ފާއިތުވި އަހަރަކީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުން އެންމެ ގިނަ އަދަދަކަށް ޝަހީދުކޮށްލި އަހަރު

އިސްރާއީލުން ޝަހީދު ކޮށްލާފައިވާ ފަލަސްތީނުގެ ބައެއްގެ މައްޗަށް ކަށުނަމާދު ކުރަނީ

ނިއުޔޯކް (މާޗް 28) : ނަވާރަސަތޭކަ ފަސްދޮޅަސް ހަތް ވަނަ އަހަރު ހިނގި އަރަބި އިސްރާއީލު ހަނގުރާމައިގާ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށްލި އަދަދަށްވުރެ ފާއިތުވި ދެހާސް ސާދަ ވަނަ އަހަރު އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގި ޢުދުވާނީ ޙަމަލާތަކުގައި ޝަހީދުކޮށްލި ފަލަސްތީނު ރައްޔިތުންގެ އަދަދު މާ ގިނަކަމަށް އދ. ން ބުނެފިއެވެ.


އދ. ން އިއްޔެ ނެރުނު ރިޕޯޓެއް ބުނާގޮތުން ދެހާސް ސާދަވަނަ އަހަރަކީ ފަލަސްތީނުގެ ފަހުގެ ތާރީޚުގައި އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއްމާރުގެ އަތްދަށުން ފަލަސްތީނުގެ ރައްޔިތުން އެންމެ ގިނަ އަދަދަކަށް ޝަހީދުކޮށްލާފައިވާ އަހަރެވެ. މިގޮތުން ފާއިތުވި އަހަރު އިސްރާއީލުގެ އެކި ޙަމަލާތަކާއި ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ހިންގި އުދުވާނުގައި ފަލަސްތީނުގެ 2290 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް މިރިޕޯޓް ބުނެއެވެ. މީގެތެރެއިން 2200 މީހުންނަކީ ޣައްޒާއާ ދެކޮޅަށް މިދިޔަ އަހަރު އިސްރާއީލުން ކުރި އުދުވާނީ ހަނގުރާމައިގާ ޝަހީދުކޮށްލާފައިވާ މީހުންނެވެ. ބާކީ އަނެއް 90 މީހުންނަކީ ފާއިތުވި އަހަރުގައި ޣައްޒާއާއި ހުޅަނގު އައްސޭރީގައި އިސްރާއީލު ހިންގި އެކި އެކި އަސްކަރީ އޮޕަރޭޝަންތަކުގައާއި ޔަހޫދީ ވަޒަންވެރިން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގި ޓެރަރިސްޓް ޙަމަލާތަކުގައި ޝަހީދުކޮށްލާފައިވާ މީހުންނެވެ.


މިރިޕޯޓް ބުނާގޮތުން އަދި ފަލަސްޠީނުގެ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިޢްމާރެވެ. ފާއިތުވި އަހަރު އިސްރާއީލުން ފަލަސްޠީނުގެ ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގި އަނިޔާވެރި އުދުވާނުގައި ފަލަސްތީނުގެ 2200 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިންނެވެ. ކުޑަކުދިންނަށް ބެލިކަމުގައިވީނަމަވެސް ފައްސަތަކޭ ފަންސާހަށްވުރެ ގިނަ ކުޑަކުދިން މަހެއްހާ ދުވަހުގެ ތެރޭގައި އިސްރާއީލުން ޝަހީދުކޮށްލާފައިވެއެވެ. (ރޮއިޓާސް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު