ޤައްޒާފީގެ ވެރިކަން ވައްޓާލަން ލީބިޔާގެ ރައްޔިތުން ފެށި މުޒާހަރާތައް ވަރުގަދަވެ ފުޅާވަނީ

ޓްރިޕޮލީ : ލީބިޔާގެ ޒަޢީމް ކާނަލް މުޢައްމަރުލްޤައްޒާފީގެ ދިގުލީ ވެރިކަން ވައްޓާލުމަށްޓަކައި އެޤައުމުގެ ބޮޑެތި ރައްތަކުގައި އެތަށް ހާސްބަޔަކު އިއްޔެ ކުރި މުޒާހަރާތައް މިއަދުވެސް އަލުން ކުރިޔަށްދާ ކަމަށް ޚަބަރު ލިިބިއްޖެއެވެ.

އިއްޔެގެ މުޒާހަރާތަކާ ދެކޮޅަށް ބާރުގެ ބޭނުންކުރީ ޤައްޒާފީގެ ނިޒާމުން ނާޖާއިޒު ފައިދާތައް ލިބެމުންދާ އަދި އޭނާގެ ވެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރާ ފަރާތްތަކެވެ. މިއީ "އައްލިޖާނުއްޘަވްރިއްޔާ" ގެ ނަމުން ނަންދެވިފައިވާ ޖަމާއަތެކެވެ. ޤައްޒާފީގެ ވެރިކަން ވައްޓާލުމަށް މުޒާހަރާކުރާ ލީބިޔާގެ ރައްޔިތުންނާ ދެކޮޅަށް (ސަރުކާރުގެ އެހީތެރިކަމާއެކ)ު މިފަރާތްތަކުން ބަޑިޖެހުމުން މަރުވި ޢާންމުންގެ ޢަދަދު އެކި ރިޕޯޓްތަކުގައި ވަނީ އެކި ޢަދަދަށެވެ. ބައެއް ރިޕޯޓްތަކުގައި މިޢަދަދު 17 އަށް އަރާކަމަށް ބުނެފައިވާއިރު އަނެއްބައި ރިޕޯޓްތަކުގައި 11 ކަމަށް އަދި 9 ކަމަށްވެސް ބުނެފައިވެއެވެ. މިގެއިތުރުން ގިނަޢަދަދެއްގެ ބަޔަކު ވަނީ ޒަޚަމްވެސްވެފައެވެ.

ބައިނަލްއަޤްވާމީ ނޫސްއެޖެންސީތަކާއި ޓީވީ ނެޓްވާކްތައް ބުނިގޮތުގައި ޤައްޒާފީއާއިދިކޮޅު މުޒާހަރާތައް އިއްޔެކޭވެސް އެއްގޮތަށް މިއަދުވެސް ކުރިޔަށްދަނީ އެޤައުމުގެ ބޮޑެތި ސިޓީތަކުގައެވެ. މީގެތެރޭގައި ވެރިރަށް ޓްރިޕޮލީއާއި ދެވަނައަށް އެންމެ ބޮޑު ރަށްކަމަށްވާ ބެންޣާޒީގައާއި ތިންވަނައަށް އެންމެ ބޮޑު ރަށްކަމަށްވާ ސަބްހާގައާއި ހަތަރުވަނަ އަށް އެންމެ ބޮޑު ރަށްކަމަށްވާ އަލްބައިޟާ ގެއިތުރުން ދަރްނާ އާއި ޝައްޙާތުގައިވެސް ޤައްޒާފީގެ ދިގުލީ ވެރިކަން ނިމުމަކަށް ގެނައުމަށް ގޮވާލާ ލީބިޔާގެ ރައްޔިތުން މިއަދުވެސް މުޒާހަރާ ކުރަމުން އެބަގެންދެއެވެ. މުޒާހަރާކުރާ ރައްޔިތުން ގެންދަނީ ޤައްޒާފީގެ ވެރިކަން ދަމަހައްޓާ "އައްލިޖާނުއްޘަވްރިއްޔާ" ޖަމާއަތުގެ ބައެއް މަރުކަޒުތަކުގައި ހުޅުޖަހައި އަންދާލާފައެވެ.

މުޒާހަރާތައް މައިތިރިކޮށް ރައްޔިތުން ރުއްސުމަށްޓަކައި ޤައްޒާފީވަނީ ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. މީގެތެރޭގައި ޒަމާނުއްސުރެ ސަރުކާރާއިދިކޮޅު އިޚްވާނުލްމުސްލިމީން ޖަމާޢަތުގެ ސަތޭކައަށްވުރެ ގިނަމީހުން ޖަލުތަކުން މިނިވަންކޮށް މުވައްޒަފުންގެ މުސާރަތަކާއި އެލަވަންސްތައް ދެގުނައަށް ބޮޑުކޮށް ސޯސަލް ސެކިއުރިޓީގެ ފުރްސަތުތައް އިތުރުކުރުމާއި ލީބިޔާގެ ޤަބީލާތަކުގެ ވެރިންގެ ރުހުން ހޯދުމަށްޓަކައި އެމީހުންނާއެކު ބައްދަލުވުންތައް ބޭއްވުން ފަދަ ކަންތައްތައް ހިމެނެއެވެ.

އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ފަރާތްތަކުންވަނީ މުޒާހަރާކުރާ ފަރާތްތަކާ ދެކޮޅަށް ބާރުގެ ބޭނުން ނުކުރުމަށާއި މިހާތަނަށް މަރާލެވިފައިވާ މީހުންގެ މަރުގެ މައްސަލަތައް މުސްތަޤިއްލު ގޮތެއްގައި ތަޙްޤީޤް ކުރުމަށް ލީބިޔާ ސަރުކާރަށް ގޮވާލާފައެވެ. -- އަލްޖަޒީރާ، ނޫސްއެޖެންސީތައް
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު