ހުޅުމާލޭގެ ހުސްބިމެއްގައި އަލިފާން ރޯވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު މެންދުރުފަހު 2:05 ކަންހާއިރު އެ ހާދިސާ ހިނގާފައިވަނީ ހުޅުމާލެ އެއް ނަމްބަރު ފުލެޓު ކައިރީގައި އޮތް ހުސްބިމެއްގައި ކަމަށެވެ. އަލިފާން ރޯވީ އެ ބިމުގެ ގަސްތަކެއްގައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޯވި އަލިފާން ނިއްވާލެވިފައިވާ ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ވެސް އަދި އަގު ބޮޑު މުދަލަކަށް ވެސް ގެއްލެއް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެޗްޑީސީއިން ވަނީ ފެންޖަހައި ނިއްވާލާފަ، ފެން ޖެހުމުން ދުންއަރަމުން ދަނީ،" އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެ ސަރަހައްދުން މިހާރު ވެސް ދަނީ ވަރަށް ބޯކޮށް ދުން އަރަމުންނެވެ.
ހުޅުމާލޭގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިންގާފައިވާއިރު މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ވެސް ވަނީ މާލޭގެ ދެ ސަރަހައްދެއްގައި އަލިފާނުގެ ދެ ހާދިސާ ހިނގާފަ އެވެ.