ތިން މަސް ތެރޭ ސްކޫލް ބަހުގެ ހިދުމަތް ތައާރަފްކުރަނީ

ކުރިއަށް އޮތް ތިން ވަރަކަށް މަސް ދުވަހުގެ ތެރޭގައި މާލޭގައި ސްކޫލް ބަސް ތައާރަފް ކުރާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީ އިން ބުނެފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ ޗެއާމަން އަބްދުއްރަޝީދު ނާފިޒު މިއަދު ސަން އަށް ވިދާޅުވީ ސްކޫލް ކުދިންނަށް ބަސް ތައާރަފް ކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި އެ ހިދުމަތްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލެވޭނެ ކަމަށެވެ. އަދި ޕުރޮސީޖާތައް ނިންމައި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެ ހިދުމަތް ތައާރަފު ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

"ބަހުގެ ހިދުމަތް ދިނުމުގެ އުސޫލުގެ ދެލި ކޮޕީއެއް ތައްޔާރުކޮށް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މިހާރު ވާނީ ހިއްސާ ކުރެވިފައި، ހަމައެހެންމެ ސްކޫލް ކުދިންނަށް ބަސް ތައާރަފް ކުރާތީ އެޑިއުކޭޝަން މިނިސްޓްރީއާއެކު ވެސް މިއަދު މަޝްވަރާތައް ކުރިއަށްދާނެ." ނާފިޒް ވިދާވި އެވެ.

ނާފިޒް ވިދާޅުވީ އެ އޮތޯރިޓީގެ ވިސްނުމަކީ ރާއްޖޭގެ އެކި ހިސާބްތަކަށް ސުކޫލް ބަހުގެ ހިދުމަތް ތައާރަފް ކުރުން ކަމަށާއި ނަމަވެސް ފުރަތަމަ ފިޔަވަހީގައި ސްކޫލް ބަސް ތައާރަފް ކުރެވިގެންދާނީ މާލެއަށް ކަމަށެވެ.

ސްކޫލް ބަސް ތައާރަފް ކުރާނީ ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ވަކި ބަސްތަކެއްތޯ ނުވަތަ ސްކޫލް ގަޑިތަކަށް ވަކި ބަހެއް ތައާރަފް ކުރާނީތޯ އަދި ނުނިންމާ ކަމަށާއި ސްކޫލްކުދިންގެ ބަހުގެ ކަންކަން އިންތިޒާމް ކުރާނެ ގޮތާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވަމުން އަންނަ ކަމަށް ނާފިޒް ވިދާޅުވި އެވެ.

ނާފިޒް ވިދާޅުވީ މާލޭގައި ދެމުން އަންނަ ބަހުގެ ޚިދުމަތް ހަރުދަނާކުރުމަށް މާލޭ ސިޓީ ކައުންސިލްގައި ތަކުރާރުކޮށް އެދިފައިވީ ނަމަވެސް އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވާތީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަނގަޅު ފެންވަރެއްގެ ބަހުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށް އެގްރިމެންޓްގައި ސޮއިކުރެވޭ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު