ވ. ރަކީދޫގައި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލަށް އަނިޔާކޮށް، މަރާލި ކަމުގެ ތުހުމަތު ކުރާ އެ ކުއްޖާގެ މަންމަ، އާފިޔާ މުހައްމަދުގެ ބަންދުގެ މުއްދަތު ހަތް ވަނަ ފަހަރަށް އިތުރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އާފިޔާގެ ބަންދުގެ މުއްދަތު ހަތް ވަނަ ފަހަރަށް އިތުރުކޮށްފައި ވަނީ ރޭ ކަމަށެވެ.
އެ މައްސަލާގައި ދައުވާ ނުކޮށް ގިނަދުވަސްތަކެއް ވާތީ ޕްރޮސިކިއުޓާ ޖެނެރަލްއާ މަޝްވަރާކޮށްގެން 10 ދުވަހުގެ ތެރޭގައި ދައުވާކުރުމާ މެދު ގޮތެއް ނިންމުމަށް ކޯޓުން މީގެކުރިން ވަނީ އަންގާފަ އެވެ. އެހެންނަމަވެސް އެ މައްސަލަ އަދި ޕީޖީ އޮފީހަށް ފޮނުވިކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.
ރަކީދޫ، މެރިންކޯނާ ގޭގައި ބޮޑެތި ޒަޚަމްތަކަކާ އެކު މަރުވެފައި އޮއްވައި އިބްތިހާލް ފެނިފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. އިބްތިހާލަށް، އޭނާގެ "މަންމަގެ ފަރާތުން އަނިޔާ ލިބެމުންދާތީ" އެކި ފަހަރު މަތިން އެކުއްޖާގެ މަންމައަށް ނަސޭހަތްތެރިވެފައިވާ ކަމަށް ރަކީދޫ ކައުންސިލުން ވަނީ ބުނެފަ އެވެ.
ހިއުމަންރައިޓްސް ކޮމިޝަންގެ ތަހުގީގަށް އާފިޔާ ގެންދިޔުމުން އޭނާ ވަނީ އިބްތިހާލަށް އަނިޔާ ކުރި ކަމަށް އިއުތިރާފުވެފަ އެވެ. އޭނާ ބުނީ ދަރިފުޅަށް އަނިޔާ ކުރީ މަރާލުމުގެ ނިޔަތުގައި ނޫން ކަމަށެވެ.
ފުލުހުންގެ ސީރިއަން އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ޗީފް އިނިސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ސަތީހު ވިދާޅުވީ އާފިޔާގެ އިތުރު ހަތަރު ދަރިން ތިބިއިރު އޭނާ އަނިޔާކޮށްފައިވަނީ ހަމައެކަނި އިބްތިހާލަށް ކަމަށެވެ. އަދި އިބްތިހާލާ މެދު އާފިޔާ ތަފާތުކުރުންތަކެއް ގެންގުޅެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.