މިގައުމުގައި އިންސާފު ގާއިމްވާނެ ދުވަހެއް ފެންނާކަށް ނެތް: މެމްބަރު ނާޒިމް

މާތްﷲ ގެ ހަޒުރަތުގައި ކޮންމެ އިންސާނަކަށް ވެސް އިންސާފުލިބޭނެ ދުވަހެއް އަންނާނެ ކަމަށާއި އެހެންނަމަވެސް މިގައުމުގައި އިންސާފު ގާއިމްވާނެ ދުވަހެއް ފެންނާކަށް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވީ، ދައުލަތުން އިސްތިއުނާފުކުރުމުން ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އޭނާއަށް ރައްދުވާ ދައުވާގެ ޝަރީއަތުގެ މަޖިލީހުގައެވެ.

"މާތްﷲގެ ހަޒުރަތުގައި ކޮންމެ އިންސާނަކަށް ވެސް އިންސާފުލިބޭނެ ދުވަހެއް އަންނާނެ. މިގައުމުގައި އިންސާފު ގާއިމްވާނެ ދުވަހެއް ފެންނާކަށް ނެތް،" ނާޒިމް ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ނާޒިމް ވިދާޅުވީ، އޭނާގެ ހަތަރު މައްސަލަ އެ ކޯޓަށް ހުށަހެޅިފައިވާ ކަމަށާއި އެހެންކަމުން ވަކީލަކު ހަމަޖައްސަން އެކަށީގެންވާ ވަގުތު ބޭނުންވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ، ޝަރީއަތާ ބެހޭގޮތުން މައުލޫމާތުދިނުމަށް މީގެކުރިން ބޭއްވި އިބްތިދާއީ ބައްދަލުވުމުގައި، ވަކީލަކު ހަމަޖައްސަން ދެވޭނީ ފަސް ދުވަސް ކަމަށް ކޯޓުން ބުނެފައިވާ ކަމަށާއި އެހެންނަމަވެސް ހަތަރު މައްސަލައަށް ޖަވާބުދާރީވާން އެކަށީގެންވާ ވަގުތު ބޭނުންވާކަމަށް އޭރު ދަންނަވާފައިވާނެ ކަމަށެވެ.

އިބްތިދާއީ ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގައި ފަނޑިޔާރުންނާ މަޝްވަރާކުރުމަށްފަހު ވަކިއެއްޗެއް އަންގާނެ ކަމަށް ކޯޓުގެ މުވައްޒަފުން ބުނެފައިވާ ކަމަށާއި މިއަދު ކޯޓަށް ހާޒިރުކުރީ ޝަރީއަތުގެ އަޑުއެހުމަކަށް ކަމެއް ކުރިން އެނގިވަޑައިނުގަންނަވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

"އެހެންވީމަ މިއަދު އަޅުގަނޑަށް ދައުވާއަށް ޖަވާބުދާރީވެވޭކަށް ނެތް،" ނާޒިމް ވިދާޅުވިއެވެ.

ވަކީލަކު ހަމަޖައްސަން ކިތައްދުވަހުގެ މުއްދަތެއް ބޭނުންވޭތޯ އުއްތަމަ ފަނޑިޔާރު ދެންނެވުމުން ނާޒިމް ވަކި މުއްދަތެއް ވިދާޅެއް ނުވެއެވެ. އޭގެޖަވާބުގައި އޭނާ ވިދާޅުވީ، ވަކީލަކު ހަމަޖެއްސުމަށާއި ލިޔުމުން ޖަވާބުދާރީވާން އެކަށީގެންވާ މުއްދަތެއް ބޭނުންވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ، އޭނާގެ ދިފާއުގައި ވަކާލާތު ކޮށްދޭނެ ވަކީލެއް ނެތް ކަމަށާއި ވަރަށް ގިނަ ވަކީލުންނާ ވާހަކަދައްކާފައިވާ ކަމަށެވެ.

"އެންމެފަހުން އަޅުގަނޑަށް ވަކާލާތުކޮށްދެއްވި އާދަމް އާސިފް ވިދާޅުވީ މިގައުމުގައި މިހާރު ނާޒިމްމެން ކަހަލަ މީހުންގެ ވަކީލުކަން ކުރުމަކީ ފުރާނައަށް އޮތް ނުރައްކަލެއް ކަމަށް،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމްގެ އެ ވާހަކައާ ގުޅޭގޮތުން އާސިފް 'މިއަދު' ސަން އަށް ވިދާޅުވީ، އޭނާއަކީ ކުރިން ޕޮލިހުގައި މަސައްކަތް ކުރައްވާފައިވާ ފަރާތަކަށްވުމާއެކު، ޕްރައިވެޓް ޕްރެކްޓިސްގައި ފަސް އަހަރުވެފައި ނުވާތީ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ނޯންނަ ކަމަށެވެ. އަދި ނާޒިމަކީ ވަރަށް އިހްތިރާމް ކުރާ ބޭފުޅެއް ކަމަށާއި އެ މައްސަލައިގައި ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމަށް ނާޒިމް އެދިވަޑައިގެންފައިނުވާ ކަމަށް އާސިފް ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރާ މުޚާތަބު ކުރައްވައި ނާޒިމް ވިދާޅުވީ، އެ މައްސަލައަކީ 2009 ވަނަ އަހަރުން ފެށިގެން އޮންނަ މައްސަލައެއް ކަމަށާއި މުޅި އުމުރު ދުވަހު އެކަމުގައި އުޅެން ބޭނުންނުވާ ކަމަށެވެ.

ނާޒިމްގެ ވާހަކަތަކަށް ފަހު ޝަރީއަތް ކުޑަވަގުތުކޮޅަކަށް މެދުކަނޑުއްވާލެއްވުމަށްފަހު އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ގަވާއިދު ބުނާގޮތުން ވަކީލަކު ހަމަޖައްސަން އެ ކޯޓުން ދޭންޖެހޭނީ ފަސް ދުވަސް ކަމަށެވެ. އަދި ވަކީލަކު ބޭނުންނުވާ ކަމަށް އިބްތިދާއީ ބައްދަލުވުމުގައި ނާޒިމް ވިދާޅުވެފައިވާ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ނާޒިމް ކުރިން އެގޮތަށް ވިދާޅުވެފައިވީ ނަމަވެސް ވަކީލަކު ހަމަޖައްސަން ބޭނުންވާކަމަށް ޝަރީއަތުގައި އޭނާ ބުނެފައިވާތީ އުއްތަމަ ފަނޑިޔާރު ވަނީ ވަކީލަކު ހަމަޖައްސަން އިތުރު ފަސް ދުވަހުގެ މުއްދަތެއް އޭނާއަށް ދެއްވާފައެވެ.

ނާޒިމްގެ މައްޗަށް ކުރާ ހަތަރު ދައުވާގެ ތެރެއިން ދެ މައްސަލައެއްގެ ޝަރީއަތް މިއަދު ތާވަލް ކުރި އެވެ. އެހެންނަމަވެސް ދެވަނަ މައްސަލައިގެ އަޑުއެހުން ކުރިއަށްގެންގޮސްފައެއް ނުވެއެވެ.

މަކަރާއި ހީލަތް ހެދުމުގެ ހަތަރު ދައުވާގައި ވެސް ކްރިމިނަލް ކޯޓުން ކުރި ހުކުމްތަކުގައި ވަނީ ތުހުމަތު ކުރެވިފައިވާ މައްސަލައިގައި ނާޒިމާ ދެކޮޅަށް ހެކީންގެ ގޮތުގައި ހުށަހަޅާފައި ވަނީ ކުށުގެ އަމަލު އަމަލީގޮތުން ކުރި މީހުން ކަމުގައިވާތީ އެމީހުން ހެކީންގެ ގޮތުގައި ބަލައިގަނެ ނާޒިމްގެ މައްޗަށް ޖިނާއީ ދައުވާ ނުކުރެވޭނެ ކަމަށެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަމުން ދައުލަތުގެ ވަކީލާ ޕަބްލިކް ޕްރޮސިކިއުޓާ ސަފާ އިބްރާހީމް ވިދާޅުވީ، ކްރިމިނަލް ކޯޓުން އެގޮތަށް ހުކުމް ކޮށްފައި ވަނީ ޖިނާއީ މައްސަލަތަކުގައި ޝަރީއަތް ހިންގާ އުސޫލާ ޚިލާފަށް ކަމަށެވެ.

ސަފާ ވިދާޅުވީ، ކުށުގެ މޭސްތިރިން އަތުލައިގަތުމަށް ކުށުގެ އަމަލުގައި ބައިވެރިވި މީހުން ބޭނުންކުރުމަކީ ދިމިގްރާތީ ގައުމުތަކުގައި ވެސް އަމަލުކުރަމުން އަންނަ އުސޫލެއް ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު