގެ ސަބަބުން ލިސްޓީރިއޯސިސް ބަލި ފެތުރޭތީ އެކަމުގެ ތަހުގީގުތަކެއް ކުރަން ފަށައިފައެވެ.
ޔޫއެސް އެފްޑީއޭ އިން ބުނެފައިވަނީ، އެ އެޑްމިނިސްޓްރޭޝަނުން ހިންގި ތަހްގީގުން އެނގިފައިވާ ގޮތުގައި 17 މާޗު އަދި 27 މާޗް 2015ގައި އުފައްދާފައި ހުރި ބްލޫ ބެލްގެ ބައެއް އުފެއްދުންތަކުން ނަގާފައިވާ ސާމްޕަލްތަކުން ލިސްޓީރިއާ ބަލި ފަތުރާ ޖަރާސީމް ""ލިސްޓީރިއާ މޮނޯޒައިޓިޖީންސް" ފެނިފައިވާ ކަމަށެވެ.
އެ ބަލީގެ ޖަރާސީމު ހުރި ތަކެތި އެތެރެ ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމެއް ދުނިޔޭގެ އިންޓަނޭޝަނަލް ފުޑް އެލާޓް ނެޓްވޯކް، އިންފޮސާން އިން ބުނެފައެއް ނުވެއެވެ. ނަމަވެސް އެ ކުންފުނީގެ ތަކެތި އެތެރެކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެއަށް ތަކެތި އެތެރެ ކުރާ ގައުމުތައް ހިމެނޭ ކަމަށް ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ ބުނެފައެވެ.
އެމްއެފްޑީއޭއިން ބުނީ، އެފަދަތަކެތި އެތެރެ ކުރުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށާއި އެތަކެތި އެތެރެ ކޮށްފައިވޭތޯ އެ އޮތޯރިޓީން ބަލަމުން ދާކަމަށެވެ.
ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން އެފަދަ ތަކެތި ރާއްޖެއަށް އެތެރެކުރެވޭ ތޯ ބަލާ ކަމަށާއި އެތަކެތި ބަލައި ފާސް ކުރާނެ ކަމަށްވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.