ރައްޔިތުންގެ ފައިސާ ހަރަދުކޮށްގެން އެމްޑީޕީން ދަނީ ރައްޔިތުން ފިއްތަމުން: ސިޔާމް

އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ސަރުކާރު ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ -- ސަން ފޮޓޯ: އަލީ ނަސީރު

ދިވެހި ރައްޔިތުންގެ ބައިތުލް މާލުން ފައިސާ ހަރަދުކޮށްގެން އިދިކޮޅު އެމްޑީޕީން ދަނީ ރައްޔިތުން ފިއްތަމުން، ރައްޔިތުންނަށް ނިކަމެތިކަން ދެމުން ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއާ އެމްޑީއޭ ގުޅިގެން "ގިނަވަނީ"ގެ ނަމުގައި އާޓްފިޝަލް ބީޗުގައި މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް އުފާ ފާގަތިކަން އެދޭ ނަމަ ރައްޔިތުންނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް "ނުގޮވާނެ" ކަމަށެވެ.

ރައްޔިތުންގެ ތަރައްގީއަށް އެމްޑީޕީން އެދޭނަމަ ދިވެހި ރައްޔިތުން "ބަދުނާމެއް ނުކުރާނެ" ކަމަށާއި އެމްޑީޕީގެ އާންމު މެމްބަރުން ވެސް މިކަމާ ވަރަށް ބޮޑަށް ވިސްނަންވެއްޖެ ކަމަށް ސިޔާމް ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހެވެއް އެދޭނަމަ އެ ރައްޔިތުން ބަދުނާމުކޮށް ވާހަކަތަކެއް ނުދައްކާނެ. އަޅުގަނޑުމެން އެކަކު އަނެކަކަށް ވިސްނަމާ ބަހީ. އަޅުގަނޑުމެންގެ ދަރިއެއްގެ ކައިރީ ނުވަތަ އަޅުގަނޑުމެންގެ ދަރިއަކަށް އަޅުގަނޑުމެން އެއްޗެހި ކިޔާނެތޯ؟ އަޅުގަނޑުގެ މަންމަމެންނަށް އަޅުގަނޑުމެން އެއްޗެހި ކިޔާނެތޯ؟ އަޅުގަނޑުމެންގެ ބައްޕައަށް އަޅުގަނޑުމެން އެއްޗެހި ކިޔާނެތޯ؟ ދަންނަވާލަން މިއުޅެނީ މިގޮތަށް އަޅުގަނޑުމެންގެ މަންމައަކީ މިގައުމު. މި ގައުމު ހަނާކޮށް ސުންނާފަތިކޮށް އުޅޭ ބަޔަކީ ގައުމުގައި ފަސާދަ އުފައްދާ ބައެއް. ގައުމުގެ ރައްޔިތުންނަށް ހެވެއް އެދޭ ބައެއް ނޫން،" ސިޔާމް ވިދާޅުވި އެވެ.

ސަރުކާރު ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގެތެރެއިން -- ސަން ފޮޓޯ: އަލީ ނަސީރު

އޭނާ ވިދާޅުވީ، އެފަދަ ބަޔަކީ އެއްވެސް މީހަކަށް ނުވަތަ ބަޔަކަށް އޯގާތެރިކަމެއް ހުރިބައެއް ނޫން ކަމަށެވެ. އަދި އެމްޑީޕީން ވަކިވެވަޑައިގެން އެޕާޓީގެ މެމްބަރުން ޕީޕީއެމް އަދި އެމްޑީއޭއާ ގުޅިވަޑައިގަތުމަަށް ސިޔާމް ވަނީ އެދިވަޑައިގެންފައެވެ.

"އަޅުގަނޑުމެންނަކީ ރާއްޖޭގެ ރައްޔިތުންނަށްޓަކައި މަސައްކަތް ކުރާ ބައެއް. އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާއަކަށް މިހުންނެވި ބޭފުޅާއަކީ އަޅުގަނޑުމެންނަށް ލިބުނު ރަހުމަތެއް. މި ރަހުމަތް އަޅުގަނޑުމެން ރަނގަޅު ގޮތުގައި ބަލައިގަންނަންޖެހޭ. އަޅުގަނޑުމެން ކެތްތެރިވާންޖެހޭނެ،" އެމްޑީއޭގެ ލީޑަރު ވިދާޅުވިއެވެ.

"ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ތެރެއިން ވެރިކަން ކުރަން ފެށީމާ، ބަޔަކު މީހުން ކެކެން ފަށާނެ. އެެހެންނަމަވެސް އަޅުގަނޑުމެން ރާއްޖޭގައި ގާނޫނުއަސާސީއެއް ހަދައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހެއް އުފައްދައި ރައްޔިތުންގެ މަޖިލީހުން ގާނޫނުތަކެއް ހެދުމުން، ރާއްޖޭގެ ވަލިއްޔުލްއަމުރުގެ މަސްއޫލިއްޔަތެއް އެއީ އެ ގާނޫނުތައް ތަންފީޒު ކުރުން،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ، ރައްޔިތުން ބޭނުންވާ މަންޒިލަށް މިއަދުގެ ސަރުކާރުން ރައްޔިތުން ވާސިލްކޮށްދޭނެ ކަމަށާއި މިއަދުގެ ސަރުކާރަކީ ރައްޔިތުންނަށް އޯގާތެރިކަމާ އެކު ހިދުމަތް ކޮށްދޭނެ ބައެއް ކަމަށެވެ.

ސަރުކާރު ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގެތެރެއިން -- ސަން ފޮޓޯ: އަލީ ނަސީރު

އެމްޑީއޭގެ ލީޑަރު ވިދާޅުވީ، އަދުގެ ސަރުކާރަކީ ވަކި ޕާޓީއަކަށް ނުވަތަ ވަކި ފިކުރަކަށް ނިސްބަތްވާ ބަޔަކަށް ޚިދުމަތްކޮށްދޭނެ ސަރުކާރެއް ނޫންކަމަށާއި، ދިވެހި ކޮންމެ ރައްޔިތަކަށްވެސް ސަރުކާރުން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ހަމަހަމަކަމާއެކު ފޯރުކޮށްދޭނެ ކަމަށެވެ.

comment ކޮމެންޓް