ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ދިއްގަރު ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެ ކެނޑިޑޭޓަކު ހޮވުމަށް ޕްރައިމަރީއެއް ނުބާއްވާތީ އެޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
"ސަން" މިއަދު ދެއްވި އިންޓަވިއުއެއްގައި މޫސަ ވިދާޅުވީ ދިއްގަރު ދާއިރާ އަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަން ބައެއް ފަރާތްތަކުން "ފެން ބޮވައިގެން"ފައި ތިއްބައި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީއާ ގުޅިގެން އުފެދިފައިވާ ކޯލިޝަނެއްގެ ތެރެއިން ކެންޑިޑޭޓަކު ނެރުމަށް އެމްޑީޕީ އިން މަސައްކަތް ކުރާ ވާހަކަ އަޑުއިވެމުން އަންނަ ކަމަށެވެ.
މޫސަ ވިދާޅުވީ އެކަން އޭނާ ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމަށާއި އެކަން "އެގޮތަށް ކުރެވިގެން ނުވާނެ" ކަމަށެވެ.
"އެހެންވެއްޖިއްޔާ 2018ގައި އެމްޑީޕީ އިން ވެރިކަމަށް ނުކުންނާނެ މީހަކު ވެސް ކަނޑައެޅުމުގައި އެޕާޓީގެ އަމިއްލަ ހަކަތަ ނެތިގެންދާތަން މި ފެންނަނީ. އެއީ މިއަދު އެމްޑީޕީއަށް ކުރިމަތިލާ އަދި ވަދެގެން ތިބި ޖުމްހޫރީ ޕާޓީގެ މީހުންނާ އަދި އަދާލަތު ޕާޓީގެ މީހުންނާ މީތި ކޮންޓްރޯލް ކޮށްގެން ކުރިއަށް ގެންދާ ކަމުގެ ވަރަށް ބޮޑު ހެއްކެއް. މިކަން މިގޮތަށް ވެގެން ނުވާނެ. އޭގެ ޒާތުގައި އެމްޑީޕީގެ ފަރާތުން ކެންޑިޑޭޓަކު ނެރެވޭނެ ގޮތަކަށް އިންތިހާބުތައް އޮންނަންވާނީ،" މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ އެމްޑީޕީގެ ލީޑާޝިޕުން ބޭރުކުރިއަސް އޭނާގެ ހިތަކީ އެމްޑީޕީއާ ދުރުގައި އޮތް އެއްޗެއް ނޫން ކަމަށާއި އޭނާ އަކީ އަދިވެސް އެމްޑީޕީގެ މެމްބަރެއް ކަމަށެވެ. އެހެންކަމުން ޕްރައިމަރީ ނުބާއްވައި ކުރަން އުޅޭކަންތައް ނުކުރުމަށް އިލްތިމާސްކުރާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
"އެހެންވީމަ އަޅުގަނޑު ވަރަށް ކަންބޮޑުވާ ކަމެއް އެއީ. އަޅުގަނޑު އެމްޑީޕީގެ ލީޑާޝިޕުން އަދި ބޭރު ކުރިކަމުގައި ވިއަސް އަޅުގަނޑުގެ ހިތަކީ އެމްޑީޕީއާ ދުރުގައި އޮތް އެއްޗެއް ނޫން. އެމްޑީޕީގެ މީހެއް އަޅުގަނޑަކީ. އެއީ އިލެކްޝަނުގެ ދަފްތަރަކުން އަޅުގަނޑު އުންޏެއް ނުކުރޭ. އެހެންވީމަ އެގޮތަށް ކަންތައް ނުކުރުމަށް އަޅުގަނޑު އިލްތިމާސްކުރަން،" މޫސަ ވިދާޅުވި އެވެ.
މޫސަ މިހެން ވިދާޅުވި އިރު ދިއްގަރު ދާއިރާގެ ގޮނޑި އަށް އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް، ޕްރައިމަރީ ނުބާއްވާ މައްސަލަ ބަލައިދޭން އެދި ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސައިން ވަނީ އެޕާޓީގައި އެދިފަ އެވެ.
އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެފައި ވަނީ ދިއްގަރު ދާއިރާ އަށް އިދިކޮޅު ޕާޓީތައް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް އެކަމާ ގުޅޭ ގޮސް ރަސްމީ ސިފައެއްގައި އެއްވެސް އެއްޗެއް އެމްޑީޕީން ބުނެފައެއް ނުވެ އެވެ.