ސިވިލް ކޯޓުގެ ގާޒީ އާއިޝާ ޝުޖޫން މުހައްމަދު އިސްތިއުފާ ދެއްވާފައިވާތީ އޭނާގެ ޚިދުމަތްތަކުގެ އަގު އެކޯޓުން ވަޒަންކޮށްފި އެވެ.
ސިވިލް ކޯޓުގައި މިރޭ ބޭއްވި ހަފްލާއެއްގައި ޝުޖޫން ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން އޭނާއަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ. ޝުޖޫން ވަނީ އެ ކޯޓު ހިންގަވާ ގާޒީއެއްގެ ގޮތުގައި ވެސް ގިނަ ދުވަހު މަސައްކަތް ކުރައްވާފައެވެ.
ސިވިލް ކޯޓުގެ އިސް ގާޒީ އަލީ ރަޝީދު ހުސައިންގެ އިތުރުން ކޯޓުގެ ގާޒީންނާއި ހުރިހާ މުވައްޒަފުން ބައިވެރިވެ ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ސިވިލް ކޯޓުގެ ގާޒީންނާއި ބައެއް މުވައްޒަފުން ވަނީ ޝުޖޫންއާ މެދު އެބޭފުޅުންގެ ޝުއޫރުތައް ފާޅުކުރައްވާފައެވެ.
ޝުޖޫން ދައުލަތަށް ޚިދުމަތް ކުރައްވަން ފައްޓަވާފައިވަނީ 12 ފެބްރުއަރީ 1997 ގައެވެ. މަދަނީ ކޯޓުގެ ގާޒީ ކަމުގެ މަގާމަށް ޝުޖޫން އައްޔަން ކުރެވުނީ 11 ޖުލައި 2007 ގައެވެ. ޝުޖޫނަކީ ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ފަނޑިޔާރެވެ. 10 ފެބްރުއަރީ 2008 އިން ފެށިގެން 20 ޖެނުވަރީ 2009 ހަމަޔަށް ކިޔަވާވިދާޅުވުމަށްޓަކައި ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްފަހު އެނބުރި ވަޑައިގަތުމުން، 21 ޖަނަވަރީ 2009 ގައި ދެވަނަ ފަހަރަށް މަދަނީ ކޯޓުގެ ގާޒީގެ މަގާމަށް ޝުޖޫން އައްޔަންކުރެވުނެވެ. އޭގެފަހުން މެދުކެނޑުމެއްނެތި މަދަނީ ކޯޓުގައި، އަދި ސިވިލް ކޯޓު އުފެދުމުން ސިވިލް ކޯޓުގައި ޝުޖޫން ވަނީ މަސައްކަތް ކުރައްވާފައެވެ.