ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމުރު ކުރެއްވި ކަމަށް ވިދާޅުވެ، އޭރުގެ މާލޭ އޭރިއާގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް ދީދީ އޭނާ އަރިހު ވިދާޅުވި ކަމަށް ކުރީގެ ކާނަލް މުހައްމަދު ޒިޔާދު މިއަދު ވިދާޅުވެއްޖެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ޒިޔާދު ވިދާޅުވީ ގައުމީ ސަލާމަތައްޓަކައި އަބްދުﷲ ގާޒީ ހައްޔަރުކުރަން ސިފައިންގެ އެންމެ މަތީވެރިޔާ މުހައްމަދު ނަޝީދު ނިންމަވައިފި ކަމަށް އިބްރާހީމް ދީދީ އޭނާ އަރިހު ވިދާޅުވީ 16 ޖެނުއަރީ 2012 ވަނަ ދުވަހުގެ ރޭ ކަމަށެވެ. އަދި އަބްދުﷲ ގާޒީ ހައްޔަރުކުރުމުގެ ހުރިހާ އަމުރެއް ސިފައިންނަށް ކުރެއްވީ އިބްރާހީމް ދީދީ ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޒިޔާދު ވަނީ ޓެރަރިޒަމްގެ ދައުވާއަށް އިންކާރު ކުރައްވާފައެވެ. އޭނާ ދައުވާ އަށް އިންކާރުކުރެއްވުމުން ދައުލަތުން ވަނީ އޭނައާ ދެކޮޅަށް ހެކި ހުށަހަޅާފައެވެ.
ދައުލަތުން ހެކީންގެ ގޮތުގައި ހުށަހެޅި މީހުންގެ ތެރޭގައި ލެފްޓިނެންޓް ކާނަލް ނަސްރުﷲ އިބްރާހީމް މަޖުދީ އާއި ލެފްޓިނެޓް ކާނަލް ޑރ. އަލީ ޝާހިދު މުހައްމަދާއި ފަސްޓު ލެފްޓިނެންޓު އަލީ އިހުސާނާއި ލެފްޓިނެންޓް ކާނަލް އަބްދުލް މަޖީދު އިބްރާހީމާއި ފަސްޓް ލެފްޓިނެންޓު އިބްރާހީމް ނަސީމް އާއި ކާނަލް އަބްދުއްރަހީމް އަބްދުއްލަތީފާއި މޭޖާ ނެޖެރަލަ އިބްރާހީމް ރަޝީދާއި ވޮރަންޓް އޮފިސަރު އާއިޝަތު ޒީނާ ހިމެނިވަޑައިގަންނަވައެވެ.
ޒިޔާދުގެ ފަރާތުން ވެސް ވަނީ ދިފާއުގައި ހެކި ހުށަހަޅުއްވާފައެވެ. އެގޮތުން އޭނާގެ ފަރާތުން ހެކީންގެ ގޮތުގައި ހުށަހަޅުއްވާފައިވާ ބޭފުޅުންގެ ތެރޭގައި ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޝާމާލު އާއި ކެޕްޓަން އަބްދުލް މުއީޒު މުސްތަފާ އާއި ސާޖަންޓް ފަސްޓްކްލާސް އަބްދުﷲ ޝަރީފް އާއި ކެޕްޓަން ހުސައިން ރިޔާޒު ހިމެނިވަޑައިގަންނަވައެވެ.
ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނެގުން އޮންނާނީ މިރޭ 7:00 ގަ އެވެ.