އެޑިއު އޮޕްޝަންސް އަތުން ވިލިމާލޭ ޕްރީ ސްކޫލް އަތުލީ ގާނޫނާ ޚިލާފަށް: ސިވިލް ކޯޓު

ގަލަމް އިންޓަނޭޝަނަލް ޕްރީސްކޫލްގެ ނަމުގައި ވިލިމާލޭ ޕްރީ ސްކޫލް ހިންގަމުން ދަނިކޮށް، އެތަނުގެ ރަޖިސްޓްރީ ބާތިލްކޮށް އެޑިއުއޮޕްޝަންސް ޕްރައިވެޓް ލިމިޓެޑުގެ އަތުން އެތަން އަތުލާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން މިއަދު އެގޮތަށް ހުކުމް ކޮށްފައި ވަނީ އެޑިއުއޮޕްޝަންސް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުން އެޑިއުކޭޝަން މިނިސްޓްރީން ބާތިލްކުރުމާ ގުޅިގެން އެ ކުންފުނިން ހުށަހެޅި މައްސަލައަށް ޝަރީއަތް ހިންގުމަށްފަހު އެވެ.
ސިވިލް ކޯޓުގެ ހުކުމްގައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ގަލަމް އިންޓަނޭޝަނަލް ޕްރީ ސްކޫލްގެ ރަޖިސްޓްރީ ބާތިލް ކުރި ކުރުމަކީ ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައި ބުނާފަދަ ހާލަތެއް މެދުވެރިވެގެން ކޮށްފައިވާ ކަމެއް ކަމަށް ބެލެވެން ނެތް ކަމަށެވެ.

އެހެންކަމުން މިދިޔަ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހު ސޮއިކޮށްފައިވާ އެގްރީމެންޓުގެ ދަށުން ގަލަމް އިންޓަނޭޝަނަލް ޕްރީ ސްކޫލްގެ ހިންގަމުންދަނިކޮށް އެޑިއުކޭޝަން މިނިސްޓްރީން އެތަނުގެ ރަޖިސްޓްރީ ބާތިލް ކުރި ކުރުން ސައްޚަ ނޫން ކަމަށް އެ ހުކުމްގައިވެ އެވެ. އެޑިއުއޮޕްޝަންސް ޕްރައިވެޓް ލިމިޓެޑާއެކު ޕްރީ ސްކޫލް ހިންގަން ވެފައިވާ އެއްބަސްވުން ބާތިލްކުރި ކުރުން ސައްޚަ ނޫން ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

ގަލަމް އިންޓަނޭޝަނަލް ޕްރީ ސްކޫލްގެ ނަމުގައި ވިލިމާލޭ ޕްރީ ސްކޫލް ހިންގުމަށް އެޑިއުއޮޕްޝަންސް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމަކީ ބާތިލްނުވެ ހިނގަމުންދާ އެއްޗެއް ކަމުގައި ބެލުމަށް އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު