ބަޙްރައިންގެ ސަރުކާރާ ދެކޮޅަށް ރައްޔިތުން ކުރާ މުޒާހަރާތައް ވަރުގަދަވާން ފެށުމުން އެމެރިކާ ކަންބޮޑުވެއްޖެ

މަނާމާ : ބަޙްރައިންގެ ރައްިތުން އެޤައުމުގެ ސަރުކާރާ ދެކޮޅަށް ކުރަމުން ގެންދާ މުޒާހަރާތައް ވަރުގަދަވާން ފެށުމުން އެމެރިކާ ކަންބޮޑުވާކަން ހާމަކޮށްފިއެވެ. އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާން ފިލިޕް ކްރަވްލީ ވިދާޅުވިގޮތުގައި ބަޙްރައިންގައި މިހާރު ކުރިޔަށްދާ ގަޑުބަޑުތަކަކީ އެމެރިކާ ވަރަށް ކަންބޮޑުވާ ކަންތައް ތަކެކެވެ. އޭނާ ހުރިހާ ފަރާތަކަށް ގޮވާލެއްވީ ނަފްސު ކޮންޓްރޯލް ކުރުމަށެވެ.

ބަޙްރައިންގެ ވެރިކަމުގެ ނިޒާމަކީ އެމެރިކާގެ މަސްލަޙަތު ޙިމާޔްތަކޮށްދޭ ނިޒާމެއް ކަމަށާއި ބަޙްރައިންގެ ޚުދުމުޚްތާރު ރަސްކަމުގެ ނިޒާމް ދިފާޢުކުރާ ބޭރުގެ ބާރަކީ އެމެރިކާ ކަމަށް އެޤައުމުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ. ހަމަނުޖެހުން ނުއުފެއްދުމަށް އެމެރިކާއިން ބަޙްރައިންގެ އިދިކޮޅު ފަރާތްތަކަށް އިލްތިމާސް ކުރިއިރު އެމެރިކާގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަންވަނީ އީރާނުގެ އިދިކޮޅު ފަރާތްތަކުން އީރާން ސަރުކާރާ ދެކޮޅަށް އިއްޔެ ކުރި މުޒާހަރާތަކަށް މަރްޙަބާ ވިދާޅުވެ ހިއްވަރު ދެއްވާފައެވެ.

ބަޙްރައިންގެ އިދިކޮޅު ފަރާތަކާއި ރައްޔިތުންގެ އެތަށް ހާސްބަޔަކު ވެރިރަށް މަނާމާގައި އިއްޔެއާއި މިއަދުވެސްދަނީ ރަސްގެފާނު ޙަމަދް ބިން ޢީސާގެ ނިޒާމް ވައްޓާލުމަށް ގޮވާލައި މުޒާހަރާ ކުރަމުންނެވެ. އިއްޔެގެ މުޒާހަރާއާ ދެކޮޅަށް ބަޙްރައިންގެ ފުލުހުން ބާރުގެ ބޭނުން ކުރުމުން މުޒާހަރާކުރި މީހުންގެ ތެރެއިން ދެމީހަކު މަރުވެ ވިއްސަކަށް މީހުންވަނީ ޒަޚަމްވެފައެވެ. ރަސްގެފާނު ޙަމަދް ބިން ޢީސާވަނީ މިދެމީހުން މަރާލިމައްސަލަ މިނިވަންކަމާއެކު ތަޙްޤީޤް ކޮށްދެއްވުމަށް ވަޢްދުވެ ވަޑައިގެންފައެވެ.
ބަޙްރައިން އަކީ އެމެރިކާ ސިފައިންނަށް ޢަސްކަރީ ފަސޭހަތައް ދީގެން އެމެރިކާއާއެކު ދިފާޢީ މުޢާހަދާއެއްގައި ސޮއިކޮށްގެން އުޅޭ ވަރަށް ކުޑަކުޑަ ޢަރަބި ޤައުމެކެވެ. ޝިޔަޢީންގެ އަޣްލަބިއްޔަތެއް އޮންނަ މިޤައުމުގައި ވެރިކަން ކުރަނީ ސުންނީންނެވެ.

ބަޙްރައިންގައި ހިނގަމުންދާ ގަޑުބަޑުތަކާގުޅިގެން އެޤައުމުގެ ސުންނީ ރަސްކަން ވެއްޓިއްޖެނަމަ އެމެރިކާއާ އިދިކޮޅު އީރާނަށް ތާއީދުކުރާ ޝިޔަޢީންގެ ވެރިކަމެއް އެޤައުމުގައި އުފެދުމުގެ ފުރްސަތު ވަރަށް ބޮޑުކަމަށް މުޙައްލިލުން ދެކެއެވެ. ބަޙްރައިންގެ މުޒާހަރާތަކާ ގުޅިގެން އެމެރިކާ ކަންބޮޑުވާ މައިގަނޑު މައްސަލައަކީ މިއީ ކަމަށް މިފަރާތްތަކުން ދެކެއެވެ. -- އަލްޖަޒީރާ، ނޫސްއެޖެންސީތައް
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު