ގަމުން: އަލީ ވާފިރު
މި އަތޮޅުގެ ސްކޫލްތަކަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތް ފަށައިފި އެވެ.
އަތޮޅު ކައުންސިލްގެ ރައީސް ޔޫސުފް އާމިރު މިއަދު ސަން އަށް ވިދާޅުވީ މި އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ގަން ތުނޑީ ފުޓްބޯޅަ ދަނޑުގައި ކުރިއަށް ގެންދާ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތަކީ މި އަތޮޅުގެ ހުރިހާ ސްކޫލަކަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިގެން ބާއްވާ މުބާރާތެއް ކަމަށެވެ. އަދި ދެ ގްރޫޕަކަށް ބަހާލައިގެން ބާއްވާ މި މުބާރާތުގައި ބައިވެރިވެފައި ވަނީ އިސްދޫ ސްކޫލާއި ދަނބިދޫ ސްކޫލާއި ޙަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލާއި އަތޮޅު ތައުލީމީ މަރުކަޒާއި މާވަށު ސްކޫލާއި މާމެންދޫސްކޫލް ކަމަށް މުބާރާތް އިންތިޒާމު ކުރާ ފަރާތުން ބުންޏެވެ.
އަތޮޅު ކައުންސިލުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވެފައިވާ ކޮންމެ ޓީމަކަށް މުބާރާތަށް ތައްޔާރު ވުމަށް 5000 ރުފިޔާ ފައިސާގެ އެހީއެއް ދީފައިވާ ކަމަށް ވެސް ޔޫސުފް އާމިރު ވިދާޅުވި އެވެ.
"މި މުބާރާތް މި ބާއްވަނީ މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް 5000 ރުފިޔާގެ ފައިސާގެ އެހީއެއް ދީގެން. އަދި މި މުބާރާތް ހޮސްޓް ކޮށްދޭ ފަރާތަކަށް 20،000 ރުފިޔާގެ ފައިސާގެ އެހީ ދީގެން ގަމު ކައުންސިލުން މުބާރާތް ހޮސްޓްކޮށްދެނީ. މިފަދަ މުބާރާތެއް ބޭއްވުމުގެ މަގުޞަދަކީ ގައުމީ ފެންވަރުގެ މުބާރާތްތަކަށް ފެންވަރު ރަނގަޅު ކުދިން ތައްޔާރު ކުރުން،" ޔޫސުފް އާމިރު ވިދާޅުވި އެވެ.
ެއޭނާ ވިދާޅުވީ ސްކޫލް ދައުރުން ފެށިގެން މިގޮތަށް ކުޅުންތެރިން ތައްޔާރު ކުރެވިއްޖެ ނަމަ އެ ކުދިންނަކީ އަޚްލާގު ރަނގަޅު، ދަނޑުމަތީގެ ގަވާއިދާއި ސްލޫކީ މިންގަނޑަށް ލޯބިކުރާ ހުނަރުވެރި ކުޅުންތެރިންތަކަކަށް ވެގެންދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ކައުންސިލުން އިންތިޒާމު ކުރާ މުބާރާތް ބާއްވާ ރަށެއް ކަނޑައެޅުމަށް އިޢުލާން ކުރުމުން މި އަތޮޅު އިންޓަ ސްކޫލް ފުރަތަމަ ފުޓްބޯޅަ މުބާރާތް ބާއްވަން ހޮވިފައި ވަނީ ގަން ކައުންސިލް އިދާރާ ކަމަށެވެ. އަދި ގަން ކައުންސިލަށް 20،000 ރުފިޔާގެ ފައިސާގެ އެހީ ދީފައިވާ ކަމަށް ވެސް އަތޮޅު ކައުންސިލް ރައީސް ޔޫސުފް އާމިރު ވިދާޅުވި އެވެ.
އިތުރު މަޢޫލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ މީގެ ކުރިން ވެސް ލ. އަތޮޅު ކައުންސިލުން އަތޮޅު ފެންފަރުގެ ތަފާތު މުބާރާތްތައް ބާއްވާފައިވާ ކަމުގަ އެވެ.