މައްޗަށްގޯޅި ސަހަރާ ކޮންނަމުން ދަނީ އެ ސަރަހައްދުގައި ޕާކިން ޒޯނެއް ހަދައި އެ ސަރަހައްދުގެ ބައެއް މަގުތައް ބަންދު ކުރުމަށް އެ ހިސާބުގެ ރައްޔިތުން އެދެމުން ދާތީ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ސަން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިއަދު މުއިއްޒު ވިދާޅުވީ، މައްޗަށްގޯޅި ސަހަރާ ހުންނަ ސަރަހައްދުގައި އުޅޭ ފަރާތްތަކަކުން އެ ހިސާބުގެ ބައެއް ގޯޅިތަކުގައި ހިނގާފައި އުޅޭގޮތް ހަދައިދިނުމަށް ހައުސިން މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ. އަދި ވިދާޅުވީ، އެ ހިސާބުގައި ދިރިއުޅޭ ފަރާތްތަކުން އެދެނީ ސަހަރާގެ ތެރެއިން ބައެއް ނަގާފައި އެ ބޭފުޅުންނަށް ހާއްސަ ޕާކިން ޒޯނެއް ހަމަޖައްސައި ދިނުމަށް ކަމަށެވެ.
"ދެން އެ ގޯޅިތަކުގެ ރައްޔިތުން ހަމަ އެދޭ ކަމެއް އެ ސަރަހައްދުން ސަހަރާގެ ތެރެއިން ބައެއް ނަގާފައި އެ ބޭފުޅުންނަށް ހާއްސަ ޕާކިން ޒޯނެއް ހަމަޖައްސައި ދިނުމަށް. އެހެންވީމަ އެކަމުގެ ތައްޔާރީތަކެއް އެ ހިސާބުގައި އެ ދަނީ،" މުއިއްޒު ވިދާޅުވިއެވެ.
މާލޭގެ ބައެއް މަގުތަކަކީ ހިނގާފައި އުޅޭ މަގުތަކެއްގެ ގޮތުގައި ހެދުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއު މަޑުޖައްސާލައިފައި ވަނީ މާލޭގައި މިހާރު ހިނގަމުންދާ ބައެއް ކަންތައްތައް ހުރި ގޮތުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ސަރުކާރުން އެ މަޝްރޫއު މަޑުޖައްސައިލާފައި ވީ ނަމަވެސް ބައެއް ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން އެ ހިސާބުގެ ބައެއް މަގުތައް ނުވަތަ ގޯޅިތަކަކީ ހިނގާފައި އުޅޭ ގޯޅިތަކެއްގެ ގޮތުގައި ހަމަޖައްސައި ދިނުމަށް "އެދިލައްވައިފި ނަމަ ސާވޭތަކެއް ކުރުމަށްފަހު" އެކަން ކޮށްދެއްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދެން މަޑުޖައްސާލީ މާލޭގެ ކަންތައްތައް މިހާރު ހުރި ގޮތުން. އެހެންނަމަވެސް މި ދެންނެވިހެން ބައެއް ގޯޅިތަކުގެ ރައްޔިތުން އިސްނަންގަވައިގެން އަޅުގަނޑުމެންނަށް ވަނީ ހުށަހަޅާފައި. ދެން އަޅުގަނޑުމެން ގޮސް އެ ގޯޅިތަކުގެ ގޭގެއަށް ގޮސް ކޮންމެ ގެއަކުން ފޯމެއް ފުރައިގެން ސާވޭ ކޮށްފިން. ކުރީމާ މި ދެންނެވި ގޯޅިތަކުގައި އުޅުއްވާ ފަރާތްތަކުގެ 96 އިންސައްތަ ފަރާތްތަކުން ބޭނުންވޭ އެ މަގުތައް ނުވަތަ ގޯޅިތަކަކީ ހިނގާފައި އުޅޭ ގޮތް ހަދައިދިނުމަށް. ދެން އެހެން ފަރާތްތަކުގައި ވެސް ހުރި ކަންބޮޑުވުންތަކަށް އަޅުގަނޑުމެންނަށް އެޑްރެސް ކުރެވޭތޯ ބަލާނަން. އެހެންވީމަ މިދިޔަ ދުވަސްތަކުގައި މުޅިން މިދިޔައީ ސާވޭ ކުރުމާ ރައްޔިތުން ބޭނުންވާ ކަންކަން ބެލުމާ އެގޮތަށް." މުއިއްޒު ވިދާޅުވި އެވެ.
ރައްޔިތުންނަށް ހިތް ފަސޭހަ ތަނަކަށް މާލެ ހެދުމަށް ހިންގާ މަޝްރޫއުތަކުގެ ދަށުން ހެންވޭރު ރަތްވިލާމަގާއި ހީނާގޯޅި މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ހައުސިން މިނިސްޓްރީން ބަންދު ކުރިއެވެ. އެހެންނަމަވެސް ފަހުން މިނިސްޓްރީން ވަނީ ނުވަދެވޭ ގޮތަށް ބަންދުކުރި ގޯޅިތަކުގައި ޖަހާފައި ހުރި ދަގަނޑުތައް ނަގާފައެވެ.
ހައުސިން މިނިސްޓްރީން އޭރު ބުނީ އެ ދަގަނޑުތައް ނެގީ އިމެޖެންސީ ހާލަތްތަކުގައި އެ މަގަކަށް ނުވަތަ ގޯޅިއަކަށް ނުވަދެވޭނެތީ ކަމަށެވެ.