އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް އަމުރުކުރެއްވީ ރައީސް ނަޝީދު: ތޮލްހަތު

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރުމަށް އަމުރުކުރެއްވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ކުރީގެ ސިފައިންގެ އެންމެ މަތީ ވެރިޔާ މުހައްމަދު ނަޝީދު ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ ގާނޫނީ ވަކީލު ވިދާޅުވެއްޖެ އެވެ.

ތޮލްހަތުގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން މިރޭ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ތޮލްހަތުގެ ގާނޫނީ ވަކީލު މުހައްމަދު ޝާހު ވިދާޅުވީ، ރައީސް ނަޝީދުގެ އަމުރަށް އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ހިންގި އޮޕަރޭޝަނުގެ ކޮމާންޑަރަކަށް ހުންނެވީ އޭރުގެ މާލޭ އޭރިއާގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑު އިބްރާހިމް މުހައްމަދު ދީދީ ކަމަށެވެ.

"އިބްރާހީމް މުހައްމަދު ދީދީއަށް އަމުރުކުރެއްވީ ސިފައިންގެ އެންމެ މަތީވެރިޔާ މުހައްމަދު ނަޝީދު،" ތޮލްހަތުގެ ވަކީލު ވިދާޅުވި އެވެ.

ދެހާސް ބާރަވަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގެ ރޭ ދަންވަރު 12:00 އެހައިކަންހާއިރު އަބްދުﷲ ގާޒީ ގަދަކަމުން ހައްޔަރުކޮށް ސިފައިން ވަނީ ކ. ގިރިފުއްޓަށް ގެންގޮސްފައެވެ.

އަބްދުﷲ ގާޒީ ގިރިފުއްޓަށް ގެންދިޔައީ ކާކުގެ އަމުރަށްތޯ ދައުލަތުން ސުވާލުކުރުމުން ތޮލްހަތުގެ ވަކީލު ވިދާޅުވީ ގިރިފުއްޓަށް އަބްދުﷲ ގާޒީ ގެންދިޔައީ ރައީސް ނަޝީދުގެ އަމުރަށް ކަމަށެވެ.

"އަބްދުﷲ ގާޒީ ގިރުފުށީގަ ބަހައްޓަން ނިންމެވީވެސް ސިފައިންގެ އެންމެ މަތީވެރިޔާ މުހައްމަދު ނަޝީދު،" ތޮލްހަތުގެ ވަކީލު ވިދާޅުވި އެވެ.

ތޮލްހަތުގެ ޒިންމާގެ ދަށުން އެއްވެސް މީހަކަށް އަބްދުﷲ ގާޒީ ހައްޔަރުކުރުމާ ގުޅޭގޮތުން އެންގުމެއް އަންގާފައިނުވާނެ ކަމަށް ވެސް ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން އޭނާގެ ވަކީލު ވިދާޅުވި އެވެ.

އަބްދުﷲ ގާޒީ ހައްޔަރުމުގެ މަޝްވަރާތަކުގައި ތޮލްހަތު ބައިވެރިވިކަން ސާބިތުކުރުމަށް ދައުލަތުން ވަނީ 11 މީހަކު ހެކީންގެ ގޮތުގައި ހުށަހަޅާފައެވެ. އަދި އަބްދުﷲ ގާޒީ ގަދަކަމުން ކ. ކިރިފުއްޓަށް ގެންދިޔަކަން ސާބިތުކުރުމަށް ހަތަރު މީހަކު ވަނީ ހެކީންގެ ގޮތުގައި ހުށަހަޅާފައެވެ.

ދިފާއުގައި ހެކި ހުށަހެޅުމަށް ފުރުސަތު އެރުވުމުން ތޮލްހަތުގެ ވަކީލު ވިދާޅުވީ ރައީސް ނަޝީދު ސިފައިންގެ މައި މަރުކަޒުގައި ސިފައިންނާ ބައްދަލުކުރައްވައި އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް އަމުރު ކުރައްވާފައިވާ އޯޑިއޯއަކާއި އަބްދުﷲ ގާޒީ ހައްޔަރުކުރުމާ ގުޅޭގޮތުން ފުލުހުންގެ އިސްވެރިންތަކަކާ ބައްދަލުކުރައްވައި ރައީސް ނަޝީދު ދެއްކެވި ވާހަތަކުގެ އޯޑިއޯ ހެކީގެ ގޮތުގައި ހުށަހަޅަން ބޭނުންވާ ކަމަށެވެ.

ޝަރީއަތުން ވަނީ ތޮލްހަތުގެ ފަރާތުން އެދިވަޑައިގަތްގޮތުގެމަތިން އެ ފުރުސަތު ދެއްވާފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު