އަބްދުﷲ ގާޒީއަށް ކޯޓާ ކައިރިނުވެވޭނެ ގޮތް ހައްދަވާނެ ކަމަށް ނަޝީދު ވިދާޅުވި: ހެކި

ކްރިމިނަލް ކޯޓުގެ ޝަރީއަތަށް ހާޒިރު ކުރުމަށްފަހު، ރައީސް ނަޝީދު ފުލުހުންގެ ވެހިކަލެއްގައި ގެންދަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އަށް ކޯޓާ ކައިރިނުވެވޭނެ ގޮތް ހައްދަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ކަމަށް ފުލުހުންގެ އޮފިސަރަކު ހެކި ބަސްދީފި އެވެ.

ކްރިމިނަލް ކޯޓުގައި މިރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސްދެއްވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، ގދ. ތިނަދޫ ވެސްޓުލައިޓް، އަހްމަދު ޖަމްޝީދު ވިދާޅުވީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ޝަހީދު ހުސައިން އާދަމް ބިލްޑިންގްގައި ރައީސް ނަޝީދު ފުލުހުންގެ އިސް އޮފިސަރުންނާ ބައްދަލުކުރެއްވި ކަމަށެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަބްދުﷲ ގާޒީ އެކަހެރި ކުރަންޖެހޭ ކަމަށާއި ކޯޓާ ކައިރި ނުވެވޭ ގޮތް ހައްދަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށް ޖަމްޝީދު ވިދާޅުވި އެވެ.

"ރައީސް ނަޝީދު ވިދާޅުވީ އަބްދުﷲ ގާޒީއަށް ކްރިމިނަލް ކޯޓާ ކައިރި ނުވެވޭގޮތް ހަދާނެ ކަމަށް،" ހެކިބަސް ދެއްވަމުން ޖަމްޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަބްދުﷲ ގާޒީއަށް ކޯޓާ 10 މީޓަރަށް ކައިރި ނުވެވޭނެ ކަމަށް ވެސް ރައީސް ނަޝީދު އެދުވަހު ވިދާޅުވި ކަމަށެވެ. އަދި އެކަމާ ހިތްހަމަޖެހިވަޑައިނުގަންނަވާ މީހެއްނަމަ އެބައްދަލުވުން ދޫކޮށް ވަޑައިގަތުމަށާއި އެފަދަ މީހުންނަށް އެހެން ވަޒީފާއެއް ހަމަޖައްސައިދެއްވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެފައިވާ ކަމަށެވެ.

ޖަމްޝީދުގެ އިތުރުން ދެން މިރޭ ހެކިބަސްދެއްވާފައި ވަނީ ޗީފް އިނިސްޕެކްޓާ އޮފް ޕޮލިސް، ހއ. ދިއްދޫ ކިނބިގަސްދޮށުގޭ އަހްމަދު ޖަމްޝީދެވެ.

ހެކިބަސްދެއްވަމުން އޭނާ ވިދާޅުވީ ފުލުހުންގެ އިސް އޮފިސަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި "އެއްވެސް ހައިސިއްޔަތަކުން ކޯޓާ 100 ފޫޓު ކައިރިއަށް އަބްދުﷲ ގާޒީއަށް ނުދެވޭނެ ކަމަށް" ރައީސް ނަޝީދު ވިދާޅުވި ކަމަށެވެ.

"އެމަނިކުފާނުގެ ވެރިކަމެއްގައި އަބްދުﷲ ގާޒީއަށް ކޯޓަށް ވަޑައިނުގަނެވޭނެ ކަމަށް [ރައީސް ނަޝީދު] ވިދާޅުވި،" ޖަމްޝީދު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ސިފައިންނަށް "އެކަން އަންގާނެކަމަށް" ރައީސް ނަޝީދު ވިދާޅުވި ކަމަށް ވެސް ހެކިބަސްދެއްވަމުން ޖަމްޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވި "އެކަމަކީ" ކޮބައިތޯ ދެންނެވުމުން އޭނާ ވިދާޅުވީ އެއީ ކޮންކަމެއްކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ރައީސް ނަޝީދުގެ ގާނޫނީ ވަކީލު އަބްދުﷲ ޝާއިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޝާކިރު ވިދާޅުވީ ކޯޓަށް ވަޑައިގަތުމުގެ ކުރިން އޭނާ ތަހުގީގަށް ދެއްވި ބަޔާން ބެއްލެވި ކަމަށެވެ. އަދި މިއަދު ހަވީރު ޕީޖީ އޮފީހުގެ ވަކީލުންނާ ފުލުހުންގެ މައި އިދާރާގައި ބައްދަލުކުރައްވައި ހެކިބަސްދިނުމުގައި އޭނާ ސަމާލުކަންދޭންޖެހޭ ވަކި ކަމެއް އޮތްތޯ ސުވާލުކޮށް މައުލޫމާތު އޮޅުންފިލުވި ކަމަށް ޝާކިރު ވިދާޅުވި އެވެ.

ޝާކިރު އެހެން ވިދާޅުވުމުން ދައުލަތުން ވަނީ އޭނައާ ސުވާލުތަކެއް ކުރައްވާފައެވެ. އެގޮތުން ވަކި ގޮތަކަށް ހެކިބަސް ދިނުމަށް ޕީޖީގެ ވަކީލުން ޝާކިރަށް މަޖުބޫރު ކުރުވިތޯ ދެންނެވުމުން އޭނާ ވިދާޅުވީ އެފަދަ ކަމެއް ޕީޖީގެ ވަކީލުން ކޮށްފައިނުވާ ކަމަށެވެ.

އަބްދުﷲ ގާޒީ "ގަދަކަމުން ފޮރުވަން" ރައީސް ނަޝީދު އެންގެވިތޯ އެމަނިކުފާނުގެ ގާނޫނީ ވަކީލު ޝާއިރު ކުރެއްވި ސުވާލުގެ ޖަވާބުގައި ޝާކިރު ވިދާޅުވީ އެފަދަ އެންގުމެއް ރައީސް ނަޝީދު އަންގާފައިނުވާ ކަމަށެވެ.

މިރޭގެ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ނެގުމުގެ ކުރިން ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ވަނީ ފުލުހުންނާއި ސިފައިން ރައީސް ނަޝީދާ ދެކޮޅަށް ހެކީންގެ ގޮތުގައި ހާޒިރުކުރަން އިއުތިރާޒު ކުރާ ކަމަށް ވިދާޅުވެފަ އެވެ.

ހައިކޯޓުގެ ދެ ގަޒިއްޔާއަކާ ހަވާލާދެއްވައި ގާނޫނީ ޓީމުން ވަނީ އެބޭފުޅުން އެކަމަށް އިއުތިރާޒުކުރައްވާ ސަބަބު ތަފްސީލުކޮށް ކިޔައިދީފައެވެ.

އެކަމާ ގުޅޭގޮތުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ ހެކީންގެ ހެކިބަހަށްދޭނީ ކިހާވަރެއްގެ ބުރަދަނެއް ކަމަށް ޝަރީއަތުން ރިއާޔަތްކުރާނެ ކަމަށެވެ.

އެ މައްސަލައިގައި ދެން ބާއްވާ ޝަރީއަތުގެ މަޖިލީހެއްގައި ވެސް އޮންނާނީ ހެކީންގެ ހެކިބަސް ނެގުމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު