ބޮލުގައި ރިއްސުމަށް މަގުފަހިކުރުވާ ކާނާތައް!

އާންމުކޮށް ބޮލުގައި ރިއްސާނަމަ ޑޮކްޓަރެއްގެ އިރުޝާދާއި ލަފާ ހޯދުން މުހިންމު --

ބޮލުގައި ރިހުމަކީ ބޮލަށް ބާރުބޮޑުވެ އުދަނގޫވުމުގެ ސަބަބުން ވާ އިހުސާސެކެވެ. އަދި "މައިގްރެއިން" އަކީ ބޮލުގައި ރިއްސުމުގެ ވަތްތަރެކެވެ. ކެއުމަށް ބޭނުންކުރެވޭ ކާނާއެއްގެ ސަބަބުންވެސް ބޮލުގައި ރިއްސުމަށް މެދުވެރިވެދާނެއެވެ. ނުވަތަ "މައިގްރެއިން" ފަދަ ބައްޔެއް ހުންނަ މީހެއް ކަމުގައިވާނަމަ ބޮލުގެ ރިހުން އިތުރަށް ގަދަވެގެން ހިނަގައިދާނެއެވެ. "މައިގްރެއިން"ގެ ބަލިމީހުންގެ ތެރެއިން 30 އިންސައްތަ މީހުންނަށް މިބަލި ޖެހެނީ އާއިލީ ވާރުތަކަމުގެ ސަބަބުންނެވެ. އެހެންކަމުން މިލިޔުމުގައި މި އަލި އަޅުވާލަނީ ބޮލުގައި ރިހުމަށް މަގުފަހިކުރުވާ ކާނާގެ ބާވަތްތަކަށެވެ.

ޗޮކްލެޓް

ޗޮކްލެޓަކީ ޚާއްސަ ގޮތެއްގައި "މައިގްރެއިން" ހުންނަ މީހުން ބޭނުން ނުކުރުމަށް ޑޮކްޓަރުން އަބަދުވެސް އިރުޝާދު ދެމުންގެންދާ ބާވަތެކެވެ. ޗޮކްލެޓްގައި ހިމެނޭ "ޓައިރަމައިން" ކިޔާ މާއްދާއެއްގެ ސަބަބުން ސިކުނޑީގައިވާ "ސެރޮޓޮނިން"ގެ ނިސްބަތް ދަށްވެ ލޭދައުރުވާ މިންވަރުވެސް ދަށްވެއެވެ. ވުމާއި އެކު މި ބޭނުންކުރުމުން ބޮލުގައި ރިހުން އިތުރަށް ގަދަވެގެން ދާނެއެވެ.

ރަލުގެ ބުއިންތައް

ރަލުގެ ބުއިންތަކުގައިވެސް "ޓައިރަމައިން" ގެ ވައްތަރެއް ކަމުގައިވާ "ފީނޯލް" ހިމެނިގެންވެއެވެ. މިފަދަ ބުއިންތައް ބުއިމުގެ އާދަ ހިފާފައިވާނަމަ "މައިގްރެއިން" ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ކޮފީ

ކޮފީއަކީ އެބުއިމުން އެއަށް ދެވިހިފުމުގެ ބާރު ހުންނަ އަދި މީހާގެ ސަމާލުކަން އިތުރުކޮށްދޭ އެއްޗެކެވެ. އެހެންނަމަވެސް ކުއްލިއަކަށް ކޮފީ ބުއިމުގެ ސަބަބުން ބޮލުގައި ރިހުން ފަދަ އެތަށް ސިއްޙީ މައްސަލަތަކެއް ކުރިމަތިވެދާނެއެވެ. އެކި މީހުންނަށް ދިމާވާ ކަންތައް ތަފާތުވާނެއެވެ. "ކެފެއިން"ގެ ބާވަތްތަކަށް ނާޒުކު މީހުން ކޮފީ ބޭނުންކުރުމުން "މައިގްރެއިން" ފަދަ ކަންކަން ދިމާވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އަދި މިއާ ޚިލާފަށް ބައެއް މީހުންނަށް ކޮފީއަކީ "މައިގްރެއިން" ފަދަ އުދަނގޫތައް ފިލުވާލަދޭ ސިކުނޑިއަށް ލުއިކަމެއް ލިބިދޭ އެއްޗަކަށްވެސް ވެދާނެއެވެ.

ހަކުރު

ޤުދުރަތީ ހަކުރުގެ ބާވަތަކީ ހަށިގަނޑަށް ހަކަތަ ލިބުމުގައި ވަރަށް ބޮޑު ރޯލެއް ކުޅޭ ބާވަތެކެވެ. ޤުދުރަތީ ހަކުރުގެ ބަދަލުގައި ތައްޔާރީ ހަކުރުގެ ބާވަތްތައް ބޭނުންކުރާނަމަ ބޮލުގައި ރިހުމަށް މަގުފަހިވެއެވެ.

އާންމުކޮށް ބޮލުގައި ރިއްސާނަމަ ޑޮކްޓަރެއްގެ އިރުޝާދާއި ލަފާ ހޯދުން މުހިންމެވެ. އެހެނީ މާ އަވަސް އަވަހަށް ބޮލުގައި ރިއްސުމަކީ ސިކުނޑީގައި ޓިއުމަރެއް އުފެދުން ނުވަތަ ސިކުނޑިއާ ގުޅިފައިވާ ލޭހޮޅިއެއް ފަޅައިގެން ދިއުންފަދަ ކަމެއް މެދުވެރިވުމުން ވެސް ދިމާވެދާނެ މައްސަލަތަކެކެވެ.

comment ކޮމެންޓް