ހިކެން ކުރި މަސައްކަތް ވެސް ފޫހިކޮށްލައިފި!

ކަސްރަތު ޕާކްގައި ހުރި ބެންޗެއް ހަލާކުވެފައި-- ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ

ފަލަކަމަށް މީހުން ބުނާތީ ހިކެން ގަސްތުކޮށް، ދުވެލަން ގޮސްފީމެވެ. ކަންދިމާވި ގޮތުން މާގިނައިން ދުވެވޭ ގޮތެއްނުވި އެވެ. ދެން ގަސްތުކުރީ ކަސްރަތު ކޮށްލުމަށެވެ. އެވެސް ބަނޑުގެ ކަސްރަތެވެ. މާފަންނު ކުޅިވަރު އެކުވެނީގެ ޓްރެކް ދަނޑުގައި ބަހައްޓާފައި ހުރި ބައެއް ސާމާނުތައް ބޭނުންކޮށްގެން ކަސްރަތު ކޮށްލަން ދިޔައީ ހަށިގަނޑު ހިއްކާލުމުގެ އުންމީދުގަ އެވެ. ނަމަވެސް ކަންދިމާވީ އުންމީދުކުރިގޮތަކަށް ނޫނެވެ. އެތަކެތި ބޭނުން ކުރަން ގިނަ ބަޔަކު އެއްވެ ތިބިއިރު ސަލާމަތުން ބޭނުން ކުރެވެން ހުރީ މަދު ތަކެއްޗެވެ.

އާނއެކެވެ. މިއީ ސިއްހިތަށް ލޯބި ކުރާ ފަރާތްތަކުން ކަސްރަތު ކޮށްލުމަށް ބޭނުންކުރާ އާލާތްތައް ހުރި ހާލެވެ. ރެއާ ދުވާލު އެތައް ސަތޭކަ ބަޔަކު މާލޭގެ އެކި ސަރަހައްދުތަކަށް ގޮސް ކަސްރަތު ކުރާއިރު އެކަމަށް ބޭނުންކުރާ އާލާތްތައް ހުރީ ވީރާނާވާން ފަށާފަ އެވެ. ކަސްރަތު ކުރަން ހާއްސަ ދެ ސަރަހައްދު ކަމަށްވާ އެކުވެނީގެ ޓްރެކް ސަރަހައްދާއި ސުނާމީ ބިނާ ސަރަހައްދުގެ ކަސްރަތު ޕާކް ސަރަހައްދުގައި ހުރި ސާމާނުތައް ވެސް ހުރީ ވީރާނާވާން ފަށާފަ އެވެ.

އެކުވެނީ ޓްރެކް ސަރަހައްދުގައި ހަތް "ސިޓް އަޕް ބެންޗް" އަދި ކަސްރަތު ޕާކް ސަރަހައްދުގައި އެވައްތަރުގެ ދެ ބެންޗް ބަހައްޓާފައިވާއިރު އެހުރިހާ ތަކެތިވެސް ހުރީ ވަރަށް ބޮޑަށް މަރާމާތައް ބޭނުންވެފައެވެ. ޓްރެކް ސަރަހައްދުގައި ބަހައްޓާފައި ހުރި ހުރިހާ ބެންޗެއް ވެސް ވަނީ ކުލަތައް ފޮޅި ދަބަރަށްވެފައެވެ. ބެންޗުމަތީގެ ފިލާތައް ހުރީ ހެލޭ ދަތެއްހެން ގުޑަގުޑައެވެ. ކަސްރަތު ޕާކް ސަރަހައްދުތަކުގައި ހުރި ބެންޗްތަކުގެ އަތްގަނޑުތަކެއްވެސް ނެތެވެ. މިއީ ބަނޑުގެ ކަސްރަތު ކުރަން އޮތް ބޮޑު ހުރަހެކެވެ.

އެދެ ސަރަހައްދުގައި ކަސްރަތު ކުރުމަށް ބޭނުން ކުރަން ހަދާފައި ދެން ހުންނަނީ އެލެން ބޭނުންކުރާ "މަންކީ ބާ" އެވެ. އެގޮތުން އެކުވެނީގެ ޓްރެކް ސަރަހައްދުގައި އޭގެ އެއް ބާ ހުރިއިރު އޭގެ ދެ ފައިވަނީ ދަބަރަށް ގޮސް ހުސްވެފައެވެ. ބިންމަތީގައި އޭގެ ދެފައި ޖެހިފައި އިންނައިރު އަނެއް ދެ ފައި އިންނަނީ ބިމުގައި ނުޖެހިއެވެ. އެހެންކަމުން އޭގައި އެލިގެން ކަސްރަތު ކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ. އަދި އެއީ ފުރިހަމައަށް ކަސްރަތު ކުރެވޭ ފެންވަރުގައި ހުރި އެއްޗެއް ވެސް ނޫނެވެ. ކަސްރަތު ޕާކުގައި އޭގެ ތިން ބާ ހުރިއިރު އެއް ބާ ވަނީ ދަބަރުން ފުރިފައެވެ. އަނެއްބާގެ ފައިތައް ވެސް އެއްވަރެއް ނޫނެވެ. ބިމުގައި ނުޖެހޭ ފައި އެބަހުއްޓެވެ. އެއީ ކަސްރަތު ކުރެވޭ ފެންވަރަކަށް ހުރި ތަކެއްޗެއް ނޫނެވެ.

ޓްރެކްސަރަހައްދުގައި ބަހައްޓާފައި ހުރި މަންކީ ބައެއްގައި މީހަކު އެލިގެން-- އޭގެ ފައިތައް ވަނީ ހަލާކުވެފައި: ސަން ފޮޓޯ: އަހުމަދު ސާއިލް

އެ ތަކެތީގެ އިތުރުން އެ ދެ ސަރަހައްދުގައި ފައިގެ ކަސްރަތުތައް ކުރުމަށް ބަހައްޓާފައި ހުރި ބްލޮކްތައް ވެސް ވަނީ ހަލާކުވެފައެވެ. ހާއްސަކޮށް ކަސްރަތު ޕާކް ސަރަހައްދުގައި ފައިގެ ކަސްރަތު ކުރުމަށް ފަސް ވަރަކަށް ބުލޮކް ބަހައްޓާފައި ހުރި އިރު އެތަކެތި ވަނީ ފީވެގެން ނެއްޓެން ފަށާފައެވެ. އެ ބުލޮކްތައް ބޭނުންކޮށްގެން އަނިޔާއެއް ލިބިދާނެއެވެ. ހަމަގައިމުވެސް ފުރިހަމަ ކަސްރަތެއް ނުކުރެވޭނެއެވެ.

ކަސްރަތު ކުރަން ބަހައްޓާފައި ހުރި ސާމާނުތައް ހަލާކުވުމުގެ އިތުރުން އެތައް ސަތޭކަ ބަޔަކު ކަސްރަތު ކުރަންދާ އެ ސަރަހައްދުގައި ދެ ތިން ބެންޗު ހުރުމުން އެތައް ބަޔަކު ޖެހެނީ ކަސްރަތު ކޮށްލުމަށް ކިޔޫގައި ތިބޭށެވެ. އެހެންގޮސް ކަސްރަތު ކޮށްލުމަށް ލިބެނީ އެތައް ވަގުތެއް ވޭތުވާ ފަހުންނެވެ. މިއީވެސް އެތައް ބަޔަކު ކަސްރަތު މަތިން މާޔޫސްކުރުވަނިވި ކަމެކެވެ.

އަހުމަދު ޝަމްއޫން ރަޝީދު، 21، އަކީ ކަސްރަތަށް ލޯބި ކުރާ ޒުވާނެކެވެ. ފިޓްކޮށް ފަލަ ނުވެ ހުންނަން ބޭނުންވާ ޒުވާނެކެވެ. ނަމަވެސް އޭނާގެ އެމަަސައްކަތަށް މިބުނާ މައްސަލަތަކުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ. އެކަންވަނީ ފިޓްނަސްއަށް ލޯބި ކުރާ ޝަމްއޫން ކަސްރަތުގެ މަތިން މާޔޫސް ކުރުވާ ކަމަކަށެވެ.

"މިހާރު ހުރިހާ މަސުލް ގުރޫޕަކަށް ވޯކް އައުޓެއް ނުކުރެވޭ ދޯ އެތާނގައެއް. އެތަނުގައި ހުންނަ އެއްޗެއްސަކުން. މިސާލަކަށް އެނގޭމީހަކަށްވެސް، ހަމަ މާޔޫސްވެ ތިބެންޖެހެނީ،" ޝަމްއޫން ބުންޏެވެ.

ޝަމްއޫނާއި އަދި އެސަރަހައްދުތަކަށް ކަސްރަތު ކުރަންދާ ފަރާތްތަކާ ވާހަކަ ދައްކާލުމުން އެނގުނުގޮތުގައި އެފަރާތްތަކުގެ އެންމެ ބޮޑު އެދުމަކީ އެސަރަހައްދުގައި ގިނަ ސާމާނާއެކު ވަސީލަތްތައް ތަރައްގީ ކޮށްދިނުމެވެ. ގިނަ ކަސްރަތުތަކެއް ކުރެވޭނެ ބެންޗްތަކެއް އެތަނުގައި ބަހައްޓައި ދިނުމެވެ. މިއަދު އެސަރަހައްދުގައި އެހުރި ސާމާނަކީ ކަސްރަތު ކުރަން އެންމެ އެކަށިގެންވާ ވަރުގެ ތަކެތި ކަމަށް އެފަރާތްތަކުން ގަބޫލެއް ނުކުރެއެވެ.

"ބޭނުންވާ އެއްޗެހި ނެތް ވާހަކަ. އަޕްގްރޭޑެއް އެތަނަށް ނާންނާތީ ދެރައީ. މީގެ 15 އަހަރު ކުރިން ހުރި އެއްޗެހި ކަންނޭންގެ އެތަނުގައި އެހެރީ،" ހިކުމަށް ކަސްރަތު ކުރަމުންދާ އަހުމަދު ޝަމާހު ބުންޏެވެ.

މަންކީ ބާގެ ފައިތައް ވަނީ ހަލާކުވެފައި: ސަން ފޮޓޯ: އަހުމަދު ސާޢިލް

ކަން އެހެން އޮތްއިރު އަދި އެތައް ބަޔެއްގެ ޝަކުވާ އެކަމަށް ހުރިއިރު ޒުވާނުންގެ އަދި ކުޅިވަރު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު ވިދާޅުވީ މިވަގުތު ޓާގެޓް ކުރެވިފައިވަނީ ޓްރެކް ސަރަހައްދުގައި ކަސްރަތު ކުރާނެ ރަނގަޅު އިންތިޒާމްތަކެއް ހަމަޖެއްސުން ކަމަށެވެ. އެގޮތުން އެކަމަށް މިހާރު ސުޕޮންސަރެއް ހަމަޖެހިފައިވާއިރު ވަރަށް އަވަހަށް މަސައްކަތް ފެށޭނެ ކަމަށާއި އެތަނުގައި، އަށް ލައްކަ ރުފިޔާގެ ތަކެތި ބެހެއްޓޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އާދެ ކަސްރަތު ކުރާ ތަކެތި އިތުރުވެގެންދާނެ. މިހާރަކު ނުހުންނާނެ ދެއްތޯ އަށް ލައްކަ ރުފިޔާގެ ސާމާނުތަކެއް. ގާތްގަނޑަކަށް ހަ ލައްކަ ރުފިޔާއާއި އަށް ލައްކަ ރުފިޔާގެ ބެންޗްތަކާއި އިތުރު ކަސްރަތު ކުރާނެ އެކިއެކި ވަސީލަތްތައް އެތަންތަނުގައި ގާއިމް ކުރެވޭނީ،" ކަސްރަތު ކުރަން ލޯބި ކުރާ ފަރާތްތަކަށް އުންމީދީ ޖަވާބެއް ދެއްވަމުން މިނިސްޓަރު މަލީހް ވިދާޅުވިއެވެ.

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ އަޑަށް ބާރު ލާފައި ދައްކާ މުޖުތަމައުއެއްގައި ހާލަތު ހުރީ މިބުނިގޮތަށެވެ. ކަސްރަތު ކޮށްލަން ބެހެއްޓިފައިހުރީ މަދު ސާމާނުތަކެކެވެ. އޭގެ ތެރެއިންވެސް ބޮޑުބައެއް ހުރީ ހަލާކުވެ ދަބަރަށް ވެފައެވެ. މިއީ އެތައް ބަޔަކު ކަސްރަތު މަތިން ފޫހިކުރުވި ކަމެކެވެ. ހިކެން ގަސްތު ކުރި އެތައް ބަޔަކު މާޔޫސް ކުރުވި ކަމެކެވެ.

comment ކޮމެންޓް