އެމްޑީޕީއާ ގުޅެން ވާހަކަދެކެވިފައެއް ނެތް: ގާސިމް

އެމްޑީޕީއާ ގުޅިގެން ސިޔާސީ ހަރަކާތްތަކެއް ހިންގުމަށް ޖުމްހޫރީ ޕާޓީން އަދި ނިންމާފައިނުވާ ކަމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މާފަންނު ވިލާގޭ ދޮށުގައި ހުންނަވައި، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން 'ސަން' އިން ކުރި ސުވާލަކަށް ޖަވާބް ދެއްވަމުން ގާސިމް ވިދާޅުވީ، ޖުމްހޫރީ ޕާޓީއާއި އެމްޑީޕީ ގުޅިގެން ސިޔާސީ ހަރަކާތްތަކެއް ހިންގުމަށް ރަސްމީ ސިފައިގައި ވާހަކަތައް ދެކެވިފައި ނެތް ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާލަމެންޓްރީ ގްރޫޕުގައި ވެސް އަދި އަޅުގަނޑުމެންގެ ކައުންސިލްގައި ވެސް އެކަހަލަ އެއްވެސް ވާހަކައެއް ދެކެވިފައެއް ނެތް،" ގާސިމް ވިދާޅުވި އެވެ. "ކޮންމެ ކަމަކީ ވެސް ވެދާނެ ކަންކަން ދެއްތޯ، އިންސާނުންނަކީ ގޯސްހެދޭ މީހުން. ކުށްކުރެވިދާނެ، އަދި ގޯސް ވެސް ހެދިދާނެ. ނަމަވެސް ތައުބާވީމަ ﷲ އެކަން މާފްކުރައްވައި އަފޫކުރައްވާ. އެހެން ކަމުން ކޮންމެ ކަމަކީ ވެސް ކުރެވެން ހުރިކަންކަން ދެއްތޯ، ނަމަވެސް އަދި ވަކި ނިންމުމަކާ ހަމައަށް އެއްވެސް ވާހަކައެއް ގޮސްފައެއް ނެތް."

އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އެންމެ ތާއީދު އޮތް ޕާޓީ ކަމަށާއި ރިޔާސީ އިންތިހާބުގެ ނަތީޖާއިން އެކަން އެނގޭ ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފަ އެވެ. އެމްޑީޕީގެ މެމްބަރުންގެ ވިސްނުން އެޕާޓީގެ ރައީސް އާއި ޗެއާޕާސަންގެ ވާހަކައިން އެނގެން ދާތީ އުފާކުރައްވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، ކުޅޭކުޅޭ އެއްޗަކަށް ގާނޫނު އަސާސީ ހެދިޔަ ނުދިނުމަށް އެދޭ ކަމަށާއި "ވެރިކަމަށް އަންނަ މީހާ ހަތް އަހަރަށް ހަދަން ނުވަތަ ދެ ޓާމަށް ހަދަން،" ގާނޫނު އަސާސީ އަށް ބަދަލު ނުގެންނައުމަށާއި "ޕާލަމެންޓުގެ މެޖޯރިޓީ ބަޔަކަށް ލިބުނަސް އަދި ނުލިބުނަސް އެކަންކަމަކީ އެގޮތަށް ކުރެވޭނެ ކަންކަމަކަށް ނުވާނެ،" ކަމަށެވެ.

ސްރީލަންކާގެ ކުރީގެ ރައީސަށް ވީގޮތުން އިބްރަތް ހާސިލް ކުރުން މުހިންމު ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި ވެރިކަން ލިބުމުން ކުރިންވީ ވައުދާއި އަހުދު ނިމުމަކީ ވަރަށް ނިކަމެތިކަމެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ސިޔާސީ ފިއްތުންތައް ކުރިމަތި ކުރުވާތޯ ސުވާލުކުރުމުން ގާސިމް ވިދާޅުވީ، "އެބޭފުޅަކަށް އެނގޭނީ ފިއްތުންތައްތޯ ކުރިމަތި ކުރެވެނީ ނުވަތަ ނޫންތޯ. އަޅުގަނޑަށް ހީވަނީ، އެހެން ކަންކަން ކުރަން އުޅުނީމަ މާޒީގައި ދުނިޔޭގެ ގައުމުތަކުގައި އަދި ވަށައިގެންވާ ގައުމުތަކުން އިބްރަތް ހާސިލް ކުރަންޖެހޭނެހެން،" ކަމަށެވެ.

ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް އަރަން ޖެހޭ ކޮންމެ އޮޑިއަކަށް ތައްޔާރަށް އޮތް ކަމަށާއި އެ ނިންމުމަށް ކޮންމެ ބަޔަކު ދެކޮޅުހަދައި ބިރުދެއްކި ނަމަވެސް ފަހަތަކަށް ނުޖެހޭނެ ކަމަށް ގާސިމް ވަނީ ވިދާޅުވެފަ އެވެ.

"ކިތަންމެ ބޮޑު ބޭފުޅަކު ޖާނުން ބޮޑު ބޭފުޅަކު ވިދާޅުވިޔަސް އަޅުގަނޑުމެން ތުރުތުރެއް ނާޅާ އިރާދަކުރެއްވިއްޔާ. އަޅުގަނޑުމެން މިތިބީ ވަރަށް ސާބިތުކަމާ އެކު، ގާނޫނީ ހުދޫދުގެ ތެރެއިން އިމުގެ ތެރެއިން،" ގާސިމް ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގެ ޗެކްކުރުމާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ފަނޑިޔާރު އަލްއުސްތާޒު އާދަމް މުހައްމަދު ޢަބްދުﷲ އިސްތިއުފާ ދެއްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ގާސިމް ވިދާޅުވީ، އެކަމަށް އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު