ހޮނިހިރު ދުވަހުގެ ރޭ ފަތިހު މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ "ޅިޔަނު"ކެފޭގެ ވޭޓަރަކު މަރާލި މައްސަލައާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ޕީޕީއެމް މެމްބަރު، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ދިރިއުޅުއްވާގެ ބަލައި ފާސްކޮށްފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ފުލުހުން ވަނީ ހުޅުމާލޭގައި ހުންނަ ޝުޖާއު ދިރިއުޅޭ އޭނާގެ އަނބިކަނބަލުންގެ މަންމަމެންގެ ޗެކްކޮށްފަ އެވެ. އެމައްސަލާގައި ފުލުހުން ހޯދަމުން ދަނީ ޝުޖާއު އަނބިކަބަލުންގެ ތިމާގެ ކުއްޖެކެވެ.
އެކަމާ ގުޅޭ ގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނާ އިރު މިވަގުތު ކޮލޮމްބޯގައި ހުންނެވި ޝުޖާއު ސަން އަށް ވިދާޅުވީ އޭނާ ދިރިއުޅުއްވާ ގެ ބަލައި ފާސްކޮށްފައި ވަނީ ކޯޓް އަމުރެއްގެ ދަށުން ކަމަށާއި ކޯޓް އަމުރުގައި ބުނެފައި ވަނީ ހާބަރުގައި ބިދޭސީއަކު މަރާލި މައްސަލާގައި ތުހުމަތު ކުރެވޭ މީހަކު އެގޭގައި ދިރިއުޅޭތޯ ބެލުމަށް ކަމަށެވެ.
އެ އޮޕަރޭޝަންގައި މުޅި ގެ ބެލި ނަމަވެސް ގެއިން އެއްވެސް މީހަކު ވެސް އަދި އެއްޗެއް ނުގެންދާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
"އެއޮޕަރޭޝަންގައި އަޅުގަނޑު ދިރިއުޅޭ ބައިވެސް ބަަލައި ފާސްކުރި، އޭގެން އަޅުގަނޑަށް ދޭހަވީ ޕޮލިހުންގެ ޕުރޮފެޝަނަލިޒަމް،" ސުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭނާ ދިރިއުޅުއްވާ ގެ ޗެކްކުރުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށާއި އޭގެ އިން ހާމަވާ އެއްޗަކީ ފުލުހުން މައްސަލައެއް ބަލާ ނަމަ ވަކި ފަރާތެއް ތަފާތުނުކޮށް އެކަން ބަލަމުންދާނެ ކަން ކަމަށެވެ.
"އަޅުގަނޑަކީ ވެސް ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލް ކުރައްވާ މެމްބަރެއް ކަމުގައި ވީނަމަވެސް ހަމަ ފުލުހުން ގާނޫނީ ހުކޫމަތު ހިންގުމުގައި ފުލުހުން ކުރަން ޖެހޭ ކަންތައްތައް ގާނޫނީގެ ދަށުން ކުރާނެކަން އެއިގެން އެނގެނީ. މީގައި ސަރުކާރު ކެބިނެޓް މެމްބަރެއް ވެސް އެހެން ބޭފުޅެއް ވެސް ތަފާތު ނުކުރާކަން މިކަމުން ހާމަވޭ." ސުޖާއު ވިދާޅުވި އެވެ.
ޅިޔަނު ކެފޭގެ ވޭޓަރަކަށް މަސައްކަތް ކުރާ ބަނގުލަދޭޝް މީހާ މަރާލި މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.