ޕީޕީއެމްގައި އުމަރަށް ފުރުސަތު އެބައޮތް: މައުމޫން

ޕީޕީއެމާ ގުޅިވަޑައިގަތުމުގެ ފުރުސަތު ހޯމް މިނިސްޓަރު އުމަރު ނަސީރަށް އެބައޮތް ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ދަ އެނާޖީ އެންޑް ރިސޯސަސް އިންސްޓިޓިއުޓް (ޓެރީ) އިން އިންތިޒާމުކޮށްގެން އިންޑިއާގެ ނިއު ދިއްލީގައި ބޭއްވި ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ފަހު މިރޭ މާލެވަޑައިގަތުމުން "ސަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވައި މައުމޫން ވިދާޅުވީ ޕީޕީއެމާ ގުޅިވަޑައިގަތުމަކީ އުމަރުގެ އަމިއްލަ އިޚްތިޔާރުގައި އޮތްކަމެއް ކަމަށެވެ.

"އެއީ އެމަނިކުފާނުގެ އަމިއްލަ އިޚްތިޔާރުގައި އޮތްކަމެއް،" މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން ވިދާޅުވީ އުމަރަކީ ކުރިން ވެސް ޕީޕީއެމްގައި ހުންނަވައިގެން ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން ޕީޕީއެމާ ގުޅިވަޑައިގަތުމަށް އުމަރު ނިންމަވައިފި ނަމަ އެ ޕާޓީން އެކަމަށް މަރުހަބާ ދަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އުމަރު ނަސީރަކީ ކުރިން ވެސް ޕީޕީއެމްގައި ހުންނަވައިގެން ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް. ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި. އެހެންވީމަ ދެން އެމަނިކުފާނު އެގޮތަށް ޚިޔާރުކުރައްވައިފިއްޔާ އަޅުގަނޑުމެން މަރުހަބާ ދަންނަވާނަން،" މައުމޫން ވިދާޅުވި އެވެ.

އިސްލާމިކް ޑިމޮކްރެޓިކް ޕާޓީގެ ރައީސްކަން ވެސް ކުރައްވާފައިވާ އުމަރަކީ ޕީޕީއެމް އުފެއްދުމުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އުމަރު ޕީޕީއެމުން ވަކިކޮށްފައި ވަނީ ރިޔާސީ ޕްރައިމަރީގައި ރައީސް އަބްދުﷲ ޔާމީނާ ވާދަކުރައްވައި ނާކާމިޔާބީވެވަޑައިގަތުމުން، ރައީސް ޔާމީނާ ގުޅޭ ގޮތުން ހަގީގަތާ ޚިލާފު ވާހަކަތަކެއް ދެއްކެވި ކަމަށް ބުނެ، އެ ޕާޓީގެ ސުލޫކު ކޮމެޓީން އެގޮތަށް ނިންމުމުންނެވެ.

ޕީޕީއެމުން ވަކިކުރުމާ އެކު އުމަރު ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ. އެހެންނަމަވެސް އެމްޑީޕީއާ ގުޅިގެން ޖުމްހޫރީ ޕާޓީން މަސައްކަތް ކުރަން ފެށުމުން އެކަމާ ހިތްހަމަޖެހިވަޑައިނުގެން އެމަނިކުފާނު ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު