ރެހެންދި ސްކޫލް ފެހިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

މި އަހަރު އަލަށް ހުޅުމާލޭގައި ހުޅުވި ރެހެންދި ސްކޫލްގައި ގަސް އިންދައި އެ ސްކޫލް ފެހިކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ހުރިހާ ޓީޗަރުން ވެސް ޝާމިލުވާގޮތައް، މިއަދު ހަވީރު ފެށި އެ ޕްރޮގްރާމް ފައްޓަވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ.

އެ ޕްރޮގްރާމްގެ ދަށުން މިހާރު މުޅިން ހާމައަށް އޮތް ރެހެންދި ސްކޫލްގެ ގޯތިތެރޭގައި ހިޔާބޮޑު ގަސްތައް އިންދައި މާއަޅާފަދަ ގަސްތައް އިންދަން ވަނީ ނިންމާފަ އެވެ.

ޕްރޮގްރާމް ފައްޓަވައިދެއްވުމަށްފަހު އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ރެހެންދި ސްކޫލަކީ އެ ސްކޫލްގައި ކިޔަވާ ދަރިވަރުންނަށް ދުޅަހެޔޮ ސްކޫލަކަށް ހައްދަވައިދެއްވުމަށް ހުރިހާ ޓީޗަރުންނާ ބެލެނިވެރިން އެއްކޮށް މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި މިއަދު ފެށި ޕްރޮގްރާމްގެ ދަށުން އެ ސްކޫލަކީ "ފެހި ސްކޫލަކަށް ވެގެންދާނެ" ކަމަށެވެ.

ރެހެންދި ސްކޫލްގެ ޕްރިންސިޕަލް ނާޒިމް އަބްދުﷲ ވިދާޅުވީ އެ ޕްރޮގްރާމްގެ ދަށުން ރެހެންދި ސްކޫލްގެ ބެލެނިވެރިން އެ ސްކޫލަށް ގަސް ހަދިޔާކުރަން ނިންމާފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް މުޅި ސްކޫލްގެ ގޯތިތެރޭގައި މާއަޅާފަދަ ގަސްތައް އިންދައި އެއީ ފެހި ސްކޫލަކަށް ހައްދަވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

ޖުމްލަ 110 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ އެ ސްކޫލުގައި 44 ކްލާސްރޫމާއި ހޯލަކާއި ލެބްތަކާއި ލައިބްރަރީގެ އިތުރުން ސްޓާފްރޫމް އާއި އިދާރީ އޮފީހެއް ހިމެނެއެވެ. އަދި އެ ސްކޫލަކީ 1،500 ކުދިންގެ ޖާގައިގެ ސްކޫލެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު