މިނިވަންކަމުގެ ބިންގަލަކީ ހަމަހަމަކަމާއި އިންސާނީ ކަރާމާތް: ގާސިމް

ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމް--- ސަން ފައިލް ފޮޓޯ

މިނިވަން ކަމުގެ ބިންގާ އެޅޭނީ ހަމަހަމަ ކަމާއި އިންސާނީ ކަރާމާތް، އެދެކަންތައް ގުޅިގެން ކަމަށް ވިލާ ކޮލެޖްގެ ބާނީ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ވިލާ ކޮލެޖުގެ "ކޮންވޮކޭޝަން"ގައި އިއްވެވި ގާސިމްގެ ހިޠާބުގައި ވިދާޅުވެފައި ވަނީ، މިނިވަންކަން ދެމެހެއްޓުމަށް އިންސާނީ ކަރާމާތެއް އޮންނަން ޖެހޭ އިރު އެކަންތައް ރައްކާތެރިކޮށްދޭ މައިގަނޑު އަސާސީ އެއް ކަމަކީ ތައުލީމު ކަމަށެވެ.

"މިނިވަން ކަމުގެ ބިންގާ އެޅިގެން އަންނަނީ އިންސާނީ ހަމަހަމަ ކަމާއި އިންސާނީ ކަރާމާތާ ގުޅިގެން. މިއަހަރަކީ ގައުމުގެ މިނިވަން ކަމަށް 50 އަހަރު ފުރޭ އަހަރު. އިންސާނީ ކަރާމާތްތެރިކަން ހިފެހެއްޓުމުގެ އެންމެ މައިގަނޑު އަސާސަކީ ތައުލީމް،" ގާސިމް ވިދާޅުވި އެވެ.

ތައުލީމު ހޯދުމުގެ އެހާ ބޮޑު މުހިއްމުކަމެއް އޮތް އިރު އެއީ އިންސާނުން ކުށުގެ ވެށިން ދުރު ކޮށްދޭ ކަމެއް ކަމަށް ވެސް ގާސިމް ވިދާޅުވެފައިވެ އެވެ.

ވިލާ ކޮލެޖުގެ ދެވަނަ ކޮންވޮކޭޝަންގައި ރޭ ހަތަރު ފަރާތަކަށް ވަނީ ގާސިމް އިބްރާހިމްގެ ނަމުގައި ދެމުން އަންނަ "ގާސިމް އިބްރާހިމް އެކްސެލެންސް އެވޯޑު" ލިބިފަ އެވެ. ގާސިމް އިބްރާހީމް އެވޯޑަކީ ދަރިވަރުންގެ ތެރެއިން އެންމެ މޮޅު ޕާފޯމެންސް އެއް ދައްކާ ދަރިވަރުންނަށް ދެވޭ އެވޯޑެކެވެ.

އެގޮތުން މާސްޓާސް އޮފް ޝަރީޢާ އިން އެ އެވޯޑް ލިބިފައި ވަނީ ޣާލިމް ހުސައިން އާއި އިބްރާހިމް ޒުހެއިރަށެވެ. ބެޗްލާސް އޮފް ޝަރީޢާ އިން މުހައްމަދު އަބްދުﷲ ސައީދަށް އެ އެވޯޑު ލިބިފައިވާ އިރު ޕޯސްޓްގްރޭޖުއޭޓް ޑިޕްލޮމާ އިން ރިސާޗް ސްޓަޑީޒް އިން އެ އެވޯޑު ލިބިފައި ވަނީ އައިޝަތު ޝަނޫރާ އަށެވެ.

މިއަހަރުގެ ކޮންވޮކޭޝަން ދެ ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންގޮސްފައިވާ އިރު ފުރަތަމަ ބައިގައި އެ ކޮލެޖުގެ ދަސްވެނިވި ދަރިވަރުންނަށް ވަނީ ސެޓްފިކޭޓް ހަވާލު ކޮށްފަ އެވެ.

ފުރަތަމަ ބައި ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންގޮސްފައިވާ އިރު ހެނދުނުގެ ދަންފަޅީގައި ޖުމްލަ 10 ކޯހަކުން 318 ދަރިވަރުން ދަސްވެނިވެފައިވެ އެވެ.

އަދި މެންދުރު ދަންފަޅީގައި ޖުމްލަ ތިން ކޯހަކުން 104 ދަރިވަރުން ވަނީ ދަސްވެނިވެފަ އެވެ.

comment ކޮމެންޓް