ރާއްޖޭގައި ރިހެބިލިޓޭޓް ކުރާ ދާއިރާތައް ފުޅާ ކުރަންޖެހޭ: ހެލްތު މިނިސްޓަރު

ކ. ހިންމަފުށީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ: އަހުމަދު ޖައިޝަން

ރިހެބިލިޓޭޝަން ސެންޓަރުތަކަކީ ހަމައެކަނި މަސްތުވާތަކެއްޗަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ތަންތަނަށް ނުވި ކަމުގައިވިޔަސް ރާއްޖޭގައި ރިހެބިލިޓޭޓް ކުރާ ދާއިރާތައް ފުޅާ ކުރަން ޖެހޭ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ޓީބީގެ ދުވަހުގެ މުނާސަބަތުގައި ކ. އަތޮޅު ހިންމަފުށީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރިހެބިލިޓޭޝަންގެ ހިދުމަތްތައް ފުޅާކުރާއިރު އެ ލިބޭ ހިދުމަތްތައް ރަނގަޅަށް ބޭނުން ކުރަން ވެސް ޖެހޭނެ ކަމަށެވެ.

"ރިހެބިލިޓޭޝަން ސެންޓަރަކީ ހަމައެކަނި މަސްތުވާ ތަކެއްޗަށް އަމާޒުކުރެވިގެން ރާއްޖޭގައި ހިންގޭ ރިހެބިލިޓޭޝަންތަކެއް ނޫން. އަޅުގަނޑުމެން މުޖުތަމައިގައި ރިހެބިލިޓޭޓް ކުރަން ޖެހޭ އެތައް ދާއިރާއެއް އެބައޮތް. އަދި ލިބެން ހުރި ހިދުމަތްތައް ބޭނުން ކުރުމަކީ ހުރިހާއެންމެންގެވެސް ޒިންމާއެއް،" އޭނާ ވިދާޅުވި އެވެ.

ކ. ހިންމަފުށީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: އަހުމަދު ޖައިޝަން

ޓީބީ ދުވަހާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޒުހޫރު ވިދާޅުވީ، މިއަހަރުގެ ޓީބީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޖަލުތަކުގެ ގެއިދީންނާއި ރިހެބިލިޓޭޝަން ސެންޓަރު ތަކުގެ މީހުން ޓީބީއަށް ސްކްރީން ކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.

ޓީބީއާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން މިނިސްޓްރީން ވަނީ ހާއްސަ ކިޓެއް މިއަދު ތައާރަފުކޮށްފައެވެ.

މިއަދަކީ ބައިނަލްއަގުވާމީ ޓީބީ (ޓިއުބަކިއުލޯސިސް)ގެ ދުވަހަށް ވާއިރު އެ ބައްޔަކީ އެއިޑްސްއަށް ފަހު އެންމެ ގިނައިން މީހުން މަރުވުމަށް މެދުވެރިވާ ބައްޔެވެ. ކޮންމެ އަހަރަކު ގާތް ގަނޑަކަށް ދުނިޔޭގެ އާބާދީގެ ނުވަ މިލިއަން މީހުންނަކީ ޓީބީގެ ޝިކާރައަށް ވާ މީހުންނެވެ. އޭގެތެރެއިން ތިން މިލިއަން މީހުންނަކީ ބައްޔަށް ފަރުވާ ނުލިބި މަރުވާ މީހުންނެވެ.

ދިވެހި ރާއްޖެއަކީ ޓީބީ ބަލި ޖެހިފައިވާ މީހުން ނިސްބަތުން މަދު ގައުމެކެވެ. އެގޮތުން 1965 އިން ފެށިގެން މިއަދާ ހަމައަށް ޓީބީ ޖަރާސީމު ހުރެގެން ރެޖިސްޓާ ކުރެވިފައިވަނީ 10,663 މީހުންނެވެ.

ޓީބީގެ އެކި ވައްތަރު ތައް ޖެހި މިދިޔަ އަހަރު ނޭޝަނަލް ޓީބީ ޕްރޮގްރާމްގައި ރެޖިސްޓާ ކޮށްފައިވަނީ 132 މީހުންނެވެ. އެއީ 2013 ވަނަ އަހަރަށްވުރެ ބޮޑު އަދަދެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ވަނީ ބުނެފައެވެ.

ދިގު މުދައްތަކަށް ފަރުވާދޭން ޖެހޭ އެ ބައްޔަށް ފަރުވާ ދިނުމަށް ހަރަދުކޮށްދެނީ ސަރުކާރުންނެވެ.

comment ކޮމެންޓް