ބަދަލުގެ ގޮތުގައި 803 މިލިއަން ޑޮލަރު ހޯދަން ޖީއެމްއާރުން އެދެފި

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމަށް ދިވެހި ސަރުކާރުން ޖީއެމްއާރާ އެކު ވެފައިވާ އެއްބަސްވުން އުވައިލައި އެއާޕޯޓް ޖީއެމްއާރުގެ އަތުން ނެގުމުން އެކުންފުންޏަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 803 މިލިއަން ޑޮލަރު ހޯދަން ޖީއެމްއާރުން ހުށަހަޅައިފި އެވެ.

އެ މައްސަލާގައި އުޅުއްވާ ސަރުކާރުގެ އިސް އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ އެވަރުގެ ބޮޑު އަދަދެއް ގެއްލުމުގެ ބައްދަލުގެ ގޮތުގައި ދޭންޖެހޭނެ ކަމަށް ސަރުކާރުން ގަބޫލު ނުކުރާނެ ކަމަށެވެ. އަދި ޖީއެމްއާރުން ޓްރައިބިއުނަލަށް އެ މައްސަލަ މިފަހަރު ހުށަހަޅާފައި ވަނީ ފުރަތަމަ މަރުހަލާގައި ޓްރައިބިއުލަނުން ނިންމާފައިވާ ގޮތާ ހިލާފަށް ކަމަށް ވެސް ސަރުކާރުން ދެކޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއްބަސްވުން އުވާލައިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެހާ ބޮޑު އަދަދެއް ދިވެހި ސަރުކާރުން ދައްކަން ޖެހޭނެ ކަމަށް ގަބޫލެއް ނުކުރަަން. މިއަދު ޖީއެމްއާރުން ވަނީ އެ މައްސަލާގައި ޑޮކިއުމަންޓްތައް ފޮނުވާފައި، އެ މައްސަލާގައި ސަރުކާރު އަދި އެމްއޭސީއެލްގެ ފަރާތުން އުޅުއްވާ ވަކީލުން ގެންދަވަނީ އެ ލިޔުންތައް ދިރާސާ ކުރައްވަމުން،" އޮފިޝަލް ވިދާޅުވި އެވެ.

ޖީއެމްއާރުން އެ މައްސަލާގައި ޓްރައިބިއުނަލަށް އެންމެ ފުރަތަމަ ހުށަހަޅާފައި ވަނީ 1.4 ބިލިއަން ޑޮލަރު ހޯދުމަށެވެ. މި އަހަރުގެ ޖޫން މަހު ޓްރައިބިއުނަލްގައި އޮތް އެ މައްސަލައިގެ ފުރަތަމަ މަރުހަލާގައި އެ ކޯޓުން ނިންމީ ޖީއެމްއާރާ އެކު ސަރުކާރުން ހަދާފައި ވަނީ ރަނގަޅު އެއްބަސްވުމެއް ކަމަށެވެ. އަދި ގާނޫނާ ހިލާފަށް އެ އެއްބަސްވުން އުވާލާފައި ވާތީ އެކަމުގެ ޒިންމާ ދިވެހި ސަރުކާރާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނަގަން ޖެހޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ނަމަވެސް އެކަމުގެ ސަބަބުން ޖީއެމްއާރަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދެވޭނީ ވަކި މިންވަރަކަށް ކަމަށް ޓްރައިބިނަލުން އޭރު ވަނީ ބުނެފަ އެވެ.

ޖީއެމްއާރުން ދިވެހި ސަރުކާރަށާއި އިންޑިއާގެ ރަސްމީ ބައެއް ފަރާތްތަކަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ އެ ކުންފުންޏާ އެކު ދިވެހި ސަރުކާރުން ކޮށްފައިވާ އެއްބަސްވުން އުވާލައި، އެއާޕޯޓް އެ ކުންފުނީގެ އަތުން އަތުލައިފައި ވާތީ، ލިބިފައިވާ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 802،967،690.54 މިލިއަން ޑޮލަރު ހޯދަން އެދޭ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ޖީއެމްއާރަށް އެއާޕޯޓް ހަވާލުކުރީ އެތަން ތަރައްގީކުރުމަށެވެ. ނަމަވެސް އެ އެއްބަސްވުން އުވާލައި ޖީއެމްއާރުގެ އަތުން އެއާޕޯޓް އަތުލާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.

comment ކޮމެންޓް