ދަނޑުވެރިކަމުގެ 'ކޯޕަރޭޓިވް'ތަކުގެ އުފެއްދުންތަކެއް ލޯންޗްކޮށްފި

ދަނޑުވެރިކަމުގެ ކޯޕަރޭޓިވްތަކުގެ އުފެއްދުންތައް ހަރުދަނާ ކުރުމުގެ ގޮތުން ދެ ކޯޕަރޭޓިވްއެއްގެ އުފެއްދުންތައް ފިޝަރީޒް މިނިސްޓްރީން މިއަދު ލޯންޗްކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ލޯންޗްކޮށްފައި ވަނީ ފުވައްމުލަކު، ފުނާޑު ޑިވެލޮޕްމަންޓް ކޯޕަރޭޓިވް ސޮސައިޓީ (އެފްޑީސީއެސް) އިން އުފައްދާފައިވާ "އަލަ ޗިޕްސް" އާއި ހއ. ހޯރަފުށި، ބިޒްވިލް މޯލްޑިވްސް ކޯޕަރޭޓިވް ސޮސައިޓީން އުފައްދާފައިވާ ތަރުކާރީގެ ބާވަތްތަކެކެވެ.

ހެލްތު މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކަށް ފެތޭ އިމާރާތެއްގައި އެކަމަށް ހާއްސަ މެޝިންތައް ބޭނުންކޮށްގެން އުފައްދަމުން އަންނަ އަލަ ޗިޕްސްގެ 50 ގްރާމާއި 100 ގްރާމުގެ ޕެކެޓް، އެފްޑީސީއެސް އިން އުފައްދާއިރު އޭގައި ތިން ވައްތަރެއް ހިމެނެ އެވެ. އެއީ އާދައިގެ އަލަ ޕެކެޓާއި ފޮނި އަދި ކުޅި އަލަޕެކެޓެވެ.

އެގްރިކަލްޗާ ޑައިވާސިފިކޭޝަން ޕްރޮގްރާމްގެ ދަށުން ފިޝަރީޒް މިނިސްޓްރީން ވަނީ ބިޒްވިލް ސޮސައިޓީ އަށް ތިން، ގްރީންހައުސް އިމާރާތް ކޮށްދީފައެވެ. އެ ގްރީންހައުސް ތަކުގައި އަންނަނީ ތަފާތު ބާވަތްތަކުގެ ތަރުކާރީ ހައްދަމުންނެވެ. އަދި އެއަތޮޅު ހޯރަފުއްޓާއި އުލިގަމާއި ތުރާކުނުގެ ދަންޑުވެރިން އުފައްދާ ކިއުކަންބާ، ބަޓާނާ، ލެޓިއުސް، މެލަން، މިރުސް އަދި ޕެޝަންފުރުޓް ފަދަ ތަކެތި މާކެޓް ކުރުމުގައި އެ ކޯޕަރޭޓިވް ސޮސައިޓީން އެހީތެރިވެދެއެވެ.

އެކަމާ ގުޅިގެން ނޫސްވެރިންނަށް މައުލާމާތު ދެއްވަމުން ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ، ހަމައެކަނި ތަރުކާރީގެ ބާވަތްތައް ބާޒާރަށް ނެރުމުގެ ބަދަލުގައި، އެތަކެތި ބޭނުންކޮށްގެން އުފެއްދުންތެރި ބާވަތްތަކެއް ބާޒާރަށް ނެރެވިއްޖެނަމަ ވަޒީފާގެ ފުރުސަތުތައް އިތުރުވެ އެއަށް ލިބޭ އަގުވެސް ރަނގަޅުވެގެން ދާނެ ކަމަށެވެ.

"އަޅުގަނޑުމެން ރާއްޖެފަދަ ކުޑަ އިގްތިޞާދެއްގައި މަސައްކަތްކުރާއިރު ބަލަން މި ޖެހެނީ ލިބޭ މަދު އެއްޗަކުން ވީހާވެސް ރަނގަޅު އަގެއް ލިބޭތޯ. މިފަދަ ޕްރޮޑަކްޓްތައް އުފައްދައިގެން ނެރެ، ފަހުން އެ އެއްޗެހި ބޭނުންކުރެވޭ ގޮތެއް ހެދިއްޖެނަމަ އެކަށީގެންވާ ބޭނުންކުރެވި އެތަކެތިން ލިބޭ އާމްދަނީ އިތުރުވާނެ،" ޝައިނީ ވިދާޅުވި އެވެ.

ދަނޑުވެރިކަމުން އުފައްދާފައިވާ ތަކެތި މިއަދު ލޯންޗްކޮށްފައިވާ އިރު ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި މަސްވެރިކަމުގެ ކޯޕަރޭޓިވް ސޮސައިޓީގެ އުފެއްދުންތައް ލޯންޗްކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު