އަބްދުﷲ ގާޒީ ހައްޔަރުކުރީ ސަބަބު ބަޔާން ނުކޮށް: ހެކީން

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށްގެން ގެންދިޔައީ ކޯޓު އަމުރެއް ވެސް ނެތި ކަމަށާއި ހައްޔަރު ކުރިއިރު، ސަބަބު ވެސް ބަޔާން ނުކުރާ ކަަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގައި މިރޭ ކޯޓަށް ހާޒިރު ކުރި ހެކިވެރިން ބުނެފި އެވެ.

ކްރިމިނަލް ކޯޓުގައި މިރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެއްވާފައި ވަނީ އަބްދުﷲ ގާޒީގެ އަނބިކަނބަލުންނާއި އޭނާގެ ދައްތަގެ އިތުރުން ފުލުސް އޮފިސަރެކެވެ.

ހެކިބަސް ދެއްވަމުން އަބްދުﷲ ގާޒީގެ އަނބިކަނބަލުން ވިދާޅުވީ ފިރިކަލުން ހައްޔަރުކޮށްގެން ގެންދިޔައީ ގޭގައި ކެއިންބައްލަވަން ތިއްބަވަނިކޮށް "ގަދަކަމުން އަތުގައި ހިފާ ދަމާފައި" ކަމަށެވެ.

ސިޓީންގް ރޫމްގައި ސިފައިންނާއެކު އަބްދުﷲ ގާޒީ ހުންނަވަނިކޮށް އޭނާގެ އަތުގައި ހިފައި ސިފައިންނާ މުޚާތަބުކޮށް ކީއްވެގެންތޯ ތިގެންދަނީ އަދި ކޮންތާކަށްތޯ ތި ގެންދަނީ ދެންނެވި ކަމަށް އަބްދުﷲ ގާޒީގެ އަނބިކަނބަލުން ވިދާޅުވި އެވެ. ނަމަވެސް އެއިން އެއްވެސް ސުވާލަކަށް ސިފައިން ޖަވާބު ނުދެއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހައްޔަރުކޮށްގެން ގެންދަން އުޅުނު ވަގުތު އެގޭގެ ތެރޭގައި ސިފައިން ތިބީ ފިރިކަލުން ވަށާލައިގެން ކަމަށާއި އެ ވަގުތު ތުރުކުރައްވައިގެން ހުންނެވި އަންނައުނު ބަދަލުކުރަން ވަޑައިގަތުމަށް އެދިވަޑައިގަތުމުން އެ ފުރުސަތު ވެސް ސިފައިން ދީފައި ނުވާ ކަމަށެވެ. އަދި ތުރުކުރައިވައިގެން ހުންނެވި އަންނައުނު ބަދަލު ކުރެއްވީ ސިފައިންގެ ކުރިމަތީގައި ކަމަށް އަނބިކަނބަލުން ވިދާޅުވި އެވެ.

އަބްދުﷲ ގާޒީ ގެއިން ނެރެން އުޅެނިކޮށް، އަތުގައި ހިފައިގެން އެގޭ ދޮރުކައިރީ ހުއްޓައި ދެކަނބަލުންގެ ދެމެދަށް ސިފައިން ވަދެގެންފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިރޭ ހެކިބަސް ދެއްވި އަބްދުﷲ ގާޒީގެ ފަހަރިގެ ހެކިބަހާއި އަނބިކަނބަލުންގެ ހެކިބަހާ ދިމާވެ އެވެ.

އަބްދުﷲ ގާޒީގެ ފަހަރި ބުނީ ސިފައިން ގެންދަން އުޅެނިކޮށް ކޯޓު އަމުރު ކޮބައިތޯ އަބްދުﷲ ގާޒީ ސިފައިންނާ ސުވާލު ކުރެއްވި އަޑު އިވިވަޑައިގަތް ކަމަށް އަނބިކަނބަލުންގެ މަންމަ އޭނަގާތު ވިދާޅުވި ކަމަށެވެ. ރައީސް ނަޝީދުގެ ދިފާއީ ވަކީލު އަބްދުﷲ ޝާއިރު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ހެކިބަސްދިން މީހާ ބުނީ ކޯޓު އަމުރު ކޮބައިތޯ އަބްދުﷲ ގާޒީ ސިފައިންނާ ސުވާލު ކުރި އަޑު އޭނާ ވެސް އެއްސެވި ކަމަށެވެ.

މިރޭ ތިން ވަނައަށް ހެކިބަސް ދެއްވާފައި ވަނީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފެވެ.

ހެކިބަސް ދެއްވަމުން އޭނާ ވިދާޅުވީ 2012 ވަނަ އަހަރުގެ ޖެނުއަރީ 18 ވަނަ ދުވަހު ފުލުހުންގެ އޮފިސަރުންތަކަކާ ބައްދަލު ކުރައްވައި އަބްދުﷲ ގާޒީ ދޫކޮށްނުލާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށެވެ. އަދި ކޯޓާ 100 ފޫޓަށް އަބްދުﷲ ގާޒީއަށް ކައިރި ނުވެވޭނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި ކަމަށް ހެކިބަސް ދެއްވަމުން މަންނާނު ވިދާޅުވި އެވެ.

މިރޭ ހެކިބަސް ދެއްވި ހުރިހާ ފަރާތްތަކުގެ ހެކިބަސް ނެގުމުގެ ކުރިން އެ ފަރާތްތަކުގެ ހެކިބަސް ނެގުމަށް އިއުތިރާޒު ކުރައްވާ ކަމަށް ރައީސް ނަޝީދާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވަނީ ވިދާޅުވެފަ އެވެ. އަދި އެކަން ސާބިތުކުރުމަށް ހައިކޯޓުގެ ގަޒިއްޔާތަކެއް ވެސް ރައީސް ނަޝީދުގެ ފަރާތްޕުޅުން ވަނީ ޝަރީއަތަށް ހުށަހަޅުއްވާފަ އެވެ.

ހެކިބަސް ދެއްވި މީހަކާ ރައީސް ނަޝީދުގެ ގާނޫނީ ވަކީލު އަބްދުﷲ ޝާއިރު ކުރެއްވި ސުވާލަކާ ގުޅިގެން ދައުލަތުގެ ވަކީލު އަބްދުﷲ ރާބިއު ވިދާޅުވީ ދައުލަތުން ހުށަހަޅާ ހެކީން ކޯޓަށް ހާޒިރުކުރުމުގެ ކުރިން ޕީޖީ އޮފީހުގެ ވަކީލުން އެ މީހުންނާ ބައްދަލުކޮށް ތަހުގީގު ބަޔާން ވެސް ދައްކާ ކަމަށެވެ.

އެއީ މި މައްސަލާގައި އެކަނި އަމަލުކުރާ އުސޫލެއް ނޫން ކަމަށާއި ހުރިހާ މައްސަލަތަކުގައި ވެސް އެގޮތަށް އެ އޮފީހުން އަމަލު ކުރާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ އެގޮތަށް އަމަލު ކުރަނީ ތަހުގީގަށް ބަޔާންދިން މީހުން ތިބީ ޝަރީއަތުގައި ހެކިބަސްދޭންތޯ އާއި އަދި އެ މީހުން ހެކިބަސްދީފިނަމަ އެމީހުންނަށް އޮތް ނުރައްކަލަކީ ކޮބައިތޯ ބެލުމަށް ކަމަށެވެ.
ނަމަވެސް ރައީސް ނަޝީދުގެ ގާނޫނީ ވަކީލުން ވިދާޅުވެފައި ވަނީ އެއީ ޝަރުއީ ހަމަތަކަށް ބަލާއިރު ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ދައުލަތުން ހުށަހެޅި ހެކީންގެ ތެރޭގައި ހިމެނޭ ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ފަސީހު އާއި ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް އަތީފްގެ އިތުރުން ކާނަލް ވައިސް ވަހީދުގެ ހެކިބަސް ދެން ނުގެގިއަސް މައްސަލައެއް ނެތް ކަމަށެވެ.

ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ޝަރީއަތާ މެދު ކަންބޮޑުވުންފާޅުކުރައްވައި ފުލުހުންގެ ހައްޔަރުގައި ހުރި ރައީސް ނަޝީދު މިރޭގެ ޝަރީއަތުގައި ވިދާޅުވީ "ޝަރީއަތް ފަޓާސް ބަރިއެއްދާ ގޮތަށް ދާތީ" ކަންބޮޑުވާ ކަމަށެވެ.

ހެކިބަސް ނަގައި ނިމުމުން ފަނޑިޔާރުންގެ ބެންޗުން ވަނީ ޑޮކިއުމެންޓްރީ ހެކިތަކާ ބެހޭ ކަންތައް މިރޭ ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެކަމަށް ތައްޔާރުވުމަށް ވަގުތު ބޭނުންވާ ކަމަށް ރައީސް ނަޝީދުގެ ވަކީލުން ވިދާޅުވުމުން އެކަމާ ގުޅޭ ޝަރީއަތް މާދަމާ ބާއްވަން ވަނީ ނިންމާފައެވެ.

ޑޮކިއުމެންޓްރީ ހެކިތަކާ ގުޅޭ ޝަރީއަތުގައި ދައުލަތުން ހުށަހަޅާފައިވާ ވީޑިއޯ ފްޓޭޖުތަކަށް ދެ ފަރާތުގެ ވަކީލުން ވަކާލާތު ކުރަން ފުރުސަތު ދިނުމަށް މިރޭގެ ޝަރީއަތުގައި ވަނީ ނިންމާފަ އެވެ.

އެކަމާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ ދޫނިދޫގައި އެމަނިކުފާނު ހުންނަވާ ތަނުގައި ޓީވީ، ކޮމްޕިއުޓަރު ފަދަ ވަސީލަތްތައް ނުހުންނާތީ ވީޑިއޯ ބެލެން ނެތް ކަމަށެވެ. އަދި ވަކީލުންނާއެކު ވީޑިއޯތައް ބެލޭނެ ގޮތް ގެއަށް ބަދަލުކޮށްގެން ވެސް ހަމަޖައްސައިދިނުމަށް އެމަނުކުފާނު އެދިވަޑައިގަތެވެ.

ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އަބްދުﷲ ދީދީ މިރޭ ޝަރީއަތުގެ މަޖިލިސް ނިންމަވާލައްވަމުން ވިދާޅުވީ ރައީސް ނަޝީދަށް ވަކީލުންނާ އެކު ވީޑިއޯ ބެލޭނެ އިންތިޒާމް ހަމަޖެއްސޭތޯ ކޯޓުން މަސައްކަތް ކުރާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު