ކަރަންޓު ސަބްސިޑީއަށް ރަޖިސްޓަރީ ކުރަން ހުޅުވާލައިފި

ފުޑް ސަބްސިޑީއަށް ވެސް ރަޖިސްޓަރީ ވެވޭގޮތަށް ކަރަންޓު ސަބްސިޑީއަށް ރަޖިސްޓަރީ ކުރަން މިއަދު ހުޅުވާލައިފި އެވެ.

ކަރަންޓް ސަބްސިޑީއަށް ރަޖިސްޓަރީ ކުރަން ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން ދެމަސް ދުވަހުގެ މުއްދަތަކަށެވެ.

މިއަދު ކަރަންޓް ސަބްސިޑީއަށް ރަޖިސްޓަރީ ކުރުމަށް ހުޅުވާލާނެކަން އަންގައި މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލް ވިދާޅުވެފައި ވަނީ، އަންނަ އޭޕްރީލް މަހުގެ ނުވަވަނަ ދުވަހުގެ 5:00 ގެ ކުރިން ސަބްސިޑީއަށް އެދޭ ފަރާތްތަކުން ރަޖިސްޓަރީ ކުރަން ޖެހޭނެ ކަމަށާއި އެދުވަހުގެ ނިޔަލަށް ރަޖިސްޓަރީ ނުކުރާ ފަރާތްތަކަށް ސަބްސިޑީ ދިނުން ހުއްޓޭނެކަމަށެވެ.

މުޖުތަބާ ވިދާޅުވީ، ސަބްސިޑީއަށް ރަޖިސްޓަރީކުރަން ހުޅުވާލުމުގެ ބޭނުމަކީ ސަބްސިޑީގެ ތެރޭގައި ނުހިމެނޭ ފަރާތްތައް ޝާމިލްކުރުމާއި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން ވެސް ގިނަ ބަޔަކަށް ސަބްސިޑީ ލިބެނެގޮތް ހެދުން ކަމަށެވެ.

"މީގެ ބޭނުމަކީ އަޅުގަނޑުމެންނަށް ފާހަގަވޭ މުއްސަނދިންނާއި ފަގީރުންނަށް ސަބްސިޑީ ލިބެމުންދަނީ ހަމަހަމަކޮށް ކަން. އެހެންވީމަ އެ ދެބަޔަށް ފަރަގު ގެނެސް މުއްސަނދިންނާއި ފަގީރުން ތަފާތުކޮށް އެ ލިބެންޖެހޭ ފަރާތްތަކަށް ސަބްސިޑީ ފޯރުކޮށްދިނުން މީގެ ބޭނުމަކީ،" މުޖްތަބާ ވިދާޅުވި އެވެ.

މުޖްތަބާ ވިދާޅުވީ، މިހާރުވެސް ސަބްސިޑީ ލިބޭ ފަރާތްތަކުގެ ތެރެއިން 84 ޕަސެންޓް މީހުންނަކީ މާލޭ ސަރަހައްދުން ސަބްސިޑީ ލިބޭ މީހުން ކަމަށެވެ. ބާކީ އޮތް 6 ޕަސެންޓަސް ސަބްސިޑީ ނުލިބެނީ ކޮންމެވެސް ގޮތަކުން ރަޖިސްޓަރީ ނުވެވި އޮތުމުން ކަމަށާއި މިހާރު ހުޅުވާލި ފުރުސަތުގައި އެ ފަރާތްތަކަށް ވެސް ރަޖިސްޓަރީ ކުރެވޭނެ ކަމަށް މުޖުތަބާ ވިދާޅުވި އެވެ.

އަތޮޅުތެރޭގައި ފެނަކައިން ކަރަންޓުގެ ހިދުމަތް ހޯދަމުންދާ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކަކީ ކޮމާޝަލް މީޓަރުތައް ބަހައްޓައިގެން ކަރަންޓް ހޯދަމުންދާ ފަރާތްތަށް ކަމަށާއި އެއީ ކަރަންޓު ސަބްސިޑީ ލިބެންޖެހޭ ފަރާތްތަކެއް ނޫން ކަމަށް މުޖުތަބާ ވިދާޅުވި އެވެ. އެހެންކަމުން ކޮމާޝަލް މީޓަރުތައް އޭގެ ތެރެއިން އެކަހެރިކޮށް ހަމައެކަނި ޑޮމެސްޓިކް މީތަރުތައް، ގޭގެއަށް، އަދި އާންމު ފަރުދުންނަށް ސަބްސިޑީ ލިބޭނެގޮތް މަގުފަހިކުރުމަކީ އަލުން ރަޖިސްޓަރީ ކުރަން ހުޅުވާލުމުގެ އެއް ބޭނުންކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު