މ. މަޑުއްވަރިއަށް އުދަ އަރާތީ ރައްޔިތުން ކުއްލި ހާލަތުގައި

މ. މަޑުއްވަރި އަށް ރޭ ދަންވަރުން ފެށިގެން އުދަ އަރަމުންދާތީ ރައްޔިތުން ކުއްލި ހާލަތަށް ރުޖޫއަވެއްޖެ އެވެ.

މަޑުއްވަރީ ކައުންސިލުގެ ރައީސް އިބްރާހިމް ރަމީޒު ހަސަން މިއަދު ސަން އަށް ވިދާޅުވީ ރޭ ދަންވަރު 1:30 އެހާކަންހާއިރުން ފެށިގެން ރައްޔިތުން "ރޭ އެއްވެސްގޮތަށް ނުނިދާ" ކަމަށެވެ. އަދި އެ ރަށުގެ ރަސްމީ ބޮޑު މަގާ ހަމައަށް އުދައިގެ އަސަރު ފޯރާ ކަމަށް ރަމީޒު ވިދާޅުވި އެވެ.
މ. މަޑުއްވަރީއަށް އުދައަރަނީ -- ފޮޓޯ ކައުންސިލް މެންބަރު ހަސަން މުހުސިން

"ރޭ އުދަ އަރަން ފެށިންސުރެ އެއްގޮތަކަށް ވެސް ނުނިދާ މީހުން އުޅުނީ" ރަމީޒު ވިދާޅުވި އެވެ.

އުދައެރުމުން ރައްކާތެރިވުމުގެ ގޮތުން މިހާރު ގެތަކުގެ ކައިރީގައި ވެލިގޯނި ޖެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ. މަޑުއްވަރީ ކައުންސިލުގެ ނައިބު ރައީސް އިސްމާޢީލް ފާޟިލް ފާރޫގު ވިދާޅުވީ އުދަ އެރުމުގެ ސަބަބުން ގެތަކަށް ފެންވަތް ނަމަވެސް ހިފާގެންގުޅޭ ތަކެއްޗަށް މާބޮޑު ގެއްލުމެއް ނުވާ ކަމަށެވެ. އެހެންނަމަވެސް މިހާރު އުދައަރާ ގޮތަށް ބަލައި ސަމާލުވެ ތިބުމަކީ މުހިންމު ކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.

މަޑުއްވަރީއަކީ މީގެ ކުރިންވެސް އިރުވައި މޫސުމާ ދިމާކޮށް އުދައަރާ ރަށެއްކަމަށް ކައުންސިލުން ވަނީ ބުނެފަ އެެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރު (މެޓު) އޮފީހުން ބުނީ މިދުވަސްކޮޅު މެދު ރާއްޖެ ތެރެއަށް ވައިގަދަވުމުގެ ސަބަބުން އުދައަރަނީ ކަމަށާއި ހުކުރު ދުވަހާ ހަމައަށް ވައިބާރުވެ ބައެއް ރަށްރަށަށް އުދައަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު