އަބްދުﷲ ގާޒީ ހައްޔަރުކުރުމަކީ ސީރިއަސް ކަމެއް ކަމަށް ސަރުކާރުން ނުދެކޭ: އެމްޑީޕީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި ކުރުމަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަރުކާރުން ނުދެކޭ ކަމަށް އެމްޑީޕީން ބުނެފި އެވެ.

މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ސްޕޯކްސް ޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލާގައި ދައުވާ އުފުލާފައިވާ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލަށް ޑިފެންސް މިނިސްޓަރުކަން ދެއްވާފައިވުމަކީ އެއީ ސީރިއަސް މައްސަލައެއް ކަމުގައި ސަރުކާރުން ނުދެކޭ ކަމުގެ ހެއްކެއް ކަމަށެވެ.

އިންތި ވިދާޅުވީ ހުޅުމާލޭ ކޯޓުގެ ބެންޗާ ގުޅޭ ގޮތުން ރައީސް ނަޝީދު ހައިކޯޓަށް ހުށަހެޅުއްވި މައްސަލަ ދުވަސްތަކަކަށް ފަހު މިހާރު ބަލަން އެ އުޅެނީ އެމަނިކުފާނުގެ ޝަރީއަތް އަވަސްކުރުމުގެ ގޮތުން ކަމަށާއި ސަރުކާރުން ބޭނުންވަނީ ރައީސް ނަޝީދުގެ ކެންޑިޑެސީ ގެއްލުވާލަން ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާ އަކީ ސައްޚަ ދައުވާއެއް ކަމަށް ގަބޫލުނުކުރާ ކަމަށާއި އެއީ ނާއިންސާފު ދައުވާއެއް ކަމަށެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނާ ދެކޮޅަށް ރައީސް ނަޝީދު ހައިކޯޓަށް ހުށަހެޅުއްވި މައްސަލައާ މެދު ޝަރީއަތުން ވަކިގޮތެއް ނިމެންދެން އެމަނިކުފާނުގެ ޝަރީއަތް ކުރިއަށް ނުގެންދިޔުމަށް ހައިކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

އަބްދުﷲ ގާޒީ ހައްޔަރު ކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެނގިވަޑައިގެން ނޫން ކަމަށް ނަޝީދު އަންނަނީ ފަހަކަށް އައިސް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ނަމަވެސް އަބްދުﷲ ގާޒީ ހައްޔަރުކުރުމުން ޝަރުތަކާ ނުލައި އޭނާ ދޫކޮށްލުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ ޑިމާންޑްތަކާ ގުޅިގެން ނަޝީދު ވިދާޅުވީ އަބްދުﷲ ގާޒީ އަށް ފަނޑިޔާރުގެ އާ 100 ފޫޓު ކައިރިއަށް ވެސް ވަޑައިނުގެންނެވޭނެ ކަމަށެވެ. އަދި އަބްދުﷲ ގާޒީ ހައްޔަރު ކުރީ އެ މަނިކުފާނަށް އެނގިވަޑައިގެން ނޫން ކަމެއް އޭރަކު ވިދާޅެއް ނުވެ އެވެ.

ގާނޫނު އަސާސީއާ ހިލާފަށް އަބްދުﷲ ގާޒީ ނިޒާމުން ގެއްލުވާލި މައްސަލާގައި ސުޕްރީމް ކޯޓާއި ހައިކޯޓާއި އަދި ޔޫއެން އާއި އެ ނޫން ވެސް ބައިނަލްގުވާމީ ފަރާތްތަކުން އޭނާ ދޫކޮށްލުމަށް ގޮވަމުން ދިޔަ އިރު ސަރުކާރުން ދީފައި ވަނީ ބީރު ކަންފަތެކެވެ.

އަބްދުﷲ ގާޒީ ނިޒާމުން ގެއްލުވާލައި ހައްޔަރުގައި 22 ދުވަސް ވަންދެން ބެހެއްޓި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު