ތިރީސް އަހަރަށް ޖަލަށްލިޔަސް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ދޫކޮށްލެވެން ނެތް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނު ވިދާޅުވި ކަމަށް ސިފައިންގެ އޮފިސަރަކު ހެކިބަސްދީފި އެވެ.
ކްރިމިނަލް ކޯޓުގައި މިރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެއްވަމުން ކެޕްޓަން އަލީ އިހުސާން ވިދާޅުވީ 2012 ވަނަ އަހަރު އޭނާ މަސައްކަތް ކުރެއްވީ އޭރުގެ ޑިފެސްންސް މިނިސްޓަރު ތޮލްހަތުގެ އެސިސްޓެންޓެއްގެ ގޮތުގައި ކަމަށެވެ.
ދައުލަތުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އިހުސާން ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރިފަހުން، އެކަމާ ގުޅޭ ގޮތުން ތޮލްހަތު އޭނައާ ވާހަކަދައްކާފައިވާ ކަމަށެވެ. އެގޮތުން އެއް ދުވަހަކު ދެކެވުނު ވާހަކައެއްގައި 30 އަހަރަށް ޖަލަށް ލިޔަސް އަބްދުﷲ ގާޒީ ދޫކޮށްލެވެން ނެތް ކަމަށް ތޮލްހަތު ވިދާޅުވި ކަމަށް އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ އޭނާ ގަބޫލުކުރައްވާ ގޮތުގައި އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ވަނީ ތޮލްހަތު އޭރުގެ މާލޭ އޭރިއާ ކޮމާންޑަރު އިބްރާހީމް މުހައްމަދު ދީދީ އަށް އަމުރުކުރެއްވުމުން ކަމަށެވެ.
އޭނާ ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރި ރޭ ނޫން ކުރީރޭ، 15 ޖެނުއަރީ 2012 ވަނަ ދުވަހުގެ ރޭ ސިފައިންގެ ކާނަލުން ފެށިގެން މަތީގެ މީހުންނާ އެކު ބަންޑާރަ ކޮށީގައި ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި އެ ބައްދަލުވުމުގައި ތޮލްހަތު ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދެކެވިފައި ވަނީ އަބްދުﷲ ގާޒީގެ އަމަލުތަކުގެ ސަބަބުން ފުލުހުންގެ މަސައްކަތަށް ދަތިވާތީ އެކަމުގައި ސިފައިންގެ އެހީ ހޯދުމާ ގުޅޭ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރިރޭ އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް ސެކްރެޓަރީ ގެންނެވި ސިޓީއެއް ތޮލްހަތު ވިދާޅުވެގެން އޭނައާ ހަވާލުކުރި ކަމަށާއި އެ ސިޓީ ވިދާޅުވުމަށް ފަހު "އަޅުގަނޑުމެން ސަލާމަތްވާނެ އެއްޗަކީ މިއީ" ކަމަށް ތޮލްހަތު ވިދާޅުވި ކަމަށް އިހުސާން ވިދާޅވި އެވެ.
އޭނާ ވިދާޅުވީ އޭގެ ފަހުން އިތުރު ސިޓީއެއް ކޮމިޝަނަރުގެ ސެކްރެޓަރީގެ ފަރާތުން ލިބުނު ކަމަށާއި ދެ ސިޓީގައި ވެސް ވަނީ އެކައްޗެއް ކަމަށެވެ. ހަމައެކަނި ތަފާތަކީ ދެވަނަ ސިޓީއަކީ ހޯމް މިނިސްޓަރުގެ ސިޓީއެއް ކަން ކަމުގައި އިހުސާން ވިދާޅުވި އެވެ.
އެއިން ކޮންމެ ސިޓީއަކާ އެކު އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ސެކްރެޓަރީ ހިސާން ހުސައިން ފޮނުވި ސިޓީއެއް އެޓޭޗްކޮށްފައިވާ ކަމަށާއި އެ ސިޓީގައި ވަނީ އަބްދުﷲ ގާޒީގެ އަމަލުތަކުގެ ސަބަބުން ފުލުހުންގެ މަސައްކަތަށް ދަތިވާތީ އެ މައްސަލަ ތަހުގީގުކޮށްދިނުމަށް ކަމުގައި ކަމަށް އިހުސާން ވިދާޅުވި އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ހިންގި އޮޕަރޭޝަންގެ ކޮމާންޑަރަކީ އޭރުގެ މާލޭ އޭރިއާ ކޮމާންޑަރު އިބްރާހީމް ދީދީ ކަމަށާއި އޭނާ އެކަމަށް އައްޔަން ކުރެއްވީ ތޮލްހަތު ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
އިހުސާންގެ އިތުރުން މިރޭ ދެން ހެކިބަސްދެއްވާފައި ވަނީ ކާނަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ. ހެކިބަސް ދެއްވަމުން އޭނާ ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ފަހު އެކަމާ ގުޅިގެން ސިފައިންގޭގައި ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި ފަހުން ތޮލްހަތު އަންގަވައިގެން ގާޒީއާ ބައްދަލުކުރުމަށް އޭނާ ގިރިފުއްޓަށް ގޮސްފައިވާނެ ކަމަށާއި ތޮލްހަތު ވެސް ގިރިފުއްޓަށް ވަޑައިގެން އަބްދުﷲ ގާޒީއާ ބައްދަލުކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލައިގެ އިތުރު އަޑުއެހުމެއް މާދަމާ ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.