މެމްބަރު ނާޒިމްގެ މައްސަލަ ނިންމާފައި ވަނީ ރަނގަޅަށް ކަމަށް ކަނޑައަޅައިދިނުމަށް އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަކަރާއީ ހީލަތް ހެދުމުގެ ދައުވާގައި ކްރިމިނަލް ކޯޓާއި ހައިކޯޓުން ހުކުމް އިއްވާފައި ވަނީ ރަނގަޅަށް ކަމަށް ކަނޑައަޅައި ދިނުމަށް އޭނާގެ ވަކީލު ހުސްނުއްސުއޫދު މިއަދު ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފި އެވެ.

މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ނާޒިމްގެ ވަކީލު ސުއޫދު ވިދާޅުވީ އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވި ފަހުން ދައުލަތުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި ވަނީ ގާނޫނު އަސާސީގެ 22 ވަނަ މާއްދާ އާއި 18 ވަނަ މާއްދާ އާއި 42 ވަނަ މާއްދާ އާއި 50 ވަނަ މާއްދާ އާއި 52 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ.

އޭނާ ވިދާޅުވީ ދަށު ކޯޓުގެ މަރުހަލާގައި ހެކި ހުށަހެޅުމަށް ދައުލަތަށް ފުރުސަތުދިން ކަމަށާއި އެ މައްސަލާގައި ހެކީންގެ ގޮތުގައި ދައުލަތުން ހުށަހަޅާ ފަރާތްތަކަކީ ކުށުގެ އަސްލު އުފަންކުރުވި މީހުން ކަމަށެވެ. އަދި ތުހުމަތު ކުރެވޭ މަކަރާއި ހީލަތްހެދުމުގެ ކުށުގެ އަމަލު ހިންގާފައި ވަނީ ނާޒިމް ސޮއިކުރައްވައި ހުއްދަދީގެން ނޫންކަން ތަހުގީގު ބަޔާންތަކުން އެނގޭ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

"ނާޒިމަކީ ކުށުގެ އަމަލުގައި އެއްވެސް ސިފައެއްގައި ބައިވެރިވެފައިވާ މީހެއްނޫން،" ސުއޫދު ވިދާޅުވި އެވެ.

ނާޒިމްގެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރުކޮށްދިނުމަށް ދައުލަތުން އެދިފައިވާ އިރު، ސުއޫދު ވިދާޅުވީ އޭނާ ފާހަގަކުރެއްވި ކަންތައްތަކަށް ބެލުމަށް ފަހު އެ މައްސަލަ އަލުން ބެލުމަށް އަންގައި ހުކުމްކުރާ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށް އެދޭ ކަމަށެވެ.

ސުއޫދުގެ ވާހަކަތަކަށް ރައްދުދެއްވައި ދައުލަތުގެ ވަކީލާ ސަފާ އިބްރާހީމް ވިދާޅުވީ އިސްތިއުނާފު މުއްދަތު ހަމަވާފަހުން ހުށަހެޅޭ މައްސަލަތައް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ފެނިވަޑައިގެންފި ނަމަ ބަލައިގަނެވިދާނެ ކަމަށް ސުޕްރީމް ކޯޓުގެ ގަވާއިދުގައި ބުނެފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ކޯޓަށް ހުށަހެޅިފައި ވަނީ ގާނޫނީ އިމުގެތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނާޒިމްގެ ފަރާތުން މިއަދު ދެއްކެވި ވާހަކަތަކަށް ޖަވާބުދާރީވުމަށް ފުރުސަތަކަށް ދައުލަތުން މިއަދު ވަނީ އެދިފަ އެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ އެ ފުރުސަތު ދައުލަތަށް ދިނުމަށް ފަހު އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު