ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސުޕްރީމް ކޯޓަށް ވަޑައިގެން، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
ސުޕްރީމް ކޯޓުން ނުކުމެވަޑައިގެންނެވުމުން "ސަން"އިން ސުވާލު ކުރުމުން ގާސިމް ވިދާޅުވީ ސުޕްރީމް ކޯޓަށް ވަޑައިގެންނެވީ ޓޫރިޒަމް މިނިސްޓްރީއާ ދެކޮޅަށް ވިލާ ހޮލިޑޭ ޕްރައިވެޓް ލިމިޑެޓުން ހުށަހެޅާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.
ކ. ބޮލިދުއްފަރާއިި ވ. ވެއްދިފަޅުގެ އެގްރިމެންޓް ބާތިލު ކުރުމަށް ޓޫރިޒަމް މިނިސްޓުރީން ނިންމާފައިވުމުން އެކަން ނުކުރެވޭނެ ކަމަށް ދަށު ކޯޓުން ވަނީ ނިންމާފަ އެވެ. ނަމަވެސް ހައިކޯޓުން ވަނީ ޓޫރިޒަމް މިނިސްޓުރީއާ އެއްކޮޅަށް އެ މައްސަލަ ނިންމާފައެވެ.
ގާސިމް "ސަން" އަށް ވިދާޅުވީ ހައިކޯޓުގެ ނިންމިނިންމުން އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މައްސަލަ ބަލައިނުގަތުމުން މިއަދު އުއްތަމަ ފަނޑިޔާރާއި ބައްދަލު ކުރީ އެ މައްސަލަ ބަލައިނުގަތް ސަބަބެއް ސާފް ކުރުމަށް ކަމަށެވެ. އެ މައްސަލަ ލިޔުމަކުން ހުށައެޅުމަށް އުއްތަމަ ފަނޑިޔާރު އެދުނު ކަމަށް ގާސިމް ވިދާޅުވިއެވެ.
"އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެކަމާ ހިތްހަމަ ނުޖެހެންޔާ ސަބަބު ބަޔާންކޮށް މިކޮޅަށް [ސްޕްރީމް ކޯޓަށް] ސިޓިއެއް ލިޔާށޭ، ލިޔެކިޔުމުގެ ޒަރީޔާއިންނޭ އަނގަބަހަކުން ކަންތައްތަކެއް ނުނިންމަމަމޭ،" ގާސިމް ވިދާޅުވިއެވެ.
މީރާއިން ވިލާ ގްރޫޕަށް ފޮނުވި ނޯޓިސްގައި ވަނީ 30 ދުވަހުގެ ތެރޭގައި ދައުލަތަށް ދައްކަންޖެހޭ 100 މިލިއަން ޑޮލަރު ދައްކައި ޚަލާސްކުރުމަށެވެ. އަދި އެ ފައިސާ ނުދައްކައިފިނަމަ ވިލާގެ އެކައުންޓުތައް ފްރީޒް ކުރުމަށް މީރާ އިން ވަނީ ނިންމާފަ އެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_14284866896fouM.jpg)
އުއްތަމަ ފަނޑިޔާރާ ބައްދަލު ކުރެއްވުމަށްފަހު، ގާސިމް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ
ގާސިމް ވިދާޅުވީ މީރާއިން ނުހައްގު ގޮތެއްގައި ވިލާ ކުންފުނީގެ އެކައުންޓްތައް ފުރީޒް ކުރުމަށް މަސައްކަތްކުރާތީ ޝަރީއަތް ނިމެންދެން އެކަން މަޑުކުރުމަށް ވަގުތީ އަމުރެއް ނެރެދޭތޯ އެދިފައިވާ ކަމަށާއި ނަމަވެސް އެކަމަށް އަދި ގޮތެއް ނުނުމިމޭ ކަމަށެވެ. ގާސިމް ވިދާޅުވީ ވިލާގެ ވިޔަފާރިތަކުގެ އެގްރިމެންޓް ބާތިލް ކުރަމުންދަނީ ނުހައްގުން ކަމަށެވެ.
ގާސިމް ވިދާޅުވީ ވިލާ ގްރޫޕްގެ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ކަމަށް ބުނާ 100 މިލިއަން ޑޮލަރުގެ މައްސަލައާ ގުޅިގެން އެކުންފުނީގެ އެކައުންޓުތައް ފްރީޒްކޮށްފިނަމަ ވިލާގެ ދަށުން މަސައްކަތް ކުރާ 5000 އަށް ވުރެ ގިނަ މުވައްޒަފުން ހާލުގައި ޖެހޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ގްރޫޕްގެ ދަށުން ހިންގަމުންދާ ވިލާ ހޮލިޑޭ ކުންފުންޏަށް ދޫކޮށްފައިވާ ކ. މާދިއްގަރު ފަޅާއި ކ. ކަނުހުރާގެ އެއްބަސްވުން ބާތިލްކޮށް ސަރުކާރުން ފޮނުވި ލިޔުމަށް އަމަލުކުރުން ފަސްކުރުމަށް އެކުންފުނިން ވަގުތީ އަމުރަކަށް އެދުމުން އެކަން ވާންނެތް ކަމަށް ސިވިލް ކޯޓުން މިއަދު ވަނީ ނިންމައިފި އެވެ.