ސީރިއާގައި ސްކޫލް ބަހަކަށް ވައިގެ ހަމަލާއެއް އަމާޒުވެ، ހަތަރު ކުއްޖަކު މަރުވެއްޖެ

ސީރިއާގެ ހުޅަނގު އުތުރުގައި އެގައުމުގެ ވައިގެ ސިފައިން ދިން ހަމަލާއެއް ސްކޫލް ބަހަކަށް އަމާޒުވެ އޭގައި ދަތުރު ކުރި ހަތަރު ކުއްޖަކު މަރުވެ 10 ކުއްޖަކު ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށް، ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފި އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މޮނިޓާ ގްރޫޕުން ބުނި ކަމަށް އޭއެފްޕީއާ ހަވާލާދީ އަލް އަރަބިއްޔާގައި ބުނެފައި ވަނީ، އިދްލިބް ޕްރޮވިންސްގެ ވިލެޖެއް ކަމަށްވާ ޖުއްބާސްގެ ކައިރީގައި އެގައުމުގެ ވައިގެ ސިފައިން ދިން ހަމަލާއެއް ސްކޫލް ބަހަކަށް އަމާޒުވެ މަރުވެފައި ވަނީ، އުމުރުން 10 އަހަރުން ދަށުގެ ކުދިން ކަމަށެވެ.

"މަރުވި ކުދިންގެ އަދަދު އިތުރުވުން ވެސް އެކަށީގެންވޭ، އެކުދިންނަަށް ލިބިފައިވާ ޒަހަމްތަކުގެ ބޮޑުކުޑަމިނަށް ބަލާފައި،" ސީރިއާގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ އޮބްޒަވޭޓަރީ ގްރޫޕުން ބުންޏެވެ.

އިދްލިބަކީ، ސީރިއާގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރާ އަލްގައިދާއާ ގުޅުން އޮންނަ ޖަމާއަތެއް ކަމަށްވާ އަލް ނުސްރާ ފްރޮންޓްގެ ބާރުގެ ދަށަށް ގޮސްފައިވާ ޕްރޮވިންސެކެވެ. އިދިކޮޅު ހަނގުރާމަވެރި އެހެނިހެން ޖަމާއަތްތަކާ ގުޅިގެން ނުސްރާއިން ވަނީ، އިދްލިބްގައި ބާުގަދަކޮށް، އެ ޕްރޮވިންސްގައިވާ އަސްކަރިއްޔާގެ މުހިއްމު ދެ މަރުކަޒެއްވެސް އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެނެސްފައެވެ.

ސީރިއާގެ ރައީސް ބައްޝާރުލް އަސަދާ ދެކޮޅަށް އެ ގައުމުގައި 2011 ވަނަ އަހަރުން ފެށިގެން އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ ހަނގުރާމަތަކުގައި ސީރިއާގެ ވައިގެ ސިފައިންނަކީ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ބޭނުން ކުރާ މުހިއްމު "ޓޫލް"އަކަށް ވެފައިވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު