ފަންބޮނޑިއަކާއި އިލޮށިފައްޗެއް ހަދިޔާކުރަން ބެލެނިވެރިންނަށް އަންގާފައެއް ނުވާނެ: ލަންދޫ ސްކޫލް

ނ. ލަންދޫ ސްކޫލަށް ބޭނުންވާ ޓީވީތަކެއް ގަތުމަށްޓަކައި އެ ސްކޫލްގެ ކޮންމެ ބެލެނިވެރިޔަކު ފަންބޮނޑިއަކާއި އިލޮށިފައްޗެއް ސްކޫލަށް ހަދިޔާ ކުރުމަށް އަންގާފައި ނުވާނެ ކަމަށް ލަންދޫ ސްކޫލުން ބުނެފި އެވެ.

ލަންދޫ ރަށު ކައުންސިލުންނާއި އަދި އެރަށު ސްކޫލްގެ ބައެއް ބެލެނިވެރިން މިއަދު 'ސަން'އަށް މައުލޫމާތު ދީފައިވާ ގޮތުގައި، އެ ރަށު ސްކޫލުގެ ބެލެނިވެރިންނާއި ޓީޗަރުންގެ ޖަމިއްޔާގެ ނިންމުމެއްގެ މަތިން އެ ސްކޫލުގައި ކިޔަވާ ކޮންމެ ކުއްޖެއްގެ ބެލެނިވެރިޔަކު ފަންބޮނޑިއަކާއި އިލޮށިފައްޗެއް ސްކޫލަށް ދިނުމަށް އަންގާފައިވެ އެވެ. ނަމަވެސް ކައުންސިލްގެ އެ ވާހަކަ ސްކޫލުން ދޮގުކުރެ އެވެ.

"ފަންބޮނޑިއަކާއި އިލޮށިފައްޗެއް ހަދިޔާކުރާން އަޅުގަނޑުމެން ނާންގަން. އަދި އެފަދަ އެއްޗެއް ސްކޫލަށް ގެނެސްފައެއް ވެސް ނެތް،" ރަށު ކައުންސިލުން ދީފައިވާ މައުލޫމާތަކީ ދޮގު މައުލޫމާތުތަކެއް ކަމަށް ވިދާޅުވެ ލަންދޫ ސްކޫލްގެ މީޑިއާ ކޯޑިނޭޓަރު މޫސާ ހުސައިން ސަންއަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ލަންދޫ ސްކޫލްގައި މަލްޓީމީޑީއާ ޕްރޮޖެކްޓަރާއި ސްމާޓް ބޯޑު ނެތް ބައެއް ކްލާސް ތަކަށް އެ ތަކެތި ހޯދުމަށް ޕީޓީއޭގައި މަޝްވަރާ ކުރެވުނު ކަމަށެވެ.

"އަޅުގަނޑުމެން ސްކޫލްގެ ޕީޓީއޭގައި މަޝްވަރާކުރެވުނު، ސްމާޓްބޯޑް ނެތް ބައެއް ކްލާސްތަކަށް އެތަކެތި ހޯދާން. އެގޮތުން މަސައްކަތު ދުވަހެއް ފާހަގަކޮށް 18000 ވަރަކަށް ރުފިޔާވެސް ވަނީ އެއްކުރެވިފައި،" މީޑީއާ ކޯޑިނޭޓަރު ވިދާޅުވި އެވެ. "ދެން ބައެއް ބެލެނިވެރިން ޚިޔާލު ފާޅުކުރި ކޮންމެ ބެލެނިވެރިއަކު ފަންބޮނޑިއަކާ އިލޮށިފައްޗެއް ހަދިޔާކުރާން. އެކަމަކު އަޅުގަނޑުމެން ސްކޫލްގެ މެނޭޖްމަންޓާއި އަދި ޕީޓީއޭގެ އެކްސްކޯއިން ވެސް ނިންމީ އެއީ ރަނގަޅުގޮތެއް ނޫންކަމަށް."

ލަންދޫ ސްކޫލުގައި 117 ދަރިވަރުން ތައުލީމް ހާސިލް ކުރަމުން އަންނަ އިރު އެއީ 80 ބެލެނިވެރިންގެ ސްކޫލެކެވެ. އެ ސްކޫލުން ބުނީ، ސްކޫލަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް ޕީޓީއޭއިން އަބަދުވެސް މަސައްކަތް ކުރާ ކަމަށާއި އަދި މިހާރުވެސް ޕީޓީއޭއަށް ފައިސާ ހޯދުމަށް ތަފާތު ހަރަކާތްތަށް އެ ޖަމިއްޔާގެ މެންބަރުންގެ މަޝްވަރާއާ އެކު ހިންގަން ރާވާފައިވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު