މިއަދަކީ މުބާރަކްގެ ވެރިކަން ވައްޓާލައި، އޭނާ ގައުމުން ބޭރުކޮށްލާ ދުވަހަކަށް ހެދުމަށް މިސްރުގެ ރައްޔިތުން ތައްޔާރުވަނީ

ޤާހިރާ: މިއަދަކީ މިސްރުގެ ރައީސް މުޙައްމަދު ޙުސްނީ މުބާރަކްގެ ޚުދުމުޚްތާރު ވެރިކަން ނިމުމަކަށް ގެނަސް އޭނާ ޤައުމުން ބޭރުކޮށްލުމުގެ ދުވަހެއްގެ ގޮތުގައި ހެދުމަށް މިސްރުގެ ރައްޔިތުން ޢަޒުމް ކަނޑައަޅައިފި ކަމަށް ޚަބަރު ލިބިއްޖެއެވެ.

މުބާރަކްގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ރައްޔިތުންގެ ތެރޭގައި ހިމެނޭ އިސްފަރާތްތަކާ ޙަވަލާދީ އަލްޖަޒީރާ ބުނިގޮތުގައި ރައްޔިތުންގެ ޖަމާޢަތްތަކާއި ކޮމިޓީތަކުން ގެންދަނީ މިއަދުގެ ހުކުރުނަމާދަށްފަހު ޤާހިރާގައާއި މިސްރުގެ އެކިރައްރަށުގެ މައިދާންތަކަށާއި މަގުތަކަށް އެތަށް މިލިޔަން ބައަކު އެއްކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.
ރޭވެސް ޤާހިރާގެ މައިދާނުއްތަޙްރީރަށާއި އިސްކަންދަރިއްޔާގެ މަގުތަކަށް ހަ ލައްކައެއްހާ މީހުން އެއްވެ މުބާރަކްގެ އަނިޔާވެރި ވެރިކަމަށް ވައްޓާލުމަށް ގޮވާލައި އިޙްތިޖާޖްކޮށްފައިވެއެވެ.

މައިދާނުއްތަޙްރީރަށް އިއްޔެ އެއްވެފައިތިބި ރައްޔިތުންނާދެކޮޅަށް ބަޑިއާއި އަތުބޮމާއެކު ކުއްލިއަކަށް ބައިގަނޑެއް ނުކުމެ ރައްޔިތުންނަށް ހަމަލާދީ މާރާމާރީ ހިންގައި އެތަށްބަޔަކު މަރައި ދޮޅުހާހެއްހާ މީހުން ޒަޚަމްކޮށްލާފައިވެއެވެ. މިއީ ރައީސް މުބާރަކުގެ ފަރާތުން ނާޖާއިޒުފައިދާ ލިބޭ ފަރާތްތަކާއި ކުލަހެދުމުގައި މުބާރަކް ނެރުއްވި ފުލުހުންގެ ބައިގަނޑެއް ކަމަށް މަސްރަޙް ބަލަމުންގެންދާ މުސްތަޤިއްލު ފަރާތްތަކާއި އިދިކޮޅު ފަރާތްތަކުން ބުނެއެވެ. މިބައިގަނޑު ނެރެ ރައްޔިތުންނަށް އަނިޔާކުރުމުގެ ސަބަބުން ރައްޔިތުންގެ ރުޅިވެރިކަން އިތުރުވެ މުބާރަކްގެ ޚުދުމުޚްތާރު ނިޒާމުގެ އަނދިިފަރާތް ވަނީ ކުރިޔަށްވުރެ ބޮޑަށް ހާމަވެފައެވެ. މިކަމުގެ ސަބަބުން މުބާރަކް މަޤާމުން ދުރުކުރުމަށްފަހު އޭނާ ދަންޖައްސައި މެރުމުގެ ރޫޙު މުޒާހަރާކުރާ ރައްޔިތުންގެ މެދުގައި އިތުރުވެ އެމީހުންގެ ޢަޒުމް އިތުރަށް ވަރުގަދަ ވެއްޖެ ކަމަށް ޚަބަރުތައް ބުނެއެވެ.

މުބާރަކަށް ތާއީދުކުރާ އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުންވެސްވަނީ މިއީ މުބާރަކްގެ ޢަމަލެއް ކަމަށް ސިފަވާގޮތަށް މުބާރަކަށް ފާޑުކިޔާފައެވެ. އަދި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުންވަނީ މިޖަރީމާގެ ފަހަތުގައިވާ މިސްރުގެ މަސްއޫލުވެރިން ޢަދާލަތަށް ޙާޒިރު ކުރުމަށް ގޮވާލާފައެވެ. މުބާރަކް ވިދާޅުވީ އޭނާގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ފަރާތްތަކަށް ހަމަލާދިނީ އޭނާގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު އިޚްވާނުލްމުސްލިމީން ޖަމާއަތުން ކަމުގައެވެ. ނަމަވެސް މިދެފަރާތަކީ މުބާރަކާ ދެކޮޅަށް މިހާރު މުޒާހަރާތައް އިންތިޒާމް ކުރުމުގައި ގުޅިގެން މަސައްކަތް ކުރަމުންގެންދާ ދެފަރާތެވެ.

މުބާރަކްގެ ކަންތައް ނިންމާލުމަށް މިއަދު ބާއްވާ ބޮޑު މުޒާހަރާގައި ބައިވެރިވުމަށްވުރެ ބޮޑު ޝަރަފެއް މިސްރުގެ ރައްޔިތަކަށް ދެން ނުލިބޭނެ ކަމަށާއި މިކަމުގައި ބައިވެރިވުމަށް މިސްރުގެ ފަނޑިޔާރުންނާއި ޤާނޫނީ ވަކީލުންނާއި ފަންނުވެރިންނާއި ދީނީޢިލްމުވެރިންނާއި މިސްރުގެ ޤަދަރުވެރިން ރައްޔިތުންނަށްވަނީ ގޮވާލައިފައެވެ.

މުބާރަކް ގެންދަވަނީ މިސްރުގެ ރައްޔިތުންގެ އެދުންތައް ބޮލާލާ ޖައްސަވައި ފަލަސްތީނުގެ ޙައްޤުތައް އެއްފަރާތްކުރެއްވުމަށްފަހު އިސްރާއީލާ ޤާތްގުޅުންތަކެއް ބާއްވައި އެމެރިކާފަދަ މުސްލިމުންގެ ދުޝްމަނުން ބޭނުންވާ ގޮތަށް މިސްރުގެ ލަގަންދޫކޮށްލައްވާފައި ކަމަށް މިފަރާތްތަކުން ބުނެއެވެ. އަދި މުބާރަކް ގެންގުޅުއްވާ އެމެރިކާ ރުއްސުމުގެ ސިޔާސަތުގެ ސަބަބުން ޢަރަބި އިސްލާމީ ރައްޔިތުންގެ މެދުގައި މިސްރުގެ އަގުވެެއްޓި އިސްލާމީ ދުނިޔޭގައި އިސްދައުރެއް އަދާކުރުމުގެ ފުރްސަތު މިސްރަށް ގެއްލިގެން ގޮސްފައިވާ ކަމަށާއި ރައްޔިތުން ބޭނުންވަނީ މިސްރުގެ މިދައުރު އަލުން ރުޖޫޢަ ކުރުމަށް ކަމަށްވެސް އިސްކަންދަރިއްޔާގެ އިސް ފަނޑިޔާރެއް ކަމަށްވާ މަހްމޫދުލް ޚުޟައިރީ ވިދާޅުވިއެވެ.

މުބާރަކް ވައްޓާލުމަކީ އެމެރިކާއަށާއި އިސްރާއީލަށްދެވޭނެ އެންމެ ބޮޑު މެސެޖް ކަމަށާއި މިކަމުގެ ސަބަބުން އިސްލާމީ ދުނިޔޭގެ ޤަދަރު އުފުލިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިއަދު މުޒާހަރާ ވަރަށް ވަރުގަދަވާނެ ކަމަށް ލަފާކޮށް
އެމެރިކާގެ ޚާރިޖިއްޔާއިންވެސްވަނީ ވާހަކަ ދައްކައިފައެވެ. (އަލްޖަޒީރާ)


ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު