އަބްދުﷲ ގާޒީ ހައްޔަރުކުރުމުގެ ޒިންމާ ނަގަންޖެހޭނީ އިބްރާހީމް ދީދީ: ނަސްރުﷲ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލައިގައި ޒިންމާ ނަންގަވަންޖެހޭނީ އެމްއެންޑީއެފްގެ ކުރީގެ މާލޭ އޭރިއާ ކޮމާންޑަރު އިބްރާހީމް މުހައްމަދު ދީދީ ކަމަށް، މާލޭ އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރު ވިދާޅުވެއްޖެ އެވެ.

އެމްއެންޑީއެފްގެ ކުރީގެ ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެއްވަމުން މާލޭ އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރު ލެފްޓިނެންޓު ކާނަލް ނަސްރުﷲ އިބްރާހީމް މަޖުދީ ވިދާޅުވީ އޭނާ ގަބޫލުކުރައްވާ ގޮތުގައި އެކަމުގެ ޒިންމާ ނަންގަވަންޖެހޭނީ އިބްރާހީމް މުހައްމަދު ދީދީ ކަމަށެވެ.

އޭނާ މިހެން ވިދާޅުވީ، ފަނޑިޔާރުންގެ ބެންޗުން ގާޒީ އަބްދުލް ބާރީ ކުރެއްވި ސުވާލެއްގެ ޖަވާބުގަ އެވެ.

އޭނާ ވިދާޅުވީ އަބްދުﷲ ގާޒީ، ސިފައިންގެއަށް ހާޒިރުކުރުމަށް ހިންގާ އޮޕަރޭޝަންގައި ތިމަންނާގެ ފަރާތުން އަމުރުކުރާނީ ކާނަލް ޒިޔާދު ކަމަށް އިބްރާހީމް ދީދީ ވިދާޅުވި އެވެ.

ޒިޔާދު އެންގެވި ހުރިހާ އެންގުމަކީ ވެސް އިބްރާހީމް ދީދީ ވިދާޅުވެގެން އެންގި އެންގުންތަކެއްތޯ ކަށަވަރު ކުރެއްވި ކަމަށް ވެސް ނަސްރުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 16 ޖެނުއަރީ 2012 ވަނަ ދުވަހުގެ ރޭ "އަބްދުﷲ ގާޒީ ކިޔާ މީހަކު" ސިފައިންގެ ގެއަށް ހާޒިރުކޮށްދިނުމަށް ޒިޔާދު އޭނާއަށް އެންގެވި ކަމަށެވެ. އެހެންނަމަވެސް އަބްދުﷲ ގާޒީ އަކީ ކާކުކަން ނޭނގޭ ކަމަށް ދެންނެވުމުން ފުލުހުން ގާޒީ ދައްކާނެ ކަމަށް ޒިޔާދު ވިދާޅުވި އެވެ.

ނަސްރުﷲގެ އިތުރުން މިއަދު ހެކިބަސް ދެއްވާފައި ވަނީ ކެޕްޓަން އިބްރާހީމް ނަސީމާއި ކެޕްޓަން އަބްދުލް މަޖީދު އިބްރާހީމާއި މެޑިކަލް އޮފިސަރު ޑރ. އަލީ ޝާހިދު މުހައްމަދާއި ސައިކޮލޮޖިސްޓު އާއިޝަތު ޒީނާގެ އިތުރުން ޗީފް އިނިސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު ޖަމްޝީދު އެވެ.

އެބޭފުޅުންގެ ތެރެއިން ނަސީމާއި މަޖީދަކީ ގާނޫނީ ލަފާދިނުމުގެ މަސައްކަތް ކުރެއްވި ބޭފުޅުންނެވެ.

ހެކިބަސް ދެއްވަމުން އެ ދެ ބޭފުޅުން ވެސް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރިރޭ އޮކްސް ރޫމަށް އެ ދެ ބޭފުޅުން ވަޑައިގެންނެވުމުން ފުލުސް އޮފީހުން ފޮނުވާ ސިޓީއަށް ޖަވާބު ތައްޔާރުކޮށްދިނުމަށް ޒިޔާދު އެންގެވި ކަމަށެވެ. އެހެންނަމަވެސް މިއަދާ ހަމައަށް ވެސް އެ ސިޓީ ލިބިފައިނުވާ ކަމަށް އެ ދެ ބޭފުޅުން ވެސް ވަނީ ވިދާޅުވެފަ އެވެ.

ޒިޔާދުގެ މައްޗަށް ކުރާ ދައުވާގައި މިހާތަނަށް ނުވަ މީހެއްގެ ހެކިބަސް ނަގާފައިވާއިރު، މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ މިއަދު ހާޒިރުކުރެވުނު ހެކީންގެ ހެކިބަސް ނަގައި ނިމުނީ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު