ސޯލް (މާޗް 22) : ޖަޕާނާއި ޗައިނާ އަދި ދެކުނު ކޮރެޔާގެ ގުޅުންތައް ރަނގަނޅުކޮށް އެއްބާރުލުން އިތުރުކުރުމަށް އެތިން ގައުމުން އެއްބަސްވެއްޖެ އެވެ.
ޖަޕާން، ޗައިނާ އަދި ދެކުނު ކޮރެޔާގެ ޚާރިޖީ ވަޒީރުން ސޯލްގައި އިއްޔެ ބައްދަލު ކުރެއްވުމަށް ފަހު އެއްބަސްވެ ވަޑައިގަތީ އެތިން ގައުމުގެ މެދުގައިވާ އަރާރުންތަކާއި ދެބަސްވުންތައް ވާހަކަ ދައްކައިގެން ސުލްހަވެރިގޮތުގައި ޙައްލުކޮށް ހުރިހާ މައިދާނެއްގައި ތިން ގައުމުންވެސް އެއްބާރުލުން އިތުރުކުރުމަށެވެ. މިކަމަށް ޓަކައި ޖަޕާނުގެ ބޮޑުވަޒީރާއި ޗައިނާއާއި ދެކުނު ކޮރެޔާ ރައީސުންގެ ޚާއްސަ ސަމިޓް ބައްދަލުވުމަށް ބޭއްވުމަށް ވެސް އެތިން ގައުމުގެ ޚާރިޖީ ވަޒީރުން އެއްބަސްވެ ވަޑައިގެންނެވި އެވެ. ނަމަވެސް މިސަމިޓް ބާއްވާނެ ތާރީޚެއް އިޢްލާންކޮށްފައެއް ނުވެ އެވެ.
ސޯލްގައި އިއްޔެ ބޭއްވި އެއްދުވަހުގެ ބައްދަލުވުމަށް ފަހު ނެރުނު ގުޅިފައިވާ ބަޔާނުގައި ޖަޕާނާއި ޗައިނާ އަދި ދެކުނު ކޮރެޔާގެ ޚާރިޖީ ވަޒީރުން ވިދާޅުވެފައި ވަނީ އެތިން ގައުމުގެ އިސްވެރިންގެ ސަމިޓް ބައްދަލުވުމެއް ވީއެންމެ އަވަހަކަށް ބޭއްވޭތޯ އެބޭފުޅުން ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގަ އެވެ. ޖަޕާނާއި ޗައިނާ އަދި ދެކުނު ކޮރެޔާގެ ގުޅުންތައް ގޯސްވުމުގެ ސަބަބުން އޭޝިޔާއާއި އޭޝިޔާ ޕެސިފިކްގެ ތަރައްގީއަށް ސްޓްރެޓީޖިކް ހުރަސްތަކެއް އެޅިފައިވާ ކަމަށް މުޙައްލިލުން ބުނެއެވެ.
ޖަޕާނާއި ޗައިނާ އާ ދެމެދުގައިވާ މައްސަލަތަކުގެ ތެރޭގައި ކަނޑުގެ ސަރަހައްދީ ރޮނގު ކަނޑައެޅުމުގައި އުފެދިފައިވާ ދެބަސްވުންތަކާއި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަޕާނުގެ އިސްތިޢްމާރީ ސިފައިން ޗައިނާގެ އާންމުންނާ ދެކޮޅަށް ހިންގި ޖަރީމާތަކަށް ޖަޕާނުން ބަދަލުނުދޭ މައްސަލަ ހިމެނެ އެވެ.
ޖަޕާނާއި ދެކުނު ކޮރެޔާއާ ދެމެދުގައިވާ މައިގަނޑު މައްސަލައަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ކޮރެޔާއަށް ވެރިވެގަތް ޖަޕާން ސިފައިންގެ ޖިންސީ ބޭނުންތަކަށް ޖިންސީ އަޅުންގެ ގޮތުގައި ދެކުނުކޮރެޔާގެ އެތައް ހާސް ޒުވާން އަންހެނުންނެއް ގެންގުޅެ އެމީހުންގެ އިއްފަތްތެރިކަން ފޭރިގަނެ އެމީހުންގެ ދިރިއުޅުން ބަރުބާދުކޮށްލި މައްސަލައާ އެކަމަށް ބަދަލުދިނުމަށާއި މަޢާފަށް އެދުމަށް ޖަޕާންގެ ސަރުކާރުތަކުން ދެކޮޅު ހަދާ މައްސަލައެވެ.
ޖަޕާން، ޗައިނާ އަދި ދެކުނު ކޮރެޔާގެ ޚާރިޖީ ވަޒީރުން އިއްޔެ ބޭއްވި ބައްދަލުވުމުގެ އަރިމަތީގައި ދެކުނު ކޮރެޔާގެ ރައީސާ ޕާކް ގެއިން ހިޔޫ ވަނީ އެބޭފުޅުންނާ ބައްދަލުކުރައްވާފަ އެެވެ. (ރޮއިޓާސް)