ހދ. ނެއްލައިދޫގައި ބައްޕަޔަކު ބަލަމުން އައި ތިން ދަރިން ބަލައި އެ ކުދިންގެ މަންމަ ރަށަށް ދިޔުމުން އެ ރަށު ރައްޔިތުން ނުކުމެ އެ މަންމަ ރަށުން ބާލައިފި އެވެ.
ނެއްލައިދޫން ވާހަކަ ދެއްކި މީހަކު މިއަދު ސަން އަށް ކިޔައިދިން ގޮތުގައި މިއަދު ހެނދުނު 7:30 އެހާކަންހާއިރު، މޫނު ބުރުގާއަޅައިގެން ހުރި އަންހެނަކު އިތުރު ފިރިހެނަކާ އެކު އެ ރަށަށް އެރި ކަމަށާއި އޭނާ ރަށަށް އެރުމަށް ފަހު އޭނާލައިގެން ހުރި މޫނު ބުރުގާ ބޭލުމަށް ފަހު ދަރިން ހޯދުމަށް ކަމަށް ބުނެ ރަށު ތެރޭގައި އުޅެންފެށި ކަމަށެވެ.
ކުދިން ހޯދުމަށް ކަމަށް ބުނެ އޭނާގެ ކުރީގެ ފިރިމީހާގެ އާއިލާ މީހުންނާ ޒުވާބު ކުރަން ފެށުމުން އެ ރަށު ރައްޔިތުން ނުކުމެ އެ އަންހެން މީހާ އެ ރަށުން މިއަދު 9:30ގައި ބާލާފައިވާ ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ. އެއަންހެން މީހާ އެ ރަށުން ބޭލީ ރައްޔިތުން ބަދުނާމުވާ ގޮތަށް އެތައް ވާހަކައެއް ފަތުރާފައިވާ މީހަކަށް ވުމުން ކަމަށް ވެސް ނެއްލައިދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.
"ރައްޔިތުން ނުކުމެ އޭނަ ކުރީގައި ބަހައްޓައިގެން ރައްޔިތުން ފަހަތުގައި ތިބެގެން އެއްޗެތި ގޮވަމުން ފަހަމުން ގޮސް ލޯންޗަށް އަރުވައި އޭނާ ފޮނުވާލީ. އެކަން ކުރަން ވަރަށް ގިނަ ރައްޔިތުން ނުކުމެ ތިބި،" ނެއްލައިދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އެރަށަށް އެރި އަންހެން މީހާ އާއި ނެއްލައިދޫ ފިރިހެން މީހާގެ ކައިވެންޏަށް އުމުރުން ނުވަ އަހަރާއި ދެ އަހަރުގެ ދެ ފިރިހެން ކުއްޖަކާއި ފަސް އަހަރުގެ އަންހެން ކުއްޖަކު ލިބިފައިވާ އިރު އެ ކުދިން ބަލަނީ ބައްޕަގެ އާއިލާއިންނެވެ. އެ ފިރިހެން މީހާ އުޅެނީ ރަށުން ބޭރު ރިސޯޓެއްގައި ވަޒީފާއެއްގަ އެވެ. އެ އަންހެން މީހާ ދަރިން ނުބަލާ ކަމަށާއި ބައްޕަޔަށް ދަރިންބަލަން ޖެހުމުން އެތައް ގޮތަކަށް ރަށު ތެރޭ ވާހަކަ ދެކެވޭ ކަމަށް އޭނާ ބުންޏެެވެ.
ދަރިން ބަލައިދިޔަ އަންހެން މީހާ މިއަދު ސަން އަށް ކިޔައިދިންގޮތުގައި އޭނާ ދަރިންބަލައި އެރަށަށް ދިޔައީ ތިން މަސް ވަންދެން ދަރިންނާއި ވާހަކަދެއްކުމުގެ ފުރުސަތުވެސް ދީފައިނުވުމުންނެވެ. ކޯޓުން އޭނާއަށް އެދަރިން އޭނާ ކައިރިއަށް ގެންދިއުމަށް ބުނެފައިވާ ކަމަށާއި ނަމަވެސް ކުދިންގެ ބައްޕަގެ އާއިލާމީހުންނާއި އެރަށު މީހުން އޭނާއަށް ހުރަސް އަޅައި ދަރިން ދީފައިނުވާ ކަމަށް ވެސްވެ.
އެކަމާ ގުޅިގެން ނެއްލައިދޫ ކައުންސިލްގެ ބަހެއް ހޯދާލުމަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބް ނުދެއްވާތީ ކައުންސިލްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.