ސޫރިޔާގައި އެގައުމުގެ ސަރުކާރާއި ހަނގުރާމަވެރި ޖަމާއަތްތަކުން ހިންގަމުންދާ އަމަލުތަކުން ރައްޔިތުން ސަލާމަތް ކުރުމުގައި ބައިނަލް އަގުވާމީ މުޖުތަމައު ނާކާމިޔާބު ވެފައި ވާތީ ލަދުވެތިވެވަޑައިގަންނަވާ ކަމަށް ޔުނައިޓެޑް ނޭޝަންސް ( ޔޫއެން)ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ވިދާޅުވެއްޖެ އެވެ.
މިސްރުގެ ވެރިރަށް ގާހިރާގައި ކުރިއަށްދާ އަރަބި ސަމިޓްގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން ބާން ވިދާޅުވެފައި ވަނީ ސޫރިޔާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމުގައި ސަރަހައްދީ އަދި ބައިނަލް އަގުވާމީ މުޖުތަމައު އެކުގައި ނާކާމިބުވެފައިވާ ކަމަށެވެ.
" އަރަބިދުނިޔޭގެ އިއްޒަތްތެރި ލީޑަރުންނާ މިއަދު ވާހަކަ ދައްކާ އިރު އަޅުގަނޑު ތިޔަބޭފުޅުންގެ ކުރިފުޅު މަތީގައި އިއުތިރާފް ވަން އަޅުގަނޑުގެ އޮތް ރުޅިވެރިކަމާއި ލަދުވެތިކަމާއި މެދު. ސޫރިޔާ ސަރުކާރާއި ހައްދުފަހަނަ އަޅާފައިވާ ޓެރަރިސްޓް ޖަމާއަތްތާއި ޓެރަރިސްޓުން ސޫރިޔާ ހަލާކު ކުރާތަން ބަލަން ހުރުމަށް އަންނަ ރުޅި،" އޭނާ ވިދާޅުވެފައި ވެއެވެ.
ޔޫއެން މެދުވެރިކޮށް ސޫރިޔާއަށް ސިޔާސީ ހަލެއް ހޯދުމަށް ކުރައްވާ މަސައްކަތް އިތުރަށް ވަރުގަދަ ކުރުމަށް ސްޕެޝަލް އެންވޯއީ ސްޓެފަން ޑި މިސްތޫރާއަށް އިރުޝާދު ދެއްވާފައިވާނެ ކަމަށް ވެސް ބާން އިއްޔެ ވިދާޅުވިއެވެ.
ސޫރިޔާގެ އަހުލީ ހަނގުރާމަ ފެށުނީ ސަރުކާރާ ދެކޮޅަށް އަޑު އުފުލުމަށް އެގައުމުގެ ރައްޔިތުން އަޑު އުފުލުމަށް 2011 ވަނަ އަހަރުގެ މާޗް މަހު އެގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ނުކުތުމުން އޭގެ ތެރެއިން ގިނަ ބަޔަކު މަރައިލުމާ ގުޅިގެންނެވެ. މުޒާހަރާތައް ވަރުގަދަ ވުމާއި އެކު ފުލުހުންގެ ހަމަލާތަކުގައި މަރުވާ މީހުންގެ އަދަދު އިތުރުވާން ފެށިއެވެ. އަދި އެހިސާބުން އާއްމުން ހަތިޔާރު އުފުލައި، އެކިއެކި ހަނގުރާމަވެރި ޖަމާއަތްތާއި އެކު ސަރުކާރާ ދެކޮޅަށް ހަނގުރާމަ ފެށީއެވެ. އެ ހަނގުރާމައިގައި މިހާތަނަށް 250،000 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު އޭގެ ތެރެއިން ގިނަ މީހުން މަރުވެފައި ވަނީ ސަރުކާރުގެ ހަމަލާތަކުގައެވެ.