ހއ. ދިއްދޫގެ ސަހަރާ ފުރިގެން މީހުން ވަލުލުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށް އެރަށު ކައުންސިލްއިން ބުނެފި އެވެ.
ދިއްދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝިނާން މިއަދު ސަން އަށް ވިދާޅުވީ 2012 ވަނަ އަހަރުން ފެށިގެން އެ ރަށުގެ ސަހަރާ ވަނީ ފުރިފައިކަމަށާއި އެކަމުގެ ސަބަބުން މީހުން ވަޅުލުމަށް ބޮޑެތި ދަތިތަކެއް ކުރިމަތި ވަމުން އަންނަ ކަމަށެވެ. މިއަދު 9:00 ޖެހިއިރުން ފެށިގެން މީހަކު ވަޅުލުމަށް ވަޅެއް ހޯދުމަށް މަސައްކަތްކޮށް އަދިވެސް އެކަން ވެފައިނުވާ ކަމަށް ޝިނާން ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިދިޔަ އަހަރުން ފެށިގެން ވެސް ހަތް ވަޅު އަށް ވަޅު ކޮނެގެން ކިރިޔާ ޖާގައެއް މި ލިބެނީ. މިއަދު ވެސް ނުވައެއް ޖެހީއްސުރެ ވަޅެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އަދި އަޅުގަނޑުމެންނަށް ވަޅުލާނެ ޖާގައެއް ލިބޭ ގޮތް ނުވެގެން މިއުޅެނީ." ޝިނާން ވިދާޅުވި އެވެ.
ދިއްދޫގައި 4091 މީހުން ދިރިއުޅޭއިރު އެރަށަކީ ހއ. އަތޮޅުގެ އަތޮޅު ހޮސްޕިޓަލް ވެސް ހުންނަ ރަށެވެ. ޝިނާން ވިދާޅުވީ އަހަރެއްގެ މައްޗަށް 40 ވަރަކަށް މީހުން އެރަށު ސަހަރާގައި ވަޅުލަން ޖެހޭ ކަމަށެވެ.
ދެހާސް ބާރަ ވަނަ އަހަރުން ފެށިގެން ސަރުކާރުގެ ސަމާލުކަމަށް އެކަން ވާނީ ގެނެވިފައި ކަމަށާއި ނަމަވެސް މިހާތަނަށް އެއްވެސް އަލިމަގެއް އެކަމަށް ފެނިފައިނުވާ ކަމަށް ޝިނާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކައުންސިލުން ބޭނުން ވަނީ މިހާރު ހުރި މަހާނަތަކުގެ މައްޗަށް ފަސް އަޅަން ކަމަށެވެ. ވެލި ކައުންސިލްގައި އެބަހުރި ކަމަށާއި ސަރުކާރުގެ ފަރާތުން ބޭނުންވާ އެހީތެރިކަމަކީ ބައުންޑުރީއެއް ރޭނުމާއި ފަސް އަޅައި ދިނުން ކަމަށް ޝިނާން ވިދާޅުވި އެވެ.