ވޮޝިންޓަން (އެޕްރީލް 8): އެމެރިކާގެ ސަރުކާރާއި ދައުލަތުގެ މުހިއްމު ބައެއް މުއައްސަސާތަކުން ކަރަންޓް ކަނޑައިގެން ދިޔުމާއެކު އަލުން ކަރަންޓް ފޯރުކޮށްދިނުމަށްޓަކައި ވަގުތީ ޖަނަރޭޓަރުތައް ބޭނުންކުރަން ޖެހިއްޖެއެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއް ބުނާގޮތުން ކަރަންޓް ކަނޑައިގެންދިޔަ މުއައްސަސާތަކުގެ ތެރޭގައި ޚާރިޖީ ވުޒާރާއާއި އެމެރިކާގެ ރިޔާސީ މަރުކަޒު ކަމަށްވާ ވައިޓްހައުސް އާއި ޕާލަމެންޓް (ކޮންގްރެސް)ގެ އިމާރާތް ކަމަށްވާ ކެޕިޓަލް ހިލްއާއި ޖަސްޓިސް ޑިޕާޓްމަންޓްގެ އިތުރުން ވެރިރަށް ވޮޝިންޓަންގައިވާ ބޮޑެތި އިމާރާތްތަކާއި މީހުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތްތައްވެސް ހިމެނެއެވެ. އަދި ވޮޝިންޓަންގެ ބިމުގެ އަޑީގެ ރޭލްވޭ ނިޒާމު ކަމަށްވާ މެޓްރޯ ނިޒާމުންވެސް ކަރަންޓް ކަނޑައިގެންގޮސް އެނިޒާމުވެސް ހުއްޓިގެން ދިޔަކަމަށް ޚަބަރުލިބެއެވެ.


އެމެރިކާގެ ޚާރިޖީ ވުޒާރާގެ ބަޔާން ބުނާގޮތުން ވޮޝިންޓަންގައިވާ އެމެރިކާގެ ސަރުކާރާއި ދައުލަތުގެ މުހިއްމު ބައެއް މުއައްސަސާތަކުން ކަރަންޓް ކަނޑައިގެން ދިޔައީ ކަރަންޓް އުފައްދާ ޖަނަރޭޓަރުތަކަށާއި ކަރަންޓް ފޯރުކޮށްދިނުމުގައި އެހީތެރިވާ ޓްރާންސްފޯމަރުތަކަށް ފަންނީ މައްސަލަތަކެއް ދިމާވެގެންނެވެ.

ވައިޓް ހައުސްއިން ކޮންމެ ދުވަހަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުން މިކަމުގެ ސަބަބުން އިއްޔެ ފަސްކޮށްފައިވާއިރު ކޮންގްރެސް އާއި ޚާރިޖީ ވުޒާރާގެ މަސައްކަތްތަކަށްވެސް ވަނީ ހުރަސްއެޅިފައެވެ.

ވޮޝިންޓަންގެ ބޮޑުބަޔަކުން ކަރަންޓް ކަނޑައިގެން ދިޔުމާއެކު ވައިޓް ހައުސްއަށާއި ކޮންގްރެސްގެ އިތުރުން ޚާރިޖީ ވުޒާރާއަށް ކަރަންޓް ފޯރުކޮށްދިނީ އެތަންތަނުގައިވާ ކުދި ޖަނަރޭޓަރުތަކުން ކަމަށްވެއެވެ.

އެމެރިކާގެ މަސްއޫލުވެރިންވަނީ މިހާދިސާގެ ފަހަތުގައި ޓެރަރިޒަމްގެ އަމަލެއް ވާކަމަށް ނުބެލެވޭކަމަށާއި ނަމަވެސް މިކަން ތަހްގީގު ކުރަމުން ގެންދާކަމަށް ވިދާޅުވެފައެވެ.

ވޮޝިންޓަނާއި ނިޔުޔޯކްފަދަ އެމެރިކާގެ ބޮޑެތި ސިޓީތަކުން ކަރަންޓް ކަނޑައިގެން ދިޔުމަކީ އެމެރިކާ ފަދަ ގައުމަކަށް އާދައިގެ ކަމެއްނޫނެވެ. އަދި އެއީ އާންމުކޮށް ހިނގާ ކަމެއްވެސް ނޫނެވެ. ނަމަވެސް ކަރަންޓް ކަނޑައިގެން ދިޔުމުގެ އެތަށް މައްސަލައެއް ފާއިތުވި އަހަރުތަކުގައި އެމެރިކާގެ އެކި ސްޓޭޓް ތަކަށް ކުރިމަތިވެފައިވެއެވެ. (ރޮއިޓާސް)