ފިލްމުގެ ނަން : ލޫދިފާ
ޑައިރެކްސަން، ސްކުރީން ޕްލޭ، ވާހަކަ : މުއުމިން ފުއާދު
ޕުރޮޑަކްސަން : ނޫރު މޫވީޒް
އެޑިޓިން : އާޒިމް
ބެކް މިޔުޒިކް : އިކްރާމް
މުހިންމު ތަރިން : ކޮޕީ އިއްސެ (ނާޝިދު)، ދަރާ ރަޝީދު (ޖަލީލް)، ރަވީ ފާރޫގް (އިންމަ)، ނަޝްފާ (ޝިފޫ) ، އަފީފާ (ޝެރީން)، ޝަކީލާ (ޒާހިރާ)، ކުޑަ ހައްޖަ (އަފިއްޔާ)، އާސިމް (އަޒީމް)، ސައީދް (ޖުނައިދު) ނިޔާ (ޝާންޓޭ)، ސައީދް (ޖުނައިދް)، އަޒޫ (އަރީކާ).
ހޯލުތެރެ އަދިރިވުމާއި އެކު އިވެންފެށީ މީހުންގެ ހަޅޭކުގެ އަޑާއި ރުޔުމާއި ގިސްލުމުގެ އަޑެވެ. ސައިރަންގެ އަޑު މެދުކެނޑުމެއްނެތި އިވެމުން ދިޔައިއިރު ކުރިމަތީގައި ހުރި އަށް ފޫޓު އަށް ފޫޓުގެ ސްކުރީނުން ރޯލް ވަމުން ދިޔައީ ސިޔާސީ ވެރިންނާ ދެ ޖިންސުންގެ މީހުންގެ ތަސްވީރުތަކެވެ. ލޯތްބާއި ކަރުނައިގެ ކަނޑެއްގެ ތެރޭގައި ފަތަން ޖެހިދާނެ ކަމަށް އުންމީދު ކޮށްގެން އޮލިމްޕަހަށް ވަނަސް ފިލްމު ލޫދިފާ ގެ އަމާޒު އޮތީ އެހެން ދިމާއަކަށެވެ. ފިލްމުގައި ކުރިއަށް ހުރި މަންޒަރުތަކަށް މުޅި މިހާ ތައްޔާރުކުރުވި އެވެ.
ލޫދިފާގެ މުޅި ވާހަކަ ބިނާވެފައިވަނީ މުއްސައްޖަކާއި ފަގީރެއްގެ ދިރިއުޅުމުގައި ލޫދިފާ ހުރި ނޫނީ ލޫދެމުން އަންނަ ކަންތައްތަކެއްގެ މައްޗަށެވެ. ނާޝިދު (ކޮޕީ އިއްސެ) އަކީ ފަގީރު ދިރިއުޅުމެއް އުޅެމުން އަންނަ މާލޭ މީހެކެވެ. ލިބޭ މަދު އާމްދަނީން ގޭތެރޭގެ ހަރަދު ބަރަދު ބެލެހެއްޓެނީ ކިރިޔަ ކިރިޔާ އެވެ. އެހެނަސް ޖަލީލްގެ (ދަރާ ރަޝީދް) ގެ ދިރިއުޅުމަކީ އެ އާ މުޅިންއިދިކޮޅު މުއްސަދި ދިރިއުޅުމެކެވެ. ޖަލީލުގެ ހުރި ހަމަ އެކަނި ދަރިޔަކީ އިމްރާން (ރަވީ) އެވެ. އިމްރާން ވިޔާނުދާކޮށް އުޅުމަށް ދައްކާ ބަހަނާއަކީ ބައްޕަ ޒުވާން އަންހެން ކުއްޖެއް ކަމަށްވާ ޝެރީން (އަފީފާ) އާ ދެ އަންބަން އިދެގެން އޫޅޭތީ ޑެޕްރެސްވުމުމެވެ.
ފިލްމުގެ ކެރެކްޓަރުންގެ ދިރިއުޅުން އެއް ކެރެކްޓަރެއް އަނެއް ކެރެކްޓަރެއްގެ ދިރިއުޅުމާ ކިތަންމެ ތަފާތަސް ސްޓޯރީ ލައިންއިން ބޭރުވެ، ބޭކާރު ކެރެކްޓަރުންތަކެއް އިތުރެއްނުވެ އެވެ. އައު ކެރެކްޓަރެއް އޯޑިއަންސަށް ހުށަހަޅާނަމަ އެ ކެރެކްޓަރެއް އަންނަނީ ފިލްމުގެ މުހިންމު ހާދިސާ އަކާއި ގުޅިގެންނެވެ. މުޅި ފިލްމުގައި ކެރެކްޓަރުންގެ އަސްލު ހާމަވެގެން ދަނީ ޓައިމް އިންޓަވަލް ތަކެއްގަ އެވެ. އެހެންވުމުން ފިލްމުގެ ސަސްޕެންސް އެތައް ތަނަކުން އިތުރުވެ، ފޫހި ކަމެއްނެތި ފިލްމް ބަލާލެވެ އެވެ. ފިލްމު ފެށިގެން ގޮސް ނިމެންދެން ކެރެކްޓަރުންގެ ކެރެކްޓާ ހިފެހެއްޓާފައި ހުރުމަކީ މުއުމިން ފުއާދު އެހެން ޑައިރެކްޓަރުންގެ މައްޗަށް ހޯދާފައިވާ ކާމިޔާބެކެވެ.
ހެޕީ ބާތް ޑޭ އާއި ހޭލާވެސް ޑައިރެކްޓްކޮށްފައިވާ މުއުމިން މާލޭގެ އަނދިރިފަރާތް ހުށަހަޅާފައިވަނީ ވަރަށް ޝައުގުވެރި ގޮތަކަށެވެ. ގޭންގް ސްޓާރުންނާއި ލާޗާރުބިޗާރީވެގެން އުޅޭ ޒުވާނުންގެ ހަރަކާތްތަކާއި އެމީހުންގެ ނުބައި ރޭވުންތައް އޭގެ އަސްލުގޮތުގައި ފުރިހަމަ ޑައިލޮގާއި އެކު ގެނެސްދީފައިވެ އެވެ. ވަގު ޑޮލަރުގެ ވިޔަފާރި އާއި އެ ނެޓްވޯކް ހަރަކާތްތެރިވާ ގޮތް ވަނީ ވަރަށް ފުރިހަމައަށް ދައްކުވައިދީފަ އެވެ.
ފިލްމް ނަގާފައިވާ ލޮކޭޝަން ތަކާއި ކެމެރާ ކޮށްފައިވާ ގޮތުން ފިލްމަށް އިތުރު ދިރުމެއް ގެނެސް ފިލްމް އެންޖޯއި ވެގެން ދިޔައެވެ. ކުލޯޒް އަޕް ޝޮޓް ތަކާއި ވައިޑް އޭންގަލް ޝޮޓްތައް ނަގާފައި ހުރީ މުނާސަބު ވަގުތުތަކުގަ އެވެ. ބައެއް ސޮޓްތައް ނަގާފައި ހުރިގޮތުން މިއީ ތޮއްޖެހިފައިވާ މާލޭގެ މަންޒަރެއް ބާއޭވެސް ހިތައް އަރަ އެވެ.
ލޫދިފާގައި ހާވާފައި ހުރި ހަޑިތައްވެސް ފާހަގަކުރަންޖެހެ އެވެ. އެގޮތުން އެންމެ ފުރަތަމަވެސް އަޅައިގަންނަނީ ފިލްމުގެ ދިގުމިނެވެ. މިއީ ދިވެހި ފިލްމް ތަކުގައި ދިމާނުވާ މައްސަލަ އެކެވެ. ފިލްމު ދިގުވެފައިވަނީ ދިގު ނުކުރާންޖެހޭ ބައެއް މަންޒަރުތައް މާބޮޑަށް ދިގުވެފައި ހުރުމުންނެވެ. މިސާލަކަށް ބައެއް ދޭދޭ މީހުންގެ މެދުގައި ވާހަކަދައްކާ ސީންތައް މާބޮޑަށް ދިގުދެމިގެން ގޮސްފައި ހުރުމެވެ. އެހެންވުމުން އަމިއްލަ ނަފްސައްވެސް ފޫހިކަން ވެރިވާގޮތް ދިމާވި އެވެ. ފިލްމުގެ ބެކް މިޔުޒިކް ވެސް ވަނީ އަތުން ލޫދިގެން ގޮސްފަ އެވެ. ބެކް މިޔުޒިކު ވީ ބޮޑު ބޮލުގަ ރިހުމަކަށެވެ. ހީވަނީ އެއްޗަކުން ބޮލުގައި ތަޅާހެންނެވެ.
ލޫދެމުން އަންނަ ދިވެހި ވަންތަކަން ހިފެހެއްޓުމަށް ލޫދިފާގައި އަގުހުރި މަސައްކަތްތަކެއް ކޮށްފައި އެބަހުއްޓެވެ. އެގޮތުން ގެވެހި އަންހެން ކުއްޖެއްގެ ކެރެކްޓާ، އަރީކާ (އަޒޫ) ގެ ކެރެކްޓާ ފިލްމުގައި ގެނެސްފައިވަނީ އެހެންވެގެން ކަމަށް ބެލެވެ އެވެ. އަދި ދިވެހި ދިދަ އާއި ދީނީ އަގުހުރި ނަސޭހަތްތައް ފިލްމުގައި ގެނެސްފައިވުމަކީ ދިވެހި ފިލްމް އިންޑަސްޓްރީވެސް އަމިއްލަ ވަންތަކަމަށް ލޯބިކުރަން ފެށި ކަމުގެ ހެއްކެކެވެ. ލޫދިފާ އަހަރުމެންގެ ދީނާއި އަމިއްލަ ވަންތަކަމަށް ލޯބިކޮށްފައި ވުމަކީ ނޫރު މޫވީޒް އަށާއި މުއުމިން ފުއާދަށް ހިތްވަރު ދޭން ޖެހޭ ކަމެކެވެ.
ދިވެހި އެހެން ފިލްމްތަކުގައި ނުފެންނަ ފަދަ އައުޓްސްޓޭންޑިން ކަންތައްތަކެއް ރިސްކެއްނަގާފައި ނަމަވެސް މުއިމިން ކޮށްފައި އެބަހުއްޓެވެ. ފިލްމުގައި ދެ ލަވަ ހިމެނުނަސް އެއީ ވަރަށް ތަފާތު ލަވަތަކެކެވެ. ކޮންމެ ލަވައެއްވެސް ބޭނުންކޮށްފައިވަނީ ވަނީ ފިލްމް ކުރިއަށް ގެންދިޔުމުގައި ރަހަތަފާތުކުރާ ފުލޭވާ އެއްގެ ގޮތަށެވެ. އެހެންވުމުން ރަހަތަފާތު ވުމުގެ އިތުރަށް ފިލްމަށް ފުރިހަމަކަމެއް ގެނެސްދީ ފިލްމް އިތުރަށް ރީތިކޮށްދެ އެވެ. މުޅި ފިލްމް ކަރުނައިން ފޯވެ އިޝްގާއި ޖަޒްބާތުގެ ތެރެއަށް އަރަގުވެފައި ނެތަސް ޖަޒުބާތާއި އަސަރު އޯޑިއަންސްގެ ހިތްތަކަށް ވައްދައިދީފައިވަނީ އިންޓަރެސްޓިން ގޮތަކަށެވެ.
ލޫދިފާއަކީ އިސްލާހު ކުރަންޖެހިފައިވާ އެކަމަކު ދައްކަން ނުކެރޭ ކިތަންމެ ވާހަކަތަކެއް ޖެހިލުމެއް ނެތި ދައްކާފައިވާ ފިލްމެކެވެ. ދިވެހި ޒުވާނުންގެ ލޫދެމުން މިދާ ހަޔާތް އަމާން އައްސޭރިއަކަށް ގެންދިޔުމަށް މިއީ ބަލައިލަން ރަނގަޅު ފިލްމެކެވެ. ލޫދެމުން ދިޔަ ދިވެހި ފިލްމް އިންޓަސްޓްރީއަށް ހަގީގީ ބަދަލެއް ގެނެސް ދިރުމެއް ގެނެސްދިން ފިލްމަކަށް ލޫދިފާވާނެ އެވެ.