ބާރަށު ސްކޫލުގެ ކުދިން ބުރުގާ އެޅުން މަޖުބޫރުކުރެވޭކަށް ނެތް: ސްކޫލް

ހއ. ބާރަށު ސްކޫލްގެ ގްރޭޑް ހަތަރަކުން މަތީ ގްރޭޑުތަކުގެ އަންހެން ކުދިން ސްކޫލް ޔުނީފޯމާ އެކު ބުރުގާ އެޅުން މަޖުބޫރު ކުރުމަށް އެ ރަށު ސްކޫލުގެ ބެލެނިވެރިން ނިންމާފައިވާ ނިންމުމަށް އަންނަ އަހަރު އަމަލު ކުރެވެން ނެތް ކަމަށް އެ ރަށު ސްކޫލުން ބުނެފި އެވެ.

ބާރަށު ސްކޫލުގެ ޕްރިންސިޕަލް އަހުމަދު އާސިފް މިއަދު ސަން އަށް ވިދާޅުވީ އެސުކޫލުގެ ބެލެނިވެރިން ނިންމި ނިންމުމަށް އަމަލު ކުރަން ހުއްދަ ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީގައި ދެއްނެވުމުން އެ މިނިސްޓްރީ އިން ދެއްވި ޖަވާބަކީ ޔުނީފޯމް ކޯޑަކަށް ބަދަލެއް ގެންނަ ނަމަ އެކަން ހަ މަސް ކުރިން ބެލެނިވެރިންނަށް އަންގަންޖެހޭނެ ކަމަށެވެ. އަދި އަންނަ އަހަރު އެގަވައިދަށް ދެން އަމަލު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިނިސްޓްރީ އިން ދެއްނެވީ ޔުނީފޯމް ކޯޑަށް ބަދަލު ގެންނަ ނަމަ ހަ މަސް ދުވަހުގެ މުއްދަތެއް އެކަމަށް ތައްޔާރުވާން ބެލެނިވެރިންނަށް ދޭން ޖެހޭނެ ކަމަށް، ދެން އަންނަ އަހަރު ފެށެން ނެތް ދެއްތޯ ހަ މަސް ދުވަހެއް، އެހެންވެ އެގަވައިދަށް އަމަލެއް ނުކުރެވޭނެ،" އާސިފް ވިދާޅުވި އެވެ.

އާސިފް ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީ އިން އެންގި އެންގުން ރޭގައި އެރަށު ސުކޫލުގެ ބެލެނިވެރިންނާއި ހިސާކޮށްފައިވާ ކަމަށާއި އެކަމާއި ބެލެނިވެރިން ދެކޮޅު ނުހަދާ ކަމަށެވެ.

މިމަހުގެ ކުރީކޮޅު ބާރަށު ސްކޫލުގެ ޔުނީފޯމް ކޯޑަށް ބަދަލުގެނައުމަށް ސްކޫލުގެ ފަރާތުން ބެލެނިވެރިންނާއި މަޝްވަރާ ކުރުމުން ބެލެނިވެރިންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ވޯޓުދީފައި ވަނީ އަންނަ އަހަރުން ފެށިގެން ގްރޭޑް ހަތަރަކުން މަތީ ގްރޭޑްތަކުގެ ކުދިން ސްކޫލް ޔުނީފޯމާ އެކު ބުރުގާ އަޅަން މަޖުބޫރު ކުރުމަށެވެ.

"ބެލެނިވެރިންގެ ބައްދަލުވުމަށް ހާޒިރުވި 83 ބެލެނިވެރިންގެ ތެރެއިން 55 ބޭފުޅުންގެ ވޯޓުން އެގޮތަށް ނިންމީ،" ބާރަށުން ސަން އަށް މައުލޫމާތު ދިން ބޭފުޅަކު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު