ނޮޅިވަރަންފަރުގެ ފެން ތަގައްޔަރުވެ، ރައްޔިތުން ސާފު ފެން ބޭނުން ވެފައި

ރާއްޖޭގެ އުތުރަށް ކުރި ވިއްސާރާގައި ހދ. ނޮޅިވަރަންފަރުގެ ޖަންކްޝަން ތަކުން ނަޖިސް ބޭރުވުމާ ގުޅިގެން އެރަށުގެ ބައެއް ހިސާބު ތަކުގައި ފެން ތަގައްޔަރުވެ، ރައްޔިތުން ސާފުފެން ބޭނުން ވެއްޖެއެވެ.

މިދިޔަ ހަފްތާގައި އެރަށަށް ކުރި ވިއްސާރައިގައި، އެންމެ ބޮޑަށް ފެން ތަގައްޔަރުވެފައި ވަނީ ޗައިނާ ސަރުކާރުން ގެތަށް އަޅާފައި ހުރި ސަރަހައްދު ތަކުގައެވެ. ހދ ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް ހަސަން ތައުފީގު 'ސަން' އަށް ވިދާޅުވީ ޖަންކްޝަން ތަކުން ނަޖިސް ބޭރުވެ ފެން ތަގައްޔަރުވުމާ ގުޅިގެން އެރަށުގެ ރައްޔިތުން ފެން ވެރުމަށާއި، ފާހާނާ ކުރުމަށް ވަޅުފެން ބޭނުން ނުކުރެވޭ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދަތިތަކާއި ކުރިމަތިލާން ޖެހިފައި ވާކަމަށް ތައުފީގު ވިދާޅުވިއެވެ.
ނޮޅިވަރަންފަރުގެ ޖަންގްޝަންތަކުން ނަޖިސް ބެރުވަމުންދާތީ އެކަން ހައްލުކުރުމަށް މަސައްކަތް ކުރަނީ ---- ފޮޓޯ: ހަސަން ތައުފީގު
ނޮޅިވަރަންފަރު ރައްޔިތުންނަށް ސާފު ފެން ފޯރުކޮށްދިނުމަށް ޑިޒާސްޓަރު މެނޭޖްމަންޓް ސެންޓަރުން ކުރަމުންދާ މަސައްކަތުގެ ދަށުން 100 ޓަނުގެ ފެން ވަނީ އެރަށަށް ފޯރުކޮށްދީފައެވެ.

މީގެ އިތުރުން ޖަންކްޝަން ތަކުން ނަޖިސް ބޭރުވުމުގެ ސަބަބުން ރަށުތެރެއިން ނުބައިވަސް ދުވާކަމަށް ތައުފީގު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޗައިނާ ސަރުކާރުން ގެތަށް އަޅާފައި ހުރި ސަރަހައްދުގައި ނަރުދަމާ ގާއިމު ކޮށްފައި ނުވާ ކަމަށާއި، ޖަންކްޝަން ވަޅުތައް ހުރީ ބިމަށް ހިނދޭ ގޮތަށް ހަދާފައި ކަމަށެވެ. ނަމަވެސް ފެން ފަށަލަ ތުނިވުމުގެ ސަބަބުން ފެން ބިމަށް ނުހިނދޭ ކަމަށާއި އެހެންވެ، ޖަންކްޝަންތައް ފުރުމުން ނަޖިސް ފެންގަނޑު ބަންޑުންވެގެން އަރަނީ މައްޗަށް ކަމަށް ތައުފީގު ވިދާޅުވިއެވެ.

"ޖަންކްޝަންތައް ފުރުމުން އެ ސަރަހައްދުގެ މީހުން ދުރު އެހެން ތަނެއްގައި ވަޅެއް ކޮނެފައި ޕަމްޕެއް ބޭނުންކޮށްގެން، ޖަންކްޝަން ހުސްކުރަނީ، ނަމަވެސް ކުއްޔަށް ހިފާ އެ ޕަމްޕަށާއި އެ މަސައްކަތް ކުރާ މީހުންނަށް އެ ސަރަހައްދުގައި އުޅޭ މީހުންގެ އަތުން ބޮޑު ހަރަދެއް ދޭ، ދުވާލަކަށް 300 ނުނީ ހަތަރުސަތޭކަ ރުފިޔާއަށް ޖަންކްޝަން ހުސްކޮށް ދެނީ،" ތައުފީގު ވިދާޅުވިއެވެ.

ޖަންކްޝަންތަކުން ނަޖިސް ބޭރުވުމުގެ ސަބަބުން ބޭރަށްހިންގުން ފަދަ ރޯގާއެއް ފެތުރުނަ ނުދިނުމަށްޓަކައި ރަށުގެ އެއްވެސް ހިސާބެއްގައި ވަޅުފެން ކްލޮރިން ކޮށްގެން ނޫނީ ބޭނުން ނުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބުއިމާއި ކެއްކުމަށް ރައްކާތެރިކަމާއެކު ނަގާ ވާރޭފެން ނުވަތަ ކެއްކިފެން ބޭނުން ކުރުމަށާއި، އާއްމު ސާފުތާހިރުކަމަށް އިތުރަށް ސަމާލުކަން ދިނުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ނޮޅިވަރަންފަރުގެ ޖަންކްޝަންތަކުން ނަޖިސް ބޭރުވެ ފެން ތަގައްޔަރުވެފައި ވާތީ އެކަން ހައްލުކުރުމަށް، އެމްއެންޑީއެފް އާއި، ފުލުހުން އަދި އެ ރަށުގެ ކައުންސިލް އިދާރާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ތައުފީގު ވިދާޅުވިއެވެ.

ޖަންކްޝަންތަކުން ނަޖިސް ބޭރުވުމާ ގުޅިގެން އެކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ގޮވާލައި އެ ރަށުގެ ރައްޔިތުން ކައުންސިލު ދޮަށަށް އެއްވެ ވަނީ އަޑު އުފުލާފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު