އިރުވައި މޫސުން އަންނަނީ ދިގުވަމުން: މަޖީދު

މޫސުމާ ބެހޭ ބައްދަލުވުމުގައި މަޖީދު ވާހަކަފުޅު ދައްކަވަނީ. ސަން ފޮޓޯ: ޢަލީ ނަސީރު

އިރުވައިމޫސުން ދިގުވަމުން އަންނަ ކަމަށާއި ބޯފެނުގެ ދަތިކަން ރަށްތަކަށް ކުރިމަތިވަނީ އެހެންވެ ކަމަށް އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އަދި ވޯލްޑް މީޓިއޮރޮލިކަލް އޯގަނައިޒޭޝަން (ޑަބްލިއުއެމްއޯ) އަށް ކަނޑައަޅުއްވާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޢަބުދުﷲ މަޖީދު ވިދާޅުވެއްޖެ އެވެ.

ޑަބްލިއުއެމްއޯއާއި ރީޖަނަލް އިންޓަގްރޭޓެޑް މަލްޓި ހެޒާޑް އާލީ ވޯނިން ސިސްޓަމް (ރައިމްސް)ގެ އެހީގައި މިއަދާއި މާދަމާ ބާއްވާ މޫސުމާ ބެހޭ ގައުމީ ބައްދަލުވުން ފެށުމަށް ޝީބިލްޑިންގްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަޖީދު ވިދާޅުވީ އިރުވައި މޫސުމަށް މިހާރު ދެ މަސް ދުވަސް އިތުރުވެފައިވާ ކަމަށެވެ.

" އާއްމު ގޮތެއްގައި މާޗް މަހާ ހަމައަށް އޮންނަ އިރުވައިމޫސުން މިހާރު ދެމަސްދުވަހަށް ދިގުދެމި، މޭމަހާ ހިސާބަށް، ބައެއް ފަހަރު މޭ މަހުގެ މެދަކާ ހިސާބަށް ދެމިގެންދާ ކަން ފާއިތުވި މަދު އަހަރުތަކުގައި ވަނީ ފާހަގަ ވެފައި،" އޭނާ ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެކަމުގެ ސަބަބުން ގިނަ އަދަދެއްގެ ރަށްތަކަކަށް ނުބައި އަސަރު ކުރާ ކަމަށާއި އެގޮތުން އެރަށްތަކަށް ބޯފެނުގެ ދަތިކަން ކުރިމަތިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ފެނުގެ ދަތިކަން ކުރިމަތިވާ ރަށްތަކަށް ފެން ފޯރުކޮށްދިނުމަށް އެތައް މިލިޔަން ރުފިޔާއެއް ހަރަދުކުރަން ޖެހޭ ކަމަށް ވެސް މަޖީދު ވިދާޅުވި އެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ކަންތައްތަކަށް މީހުން ތައްޔާރު ވުމަށް އެހީތެރިވެދިނުމުގެ ގޮތުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސް (އެމްއެމްއެޗް) އަށް އަދާ ކުރެވޭނެ ދައުރެއް އޮތްކަން އޭނާ ފާހަގަ ކުރެއްވި އެވެ. މޫސުމާ ބެހޭ މައުލޫމާތު މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި މީހުންނަށް ފޯރުކޮށްދިނުމަކީ އެގޮތުން ކުރެވިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތު ޝަރަފުވެރިކުރައްވައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގު އިބުރާހީމް ވިދާޅުވީ މޫސުމާ ބެހޭ މައުލޫމާތު މިހާރަށް ވުރެ ބޮޑަށް ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް ރާއްޖޭގެ މީޑިއާތަކަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

"... ގިނަ މީޑިއާއަތަކެއް ހާއްސަކޮށް ޓީވީތައް ރާއްޖޭގައި ހުންނާތީ އެބޭފުޅުންނަށް އަޅުގަނޑު ގޮވައިލަން ވީހާ ވެސް ބޮޑަކަށް ދުވަހުން ދުވަހުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެއްވަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ފެށި ބައްދަލުވުމުގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސް އާއި ކަމާ ބެހޭ އެހެން އިދާރާތަކުން ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. ބައްދަލުވުމުގައި މައުލޫމާތު ދެއްވުމަށް ޑަބްލިއެމްއޯއާއި ރައިމްސްގެ މާހިރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު