އަބްދުﷲ ގާޒީއާއި އޭނާގެ އާއިލާއަށް މިގައުމުގައި އިންސާފު ލިބޭނެ: އަދީބު

ގާނޫނާ ޚިލާފަށް ހައްޔަރުކޮށް ނިޒާމުން ގެއްލުވާލައި ކ. ގިރިފުށީގައި ބެހެއްޓުމުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އާއި އޭނާގެ އާއިލާ ތަހައްމުލްކުރި ކަންތައްތަކަށް މިގައިމުގައި އިންސާފު ލިބޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި މިރޭ ވާހަކަފުޅު ދައްކަވަމުން އަދީބު ވިދާޅުވީ، އަބްދުﷲ ގާޒީ އަށާއި އޭނާގެ އާއިލާއަށް މިގައުމުގައި އިންސާފު ހޯދޭނެ ކަމަށެވެ.

"އެއަށް އަޅުގަނޑު ދަންނަވާލަން އޮތީ އެއީ ސިޔާސީ ކަމެއް ނޫނޭ. އެބޭފުޅާއަށް ހައްގު ޖަސްޓިސް ލިބުމަކީ ހަމަގައިމުވެސް އަބްދުﷲ ގާޒީގެ އާއިލާއަށާއި އަބްދުﷲ ގާޒީ އެ ތަހަންމަލް ކުރި ވޭނާ އެ ހުރިހާ އެއްޗަކީ މިގައުމުގައި އިންސާފު ލިބޭނެ ކަމެއް. އެހެންވީމަ މިގައުމުގައި އިންސާފު ހޯދާނެ،" އަދީބު ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ، އަބްދުﷲ ގާޒީ ހައްޔަރުކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އޯޑަރަށް އެތައް ބައެއްގެ ކުރިމަތީގައި ކަމަށެވެ. އަދި ހައްޔަރުކުރިފަހުން ފަނޑިޔާރުގެއާ 100 ފޫޓަށް ވެސް އަބްދުﷲ ގާޒީއަށް ކައިރި ނުވެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ އޯޑިއޯތައް އެބަހުރި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ މައްޗަށް އުފުލާފައި ވަނީ ސިޔާސީ ދައުވާއެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާއިރު އެއީ ސިޔާސީ ދައުވާއެއް ނޫން ކަމަށާއި ކުރިން އުފުލި ދައުވާ އަނބުރާ ގެނެސް އަލުން ދައުވާކޮށްފައި ވަނީ މައްސަލަ ދިރާސާކުރުމަށްފަހު ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ވިދާޅުވެފައިވާ ކަމަށް މިނިސްޓަރު އަދީބު ވިދާޅުވި އެވެ.

އެތައް ޒުވާނުންގެ މައްޗަށް ކޮންމެ ދުވަހަކު އެތަކެއް ދައުވާތަކެއް ކުރާއިރު ގާނޫނު އަސާސީއާ ޚިލާފަށް ފަނޑިޔާރަކު ހައްޔަރު ކުރި މައްސަލައިގައި ވަކި ބޭފުޅެއްގެ މައްޗަށް ދައުވާކުރުމުން ގައުމު ހަލަބޮލިކަމެއްގެ ތެރެއަށް ގެންނަމުންދާތީ އެކަމާ ކަންބޮޑުވާ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

"އެތައް ޒުވާނަކަށް ކޮންމެ ދުވަހަކު އެތައް ދައުވާތައް އެބަލިބޭ. އެތައް ބަޔަކު ކުޑަގޮޅިއަށް ވެސް އެބަލެވޭ. ބައިވަރު ކަންތައްތަކުގައި. އެހެންނަމަވެސް އެކަންކަމަށް އަޅާލުމެއްނެތި ވަކި ފަރުދެއްވީމާ މުޅި ގައުމު ބޮޑު ހަޅުތާލަތަކެއްގެ ތެރެއަށް ގެނެސް، ހަމަނުޖެހުމެއްގެ ތެރެއަށް ގެނެސް، ފިހާރައިގެ ބިއްލޫރިތައް ތަޅައި މި ހުރިހާ ކަމެއް ކުރަމުންދާއިރު އަޅުގަނޑުގެ ހިތާމައަކީ މިގައުމުގައި އިންސާފެއް ނޯންނަންވީތޯއޭ،" އަދީބު ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ ދަށުން މިނިވަން މުއައްސަސާތަކެއް އެކަށައެޅިފައިވާއިރު، ޝަރީއަތް ހިންގުމަކީ ސަރުކާރުގެ ބާރުގެ ތެރޭގައި އޮންނަ ކަމެއް ނޫން ކަމަށް މިނިސްޓަރު އަދީބު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަތްބާނަންވީތޯ ޕްރޮސިކިއުޓާ ޖެނެރަލް އަށް. އަޅުގަނޑުމެން އަތްބާނަން ވީތޯ ކޯޓުތަކަށް. އަޅުގަނޑުމެންނަކީ ރައީސް ނަޝީދުގެ ސަރުކާރެއް ނޫން،" އަދީބު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މި ސަރުކާރަކީ ސުޕްރީމް ކޯޓުގައި ތަޅުއަޅުވައި އެކި ބޭފުޅުން "ގެއްލުވާލާނެ" ސަރުކާރެއް ނޫން ކަމަށާއި މި ސަރުކާރުގައި ފުލުހުން މަސައްކަތް ކުރަނީ ކޯޓު އަމުރުތަކުގެ ދަށުން ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު