ވިޔަފާރީގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ތަންތަނަށް އަންނަ މަހުން ފެށިގެން ކަރަންޓް ސަބްސިޑީ ނުލިބޭނެ: އެންސްޕާ

ވިޔަފާރީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ތަންތަނަށް ދެމުންގެންދާ ސަބްސިޑީ ދިނުން މިފެށޭ މާޗް މަހުން ފެށިގެން ހުއްޓާލާނެ ކަމަށް އެންސްޕާ އިން ބުނެފި އެވެ.

އެންސްޕާ އިން އާންމުކޮށް ގެޒެޓުކޮށްފައިވާ އިއުލާނެއްގައި މިއަދު ބުނެފައި ވަނީ މާޗް އެއް ވަނަ ދުވަހުން ފެށިގެން އެފަދަ ފަރާތްތަކަށް ކަރަންޓް ސަބްސިޑީ ނުލިބޭނެ ކަމަށާއި ޑޮމެސްޓިކް މީޓަރުތައް ބޭނުންކޮށްގެން ވިޔަފާރިކުރާ ފަރާތްތައް ވިޔަފާރި މީޓަރަށް ބަދަލުކުރަން އަންގާ ކަމަށެވެ.

އެގޮތުން ޑޮމެސްޓިކް މީޓަރުތައް ބޭނުންކޮށްގެން ވިޔަފާރިކުރާ ފަރާތްތައް، ޑޮމެސްޓިކް މީޓަރު ވިޔަފާރި މީޓަރަށް ބަދަލުކުރުމަށް ކުރަން ޖެހޭ މަސައްކަތް ސްޓެލްކޯ އާއި ފެނަކައާ ގުޅިގެން ކުރިއަށް ގެންދިއުމަށް އެންސްޕާއިން އެދެ އެވެ.

އެންސްޕާ އިން ވަނީ މިމަހު 10 ވަނަ ދުވަހުން ފެށިގެން ކަރަންޓް ސަބްސިޑީ އަށް ރަޖިސްޓަރީ ކުރަން ހުޅުވާލާފަ އެވެ. އެންސްޕާގެ ސީއީއޯ މުޖްތަބާ ޖަލީލް މީގެ ކުރިން ވިދާޅުވެފައި ވަނީ އަތޮޅު ތެރޭގައި ފެނަކައިން ކަރަންޓްގެ ހިދުމަތް ހޯދަމުންދާ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކަކީ ކޮމާޝަލް މީޓަރުތައް ބަހައްޓައިގެން ކަރަންޓް ހޯދަމުންދާ ފަރާތްތައް ކަމަށާއި އެއީ ކަރަންޓް ސަބްސިޑީ ލިބެން ޖެހޭ ފަރާތްތަކެއް ނޫން ކަމަށެވެ.

އެހެންކަމުން ކޮމާޝަލް މީޓަރުތައް އޭގެ ތެރެއިން އެކަހެރިކޮށް ހަމައެކަނި ޑޮމެސްޓިކް މީޓަރުތައް، ގޭގެއަށް، އަދި އާންމު ފަރުދުންނަށް ސަބްސިޑީ ލިބޭނެ ގޮތް މަގުފަހިކުރުމަކީ އަލުން ރަޖިސްޓަރީ ކުރަން ހުޅުވާލުމުގެ އެއް ބޭނުންކަމަށް މުޖުތަބާ ވިދާޅުވި އެވެ.

"މީގެ ބޭނުމަކީ އަޅުގަނޑުމެންނަށް ފާހަގަވޭ މުއްސަނދިންނާއި ފަގީރުންނަށް ސަބްސިޑީ ލިބެމުންދަނީ ހަމަހަމަކޮށް ކަން. އެހެންވީމާ އެ ދެބަޔަށް ފަރަގު ގެނެސް މުއްސަނދިންނާއި ފަގީރުން ތަފާތުކޮށް އެ ލިބެން ޖެހޭ ފަރާތްތަކަށް ސަބްސިޑީ ފޯރުކޮށްދިނުން މީގެ ބޭނުމަކީ،" މުޖްތަބާ ވިދާޅުވި އެވެ.

ސަބްސިޑީ އަށް ރަޖިސްޓަރީކުރުމުގެ މުއްދަތު އަންނަ އޭޕްރީލް މަހުގެ ނުވަވަނަ ދުވަހަށް ހަމަވާނެ އެވެ. ކަރަންޓް ސަބްސިޑީއަށް ރަޖިސްޓަރީކުރަން އެދޭ ފޯމް އެންސްޕާގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުރި އިރު ފޯމް ފުރައިދިނުން ދަރުބާރުގެއާއި މާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު